ޗެމްޕިއަންސް ލީގް

އިންޓަ މިލާނުން ގަދަފަދަ ސިޓީ ހުއްޓުވައިފި

މެންޗެސްޓާ ސިޓީ އާއި އިންޓަ މިލާން ދެމެދު ރޭ ބޭއްވުނު ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗު ނިމިގެން ދިޔައީ ދެ ޓީމުން އެއްވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މި މެޗު ކުޅުނީ މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމް ގައެވެ.

މިއީ 2022 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން ޗެމްޕިއަންސް ލީގުގެ މެޗެއްގައި އަމިއްލަ ދަނޑުގައި ސިޓީއަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ. އަދި މިއަހަރުގެ ތެރޭގައި ސިޓީއަށް ލަނޑެއް ނުޖެހި ނިމުނު ދެވަނަ މެޗެވެ.

ކުރިން މިފަދަ ނަތީޖާއެއް އައިސްފައިވަނީ މި އަހަރުގެ މާޗު މަހު އިނގިރޭސި ޕްރިމިއަ ލީގުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބައްދަލުކުރި މި ދެ ޓީމުގެ މެދުގައި ކުޅުނު ރޭގެ މެޗުގައި އިންޓަ އިން ވަނީ ވަރުގަދަ ޑިފެންސެއް ކޮށް، ސިޓީގެ ހަމަލާތަކުގެ ނުރައްކާތެރިކަން ކުޑަކޮށްފަ އެވެ. މުޅި މެޗުގައިވެސް ސިޓީއަށް ލަނޑުޖެހުމަށް މާގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެ އެވެ.

މެޗުގެ ދެވަނަ ހާފުގައި ކުޅެން ނުކުތް އިލްކާއި ގުންޑޮގާން އާއި ފިލް ފޯޑެން އަދި ޔޮޝްކޯ ގްވާޑިއޯލް ފޮނުވާލި ހަމަލާތައް އިންޓަގެ ގޯލްކީޕަރު ޔެން ސޮމާ ވަނީ ހުއްޓުވާފަ އެވެ. ސިޓީގެ ނުރައްކާތެރި ފޯވާޑް އާލިން ހާލަންޑަށްވެސް މި މެޗުގައި އިންޓަގެ ޑިފެންސަށް މާބޮޑު ނުރައްކަލެއް ނުކުރެވުނެވެ.

އިންޓަ މިލާނަށް އެންމެ ރަނގަޅު ފުރުސަތު ލިބުނީ މެޗުގެ 76 ވަނަ މިނެޓް ގައެވެ. ނަމަވެސް ހެންރިކް މިޚިތާރްޔާންގެ ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން އެ ޓީމުގެ ކެޕްޓަން ލަޓާރޯ މާޓިނޭޒް ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން ވަނީ ހުއްޓުވާފަ އެވެ.