އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީ މެޗުގައި އިންޓަ މިލާނުން 0-1 އިން އޭސީ މިލާން ބަލިކޮށްފި އެވެ.
ލީގުގެ އެއްވަނައިގައި އޮތް ނަޕޯލީ ރޭ ވަނީ ރަށުން ބޭރުގައި ސްޕެޒިއާއާ ވާދަކޮށް 3-0 އިން މޮޅުވެފަ އެވެ. ނަޕޯލީ މިހާރު އެއްވަނައިގައި އޮތީ 56 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް އިންޓަ އަށް 43 ޕޮއިންޓް ލިބިފައިވާއިރު އިންޓަ އަތުން ބަލިވި މިލާން މިހާރު އޮތީ ހަ ވަނައިގަ އެވެ.
ފީފާ ވޯލްޑް ކަޕަށް ފަހު މިލާންގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ. ހުރިހާ މުބާތާރެއްގައި އެޓީމު އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވި އެވެ. މިއާއެކު ލީގު ރޭހުން ވެސް މިހާރު އެޓީމު ވަނީ ބޭރުވެފަ އެވެ. މެދުކެނޑުމަކަށް ފަހު މިދިޔަ ސީޒަނުގައި މިލާނުން ވަނީ އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ.
ރޭގެ މެޗުގައި އިންޓަގެ ހަމައެކަނި ގޯލު 34 ވަނަ މިނެޓުގައި ޖެހީ ލަޓާރޯ މާޓީނޭޒް އެވެ. މާޓިނޭޒް އަކީ ވޯލްޑް ކަޕަށް ފަހު އެންމެ ރަނގަޅު ފޯމުގައި ހުރި އެއް ފޯވާޑެވެ. މާޓީނޭޒް ގޯލު ޖެހީ ހަކާން ޗަންގަލޫ ނަގައިދިން ކޯޏަރަކުން ބޮލުންނެވެ.
މޮޅަށް ކުޅުނު އިންޓަ އިން މެޗުގެ ފަހުކޮޅު ޖެހި ދެ ގޯލު ވީއޭއާރުގެ އެހީގައި ވަނީ ކެންސަލްކޮށްފަ އެވެ. ބެންޗުން ކުޅެން އެރި ރޮމެލޫ ލުކާކޫ އާއި މާޓީނޭޒްގެ ބޯޅަތައް ގޯލަށް ނުވީ އޮފްސައިޑްގައި ހުރުމުންނެވެ.
މެޗުގައި މިލާނަށް އިންޓަގެ ގޯލާ އަމާޒުކޮށް ފުރަތަމަ ހަމަލާ ފޮނުވާލެވުނީ ވެސް 75 ވަނަ މިނެޓުގަ އެވެ. އެކަމަމު ބްރަހިމް ޑިއާޒް ފޮނުވާލި ބޯޅަ އިންޓަގެ ގޯލްކީޕަރު އަންދްރޭ އޮނާނާ ވަނީ މަތަކޮށްފަ އެވެ.