ކުޅިވަރު

މިލާން ފުރުސަތު ނަގާލައިފި، އިންޓަ އަށް ހަނި މޮޅެއް

އިޓާލިއަން ލީގުގައި ރޭ ރަށުން ބޭރުގައި ލެޗޭއާ ދެކޮޅަށް އޭސީ މިލާން ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު އިންޓަ މިލާން އަމިއްލަ ދަނޑުގައި ހެލަސް ވެރޯނާއާ ވާދަކުރި މެޗުން 0-1 އިން ކާމިޔާބުކޮށްފި އެވެ.

ރޭގެ ނަތީޖާތަކަށް ފަހު މިލާނަށް އެއްވަނައިގައި އޮތް ނަޕޯލީއާ ދެމެދު އޮތް ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ގެއްލުނީ އެވެ. ލީގުގައި ހުކުރު ދުވަހުގެ ރޭ ނަޕޯލީ އިން ވަނީ ޔުވެންޓަސް 1-5 އިން ބަލިކޮށްފަ އެވެ. ރޭ މިލާނަށް މޮޅު ނުވެވުމުން ނަޕޯލީއާ އެޓީމާ ދެމެދު އޮތް ފަރަގު ނުވަ ޕޮއިންޓަށް ވަނީ ބޮޑުވެފަ އެވެ.

ނަޕޯލީ އެއްވަނައިގައި އޮތީ 47 ޕޮއިންޓާ އެކު އެވެ. މިލާނަށް ލިބިފައިވަނީ 38 ޕޮއިންޓެވެ. ރޭގެ މޮޅާ އެކު އިންޓަ ވަނީ ޔުވެންޓަސްއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފަ އެވެ. އެކަމަކު ގޯލުގެ ތަފާތުން ތިންވަނައިގައި އޮތީ ޔުވެންޓަސް އެވެ.

ރޭ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައި ލެޗޭ އިން ދެ ގޯލުގެ ލީޑެއް ނެގި އެވެ. ފުރަތަމަ ގޯލަކީ ތިންވަނަ މިނެޓުގައި މިލާންގެ ތިއޯ ހެނާންޑޭޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ލެޗޭގެ ދެވަނަ ހޯލު 23 ވަނަ މިނެޓުގައި ޖެހީ ފެޑެރިކޯ ބަޝިރޮޓޯ އެވެ.

މިލާނުން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގަ އެވެ. 58 ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ޒުވާން ތަރި ރަފައެލް ލެއާއޯ އެވެ. ދެވަނަ ގޯލު 70 ވަނަ މިނެޓުގައި އޮލިވިއޭ ޖިރޫޑްގެ އެހީގައި ޖެހީ ޑޭވިޑް ކަލަބްރިއާ އެވެ.

ފީފާ ވޯލްޑް ކަޕަށް ފަހު ޗެމްޕިއަން މިލާންގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ. ވޯލްޑް ކަޕަށް ފަހު ކުޅުނު މެޗުތަކުގެ ތެރެއިން މިލާނަށް އަދި މޮޅެއް ލިބުނީ އެންމެ މެޗެއްގަ އެވެ.
އިންޓަ އިން ހެލަސް ވެރޯނާ ބަލިކުރި މެޗުގެ ކުރީކޮޅު އެޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓީނޭޒް އެވެ. މިއީ މިފަހަރުގެ ލީގުގައި މާޓީނޭޒް ޖެހި ނުވަ ވަނަ ގޯލެވެ.