އިނގިރޭސި ޓޮޕް ކްލަބް އާސެނަލް އިން މިވަގުތު ފްރާންސްގެ ޚައިމްސް އަށް ލޯނެއްގެ ދަށުން ދޫކޮށްފައިވާ ސްޓްރައިކަރު ފޮލަރިން ބަލޮގަން އަށް އޭސީ މިލާނުން ޝައުގުވެރިވެއްޖެ އެވެ.
އައި ރޮސެނޭރީ އިން މިވަގުތު އެންމެ ބޮޑު ޝައުގުވެރިކަމެއް އުމުރުން 21 އަހަރުގެ ބަލޮގަންއާ މެދު އުފެދިފައިވާއިރު އޭނާ މިލާނަށް ގެނައުމަށް ރަސްމީކޮށް މިވަގުތު ދަނީ މަޝްވަރާވެސް ކުރަމުންނެވެ.
ބަލޮގަން ވަނީ މި ސީޒަންގައި ފްރެންޗް ލީގުގައި މެސީ އަދި ނޭމާއަށް ވުރެ ގިނައިން ގޯލް ޖަހައި، 20 ގޯލް މިހާތަނަށް ޖަހާފަ އެވެ.
ބަލޮގަންގެ މޮޅު ކުޅުމާއެކު މިދިޔަ ހަފްތާގައި ވަނީ އެމެރިކާގެ ގައުމީ ޓީމަށްވެސް ނަގާފަ އެވެ. ގައުމީ ޓީމަށް ބަލޮގަން ނަގާފައި މިވަނީ ފީފާ އިން އޭނާ އެމެރިކާގެ ގައުމީ ޓިމަށް ކުޅުމުގެ ހުއްދަ ދިނުމުންނެވެ. ބަލޮގަން އުފަންވެފައިވަނީ އެމެރިކާގެ ބްރޫކްލިން އަށެވެ. ނަމަވެސް އޭނާ ދިރިއުޅެމުން އައިސްފައިވަނީ ލަންޑަންގައި ކަމަށްވެފައި އޭނާ އަކީ ނައިޖީރިއާގެ ދެމެފިރިއަކަށް ލިބިފައިވާ ދަރިއެއް ކަމުން އެކަން ކޮޅެއްގައި ޖައްސަން ޖެހުނީ އެވެ.
މިދިޔަ އާދީއްތަ ދުވަހު ބަލޮގަން ފްރެންޗް ލީގުގައި ޖެހި 20 ވަނަ ގޯލާއެކު ޔޫއެސް ނެޝަނަލް ސްކޮޑް ޓުވިޓާގައި ބަލޮގަންގެ އެ ގޯލު ފާހަގަކޮށްފައިވަނީ ގައުމީ ޓީމަށް އޭނާ ނެގުމާވެސް އެކުއެކީ އެވެ.
އޭސީ މިލާނަށް ބަލޮގަން ގެނައުމަށް އެހާ ފަސޭހަވާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ޖަރުމަނުގެ ބާރު ލީޕްޒިގުންވެސް އޭނާ ގެނައުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ މި ދެޓީމުގެ ދެމެދުގައި ވަރުގަދަ ހިފުމަކަށް ދާނެތީ އެވެ. މީގެ އިތުރުން އާސެނަލް އިން އޭނާގެ ޓްރާންސްފާ ފީ އަށް ކިޔާ 30 މިލިއަން ޕައުންޑްގެ ފީ އަކީވެސް އޮތް ގޮންޖެހުމެކެވެ. ނަމަވެސް އޭސީ މިލާނުން ދަނީ ސީޒަން ނިމުމުގެ ކުރިން އޭނާގެ ޑީލް ނިންމުމަށްޓަކައި ސީދާ ބަލޮގަންގެ އެޖެންޓާ ވާހަކަދައްކަން މަސައްކަތް ކުރަމުންނެވެ.
އަނެއްކޮޅުން ޗެލްސީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަން އުޅޭއިރު މީގެތެރޭގައި މިޑްފީލްޑަރު ލޮފްޓަސް ޗީކް ހިމެނެ އެވެ. އޭނާ އަކީ މި ސީޒަންގައި ފުލް 11 ގައި ހިމެނިގެން 18 މެޗު ފަށާފައިވާ ކުޅުންތެރިޔެ އެކެވެ. އަދި ފަސް މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަރާފައިވާ ލޮފްޓަސް ޗީކް ގެނައުމަށްވެސް އޭސީ މިލާނުން ދަނީ މަސައްކަތް ކުރަމުންނެވެ. ޖަރުމަނުގެ ފްރެންކްފާޓްގެ އުމުރުން 26 އަހަރުގެ އެޓޭކިން މިޑްފީލްޑަރު ޑައިޗީ ކަމާޑާގެ ކޮންޓްރެކްޓް މިސީޒަންގެ ނިޔަލަށް ހަމަވާތީ އޭނާ ގެނައުމަށްވެސް މިލާނުން މަސައްކަތް ކުރަމުންދާ ކަމަށް އިޓަލީގެ ބޮޑެތި ކުޅިވަރު ނޫސްތަކުންވަނީ ބުނެފަ އެވެ.