އިޓާލިއަން ލީގުގައި އޭސީ މިލާނާއި ބޮލޮގްނާ ބައްދަލުކުރި މެޗުން މޮޅުވެ ތާވަލުގެ އެއްވަނައަށް މިލާން އަރައިފި އެވެ.
ބޮލޮގްނާގެ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކުރީ 4-2 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ މިލާނުންނެވެ. މި ގޯލަކީ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ރަފައެލް ލެއާއޯ ހަނި އޭންގަލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމޔާބު ކޮށްދިން ގޯލެކެވެ. އޭގެ އިރުކޮޅެއް ފަހުން މިލާނުގެ ރާޑް ކްރުނިޗަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ބޮލޮގްނާގެ އަޑަމާ ސޫމާރޯއަށް ސީދާ ރަތް ކާޑެއް ދައްކާފަ އެވެ. އޭގެ ފައިދާ ނަގައި މިލާނުގެ ޑޭވިޑޭ ކަލަބާރިއާ ވަނީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުނީ 2-0 އިން މިލާން ކުރީގައި އޮވެގެންނެވެ.
ބޮލޮގްނާއިން ރަނގަޅު ކުޅުމަކާއެކު ދެވަނަ ހާފަށް ނިކުމެ ނަތީޖާ ހަމަހަމަ ކުރި އެވެ. އެޓީމުގެ ފުރަތަމަ ގޯލަކީ މިލާނުގެ ޒްލަޓަން އިބްރާހިމޮވިޗް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ބޮލޮގްނާއަށް ދެވަނަ ގޯލެއް ޖަހައި ނަތީޖާ ހަމަހަމ ކޮށްދިނީ މޫސާ ބަރޯ އެވެ.
އޭގެ ހަ މިނެޓު ފަހުން ބޮލޮގްނާގެ ރޮބާޓޯ ސޮރިއާނޯ ކުރި ފައުލަކާއޮި ގުޅިގެން ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާފަ އެވެ. މީގެ ސަބަބުން ދެ ކުޅުންތެރިން މަދުކޮށް ކުޅެން ޖެހި ބޮލޮގްނާއަށް ވަނީ މިލާނުގެ ކައިރީގައި ހިފަހައްޓާ ނުލެވިފަ އެވެ. ނަތީޖާ އަކަށްވީ މިލާނުން އިތުރު ދެ ގޯލު ޖަހައި މެޗުން މޮޅުވުމެވެ. މިލާނަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ އިސްމައެލް ބެނަސާ އެވެ. މި ލީޑު އިތުރަށް ފުޅާ ކޮށްދިނީ އިބްރާހިމޮވިޗް އެވެ.
މި ނަތީޖާއާއެކު މިލާނުން ވަނީ ނުވަ މެޗު ކުޅެގެން ލިބުނު 25 ޕޮއިންޓާއި އެކު ތާވަލުގެ އެއްވަނައަށް އަރާފަ އެވެ. ބޮލޮގްނާ ތާވަލުގެ ނުވަ ވަނައިގައި އޮތީ ނުވަ މެޗުން ލިބުނު 12 ޕޮއިންޓާއި އެކުގަ އެވެ.
އިޓާލިއަން ލީގުގައި ރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު، ވެނޭޒިއާ އަތުން ސަސޫލޯ މޮޅުވީ 3-1 ގެ ނަތީޖާ އަކުންނެވެ. ސެލަނީޓާނާގެ މައްޗަށް އެމްޕޯލީ ކުރިހޯދީ 4-2 އިންނެވެ.