ކުޅިވަރު

އިޓަލީ ލީގުގައި ނަޕޯލީ އަށް 18 ޕޮއިންޓުގެ ލީޑެއް

އިޓާލިއަން ލީގުގައި ރޭ ރަށުން ބޭރުގައި އެމްޕޮލީ 2-0 އިން ބަލިކޮށް ނަޕޯލީ އިން ލީގު އެއްވަނައިގެ ލީޑު 18 ޕޮއިންޓަށް ފުޅާކޮށްފި އެވެ.

މި ސީޒަނުގައި ނަޕޯލީ އަކީ ޔޫރަޕްގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ޓީމެވެ. މޮޅާ އެކު ނަޕޯލީ އެއްވަނައިގައި އޮތީ 24 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށް 23 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ރޯމާ އާއި ހަތަރު ވަނައިގައި އޮތް އޭސީ މިލާނަށް ލިބިފައިވަނީ 44 ޕޮއިންޓެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލަކީ އެމްޕޮލީގެ އާޑިއަން އިސްމާލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފުރަތަމަ ހާފުގައި ނަޕޯލީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ވިކްޓަ އޮސިމެން އެވެ. މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އޮސިމެން ވަނީ ލީގުގައި މިހާތަނަށް 19 ގޯލު ޖަހައިފަ އެވެ.

ރޭގެ ގޯލާ އެކު ނައިޖީރިއާގެ ފޯވާޑް އޮސިމެން ލީގުގައި ޖެހިޖެހިގެން ގޯލު ޖެހި މެޗުގެ އަދަދު ވަނީ އަށަކަށް އަރައިފަ އެވެ. އިޓަލީ ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލު ޖެހުމުގެ ރެކޯޑް އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގަ އެވެ. ޔުވެންޓަސް އަށް ކުޅުނު ދުވަސްވަރު ރޮނާލްޑޯ ވަނީ 11 މެޗުގައި ގޯލު ޖަހާފަ އެވެ.

ލީގުގައި ރޭ ލެޗޭ ވަނީ އަމިއްލަ ދަނޑުގައި ސަސުލޯ އަތުން 1-0 އިން ބަލިވެފަ އެވެ.

އިޓާލިއަން ލީގުގައި އިންޓަ މިލާން މިރޭ ރަށުން ބޭރުގައި ނުކުންނާނީ ބޯލޯނިއާއާ ދެކޮޅަށެވެ. އޭސީ މިލާން އަމިއްލަ ދަނޑުގައި ކުޅޭނީ އެޓަލާންޓާއާ އެވެ.