އިޓަލީގެ އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ އިންޓަ މިލާން -- ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގޮސްފި އެވެ.
މިލާން ޑާބީގެ މި މެޗު އިންޓަ އިން ކާމިޔާބު ކުރީ 1-0 އިން އެވެ.
އިޓަލީގެ ރޯމަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ އިންޓަ މިލާނާއި އޭސީ މިލާނަކީ އިޓަލީގެ ފުޓްބޯޅައިގައި ރަސްކަން ކުރަމުން އަންނަ ދެ ކްލަބެވެ. މި ދެކުލަބުގެ ވާދަވެރިކަމަކީ އިޓަލީގައި ފޯރިގަދަ ފުޓްބޯޅަ މެޗުތަކެކެވެ.
ރޭގެ ސްޓޭޑިއަމް ފުރާލާފައި އޮތް މެޗު ފެށިގެން ދެ ޓީމުން ވެސް ބެލީ އަވަހަށް ގޯލެއް ސްކޯކޮށް ހަމަޖެހިލުމަށެވެ. ފުރަތަމަ ހާފްގައި ދެ ޓީމުންވެސް މޮޅަށް ކުޅެމުން ގޮސްފައިވެ އެވެ. އެގޮތުން ދެ ޓީމުގެ ފޯވަޑުންނަށްވެސް ގޯލު ޖަހާނެ ރަނުގެ ފުރުސުތަކެއް ލިބިގެންގޮސްފައިވެ އެވެ.
އޭސީ މިލާނަށް މިލެގުގެ ފުރަތަމަ ބުރުގެ މެޗު 2-0 އިން ގެއްލިފައި އޮތުމުން ބޮޑު ޕްރެޝަރެއް އޮތެވެ. އެ ޕްރެޝަރު އިތުރުވެގެން ދިޔައީ މެޗު ފެށިގެން އަވަހަށް ގޯލެއް ޖަހަން އުޅެ ގޯލެއް ޖަހާލެވޭ ގޮތް ނުވުމުގެ ސަބަބުންނެވެ.
އޭސީ މިލާން ޕްރެޝަރުގައި ކުޅެމުންގޮސް ގޯލެއް ނުޖެހި އުޅެނިކޮށް އިންޓަ އިން ވަނީ އާޖެންޓިނާގެ މޮޅު ސްޓްރައިކަރު ލައުޓާރޯ މާޓިނޭޒްގެ ހިތްގައިމު ގޯލުން މެޗުގެ 74 ވަނަ މިނެޓްގައި ސްކޯކޮށްފަ އެވެ.
މި ލަނޑު ޖެހުމަށް ޕާސް ދިނީ ބެލްޖިއަމްގެ މަޝްހޫރު ފޯވާޑް ލުކާކޫ އެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ޕާހާއި އެކު ލައުޓާރޯ ވަނީ ފަޅި ސިކުންތު ކޮޅެއްގެ ތެރޭގައި ގޯލަކަށް ބަދަލުކޮށްލައި އޭސީ މިލާނުގެ އުއްމީދު ފެނަށް ދުއްވާލާފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޓާ ޕްލޭޔާ ލައުޓާރޯ މާޓިނޭޒް އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ފަހު ޖާގަ ހޯދަން ގާޑިއޯލާގެ މެންޗެސްޓާ ސިޓީ އާއި ކާލޯ އެންޗެލޯޓީގެ ސްޕޭނުގެ ގަދަބާރު ރެއާލް މެޑްރިޑްވެސް މިރޭ ނިކުންނާނެ އެވެ. މި ދެޓީމުގެ ފުރަތަމަ ބުރުގެ ކުރިމަތިލުން ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ. އެހެންވެ މިރޭގެ މެޗު ވެގެންދާނީ ފައިނަލެއް ފަދަ ވާދަވެރި ކުޅުމެއް ފެނިގެންދާނެ މެޗަކަށެވެ.