ސެރީ އޭ

މިލާންއަށް ފަސޭހަ މޮޅެއް

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން އޭސީ މިލާން ފަސޭހަ މޮޅެއް ހޯދައިފި އެވެ.

މިލާންގެ ދަނޑުގައި ރޭ ކައިލަރީއާއި ބައްދަލުކުރި މެޗުން މިލާން މޮޅުވީ 4-1 އިންނެވެ. މެޗުގެ ހުރިހާ ލަނޑެއް ވެސް ފުރަތަމަ ހާފުގައި ފެނުނުއިރު، ޗެލްސީ ދޫކޮށް މިލާން އާއި ގުޅުނު އޮލިވާ ޖިރޫޑް ވަނީ މި މެޗުގައި ދެ ގޯލު ޖަހާފަ އެވެ.

މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ މިލާން ޓީމުންނެވެ. ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މިލާނަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ސަންޑްރޯ ޓޮނާލީ އެވެ. އެކަމަކު މިލާނަށް ލީޑު ހިފަހައްޓާލެވުނީ ތިން މިނެޓުގަ އެވެ. މެޗުގެ 15 ވަނަ މިނެޓުގައި ކައިލާރީން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ކައިލާރީގެ ޕެޑްރޯ އޭރިއާ ތެރެއަށް ސޮއްސާލި ބޯޅައެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެން މި ގޯލު ކައިލާރީއަށް ކާމިޔާބު ކޮށްދިނީ އަލެސަންޑްރޯ ޑައިއޯލާ އެވެ.

އޭގެ ދެ މިނެޓު ފަހުން މިލާނަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ރަފައެލް ލިއާއޯ އެވެ. އޭރިއާ ބޭރުން ރަފައެލް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ އެޓީމުގެ ބްރާހަމް ޑިއާޒްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮހެވެ. މެޗުގެ 24 ވަނަ މިނެޓުގައި ޖިރޫޑް ޖެހި ގޯލަކީ ޑިއާޒް ދިން ޕާހަކުން ޖެހި ގޯލެކެވެ. އޭގެ ފަހުން ޖިރޫޑްގެ ދެވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ އޭރިއާ ތެރެއިން ކައިލާރީގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ އަކުންނެވެ.

މި ނަތީޖާ އާއެކު ކުޅުނު ދެމެޗުން މޮޅުވެ މިލާން އޮތީ ތާވަލުގެ ހަތަރު ވަނައިގަ އެވެ. އެއް މެޗުން އެއްވަރުކޮށް އަނެއް މެޗުން ބަލިވުމުން ކައިލާރީ އޮތީ 14 ވަނައިގަ އެވެ.

ލީގުގައި ދެން ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު، ސަލާނިޓާނާ އަތުން ރޯމާ މޮޅުވީ 4-0 އިންނެވެ. ސަސުއޯލާ އާއި ސަމްޑޯނިއާ ކުޅުނު މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވި އިރު، ޖިނޯއާގެ މައްޗަށް ނަޕޯލީ ކުރިހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ.

އިޓާލިއަން ލީގުގެ މެޗުތައް ދެން ކުޅޭނީ އިންޓަނޭޝަނަލް ބްރޭކަށް ފަހު ސެޕްޓެމްބަރު 12 ގަ އެވެ.