ރަނގަޅު ފޯމެއްގައި އޮތް ނަޕޯލީ އިން އިޓާލިއަން ލީގުގައި ރޭ ރަށުން ބޭރުގައި ސެލާނިޓާނާ 2-0 އިން ބަލިކޮށް ލީގުގެ އެއްވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ނަޕޯލީ އެއްވަނައިގައި އޮތީ 19 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އޭސީ މިލާނަށް 18 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. އިންޓަ މިލާން އޮތީ 37 ޕޮއިންޓާ އެކު ތިންވަނައިގަ އެވެ. ހަތަރު ވަނައިގައި މިހާރު އޮތީ 34 ޕޮއިންޓް ލިބިފައިވާ ލާޒިއޯ އެވެ. މަކަރުހެދުމުގެ ތުހުމަތު ސާބިތުވި ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކުރުމުން އެޓީމު މިހާރު އޮތީ 10 ވަނައިގަ އެވެ.
ސެލާނިޓާނާ ކޮޅަށް ނަޕޯލީގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޖިއޮވާނީ ޑި ލޮރެންޒޯ އެވެ. ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ނަޕޯލީގެ ލީޑު ފުޅާކޮށްދިނީ ވިކްޓާ އޮސީމެން އެވެ. މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި އޮސީމެން މިހާރު އޮތީ އިޓާލިއަން ލީގު ލަނޑު ލިސްޓުގެ އެއްވަނައިގަ އެވެ.
ލީގުގައި ނަޕޯލީއާ ވާދަކުރަމުން އަންނަ އޭސީ މިލާން މި ހަފްތާ ނުކުންނާނީ ލާޒިއޯއާ ދެކޮޅަށެވެ. އިންޓަ މިލާން ކުޅޭނީ އެމްޕޮލީއާ އެވެ.
ނަޕޯލީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި އޮތްއިރު ލީގު ހޯދުމުގައި ފޭވަރިޓަކީ އެޓީމެވެ. އެޓީމަށް އެންމެ ފަހުން އިޓަލީ ލީގު ލިބުނީ 1990 ވަނަ އަހަރު ޑިއޭގޯ މަރަޑޯނާގެ ކެޕްޓަންކަމުގަ އެވެ.