ސެރީ އޭ

ފުރަތަމަ މެޗުން އޭސީ މިލާނަށް މޮޅެއް

އީޓަލިއަން ލީގުގައި އޭސީ މިލާނާއި ސަމްޑޯރިއާ ބައްދަލު ކުރި މެޗުން މިލާން މޮޅުވެއްޖެ އެވެ.

މިއީ ލީގުގެ މި ފަރަހުގެ ސީޒަންގައި މިލާން ކުޅުނު ފުރަތަމަ މެޗެވެ. ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗުން މިލާން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މިލާނަށް މޮޅެއް ލިބުނު އިރު އެ ޓީމުގެ ގޯލު ފެނިފައި ވަނީ މެޗު ފެށިގެން ގިނައިރެ ނުވަނީސް ފުރަތަމަ ހާފުގެ ނުވަ ވަނަ މިނެޓުގަ އެވެ. މި ގޯލަކީ ޑޭވިޑް ކަލާބްރިއާ ދިން ޕާހަކުން ބްރާހިމް ޑިއާޒް ކާމިޔާބު ކޮށްދިން ގޯލެކެވެ.

އޭގެ ފަހުން ނަތީޖާ ހަމަހަމަ ކުރަން ސަމްޑޯރިއާގެ މަނޯލޯ ގަބިއަޑީނީއަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ހިލޭ ޖެހުން ކީޕަރުގެ އަތު ޖެހިފައި އަމާޒުވި ގޯލުގެ ހުރަސް ދަނޑިއަށެވެ. އިރުކޮޅެއް ފަހުން ގޯލުގެ ހަނި އޭންގަލުން މަނޯލޯ ފޮނުވާލި ބޯޅާ ވެސް މިލާންގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

އިތުރު ގޯލު ތަކެއް ޖަހައި ލީޑު ފުޅާ ކުރަން މިލާނަށް ރަނގަޅު ފުރުސަތު ތަކެއް ލިބުނެވެ. ނަމަވެސް އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ޑިއާޒް ފޮނުވާލި ބޯޅަ ކީޕަރު މަތަކުރި އިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރެބިކް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި މިލާނުން ވަނީ ޗެލްސީ ދޫކޮށް އެ ޓީމާއި އަލަށް ގުޅުނު އޮލިވާ ޖިރޫޑް ފުރަތަމަ 11 ގައި ހިމަނާފަ އެވެ. ލީގުގައި ދެން މިލާން ބައްދަލު ކުރާނީ ކަލިއާރީއާ އެވެ. ސަމްޑޯރިއާ ބައްދަލު ކުރާނީ ސަސުއޯލޯއާ އެވެ. މި ދެމެޗު ވެސް އޮންނާނީ އަންނަ ހަފުތާގެ އާދީއްތަ ދުވަހު އެވެ.