ކުޅިވަރު

ރޯމާ އިން އިންޓަ ބަލިކޮށްފި، މިލާނަށް އާދަޔާހިލާފު މޮޅެއް

އިޓާލިއަން ލީގުގައި ރޭ ފަހަތުން އަރައި ރޯމާއިން 2-1 އިން އިންޓަ މިލާން ބަލިކުރިއިރު ނަޕޯލީ އާއި އޭސީ މިލާން ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ޓޮރީނޯ އަތުން ނަޕޯލީ މޮޅުވީ 1-3 އިންނެވެ. ރަށުން ބޭރުގައި އެމްޕޮލީ އަތުން ޗެމްޕިއަން އޭސީ މިލާން މޮޅުވީ 3-1 އިންނެވެ.

ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގެ 30 ވަނަ މިނެޓުގައި އިންޓަ އިން ލީޑު ނެގީ ފެޑެރިކޯ ޑިމާކޯ ޖެހި ލަނޑުންނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕައޮލޯ ޑިބާލާގެ ލަނޑުން ރޯމާ އެއްވަރުކުރި އެވެ. މެޗުގެ 75 ވަނަ މިނެޓުގައި ރޯމާ މޮޅުކޮށްދިން ލަނޑު ބޮލުން ކާމިޔާބުކޮށްދިނީ ޑިފެންޑަރު ކްރިސް ސްމޯލިން އެވެ. މިއީ މި ސީޒަނުގައި ސްމޯލިން ޖެހި ދެ ވަނަ ލަނޑެވެ.

މިއީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުން އިންޓަ އަތުން ރޯމާ އަށް ލިބުނު ފުރަތަމަ މޮޅެވެ. މުހިއްމު މެޗަކުން ބަލިވިއިރު އިންޓަ އޮތީ މި ސީޒަނުގައި ފޯމު ދަށްކޮށެވެ. ލީގުގައި މިހާތަނަށް ކުޅުނު 8 މެޗުގެ ތެރެއިން 4 މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.

ރޭ އެންމެ ފޯރިގަދަކޮށް ފެނުނީ މިލާން އިން އެމްޕޮލީ ބަލުކުރި މެޗެވެ. މި މެޗުގެ އިތުރު ވަގުތާ ހަމައަށް ދިޔައިރު އަންޓޭ ރެބިޗްގެ ގޯލުން ކުރީގައި އޮތީ މިލާން އެވެ. އެކަމަކު އިތުރު ވަގުތުގައި ވަނީ ތިން ގޯލު ފެނިފަ އެވެ. އެމްޕޮލީ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ނެދިމް ބަރާމީ ޖެހި ގޯލުންނެވެ. އެކަމަކު އޭގެފަހުން މިލާނުން ވަނީ އިތުރު ދެ ގޯލު ޖަހައި ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފަ އެވެ. އެޓީމުގެ ދެވަނަ ލަނޑު ބަލޯ-ޓޫރޯ ޖެހިއިރު އިތުރު ވަގުތުގެ ހަތް ވަނަ މިނެޓުގައި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރަފައެލް ލިއާއޯ އެވެ.

ނަޕޯލީ އިން ޓޮރީނޯ ބަލިކުރި މެޗުގައި ޒަމްބޯ އަންގުއީސާ ވަނީ ދެލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ވަރަޝްކެލިއާ އެވެ. ޓޮރީނޯގެ ހަމައެކަނި ލަނޑު ޖަހައިދިނީ ސަނަބްރިއާ އެވެ.

ރޭގެ މެޗުތަކަށް ފަހު ނަޕޯލީ އެއްވަނައިގައި އޮތީ 8 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އެޓަލާންޓާ އާއި ތިން ވަނައިގައި އޮތް މިލާނަށް ލިބިފައިވަނީ 17 ޕޮއިންޓެވެ. މި ހަފްތާ ކުޅޭ މެޗުން މޮޅުވެގެން އެޓަލާންޓާ އަށް ނަޕޯލީއާ ޕޮއިންޓުގެ ގޮތުން ހަމަކުރެވޭނެ އެވެ. މޮޅާ އެކު 16 ޕޮއިންޓް ހޯދައި ރޯމާ ވަނީ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އިންޓަ އޮތީ 12 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.