އުނައި އެމެރީ

ތަށިހޯދާ ޓީމަކަށް ވިޔަރެއާލް ހަދާނަން: އެމެރީ

ވިޔަރެއާލްގައި ތަށިތަކެއް ހޯދާ ޓީމެއް ބިނާ ކުރާނެ ކަމަށް، އެ ކުލަބުގެ އާ ކޯޗް އުނައި އެމެރީ ބުނެފި އެވެ.

ހަތަރު އަހަރުގެ މެދުކަނޑުމަކަށްފަހު ލަލީގާ އަށް އެނބުރި އައިސް ވިޔަރެއާލްގެ ކޯޗް ކަމާ ހަވާލުވެ، ފުރަތަމަ ފަހަރު މީޑިއާ ވާހަކަ ދައްކަމުން އާސެނަލް އާއި ޕީއެސްޖީގެ ކުރީގެ ކޯޗް ބުނީ ވިޔަރެއާލް އާ އެކު ތަށިތަކެއް ހޯދަން އޭނާ ބޭނުންވާ ކަމަށެވެ.

"ގައުމުން ބޭރުގައި ކުރި ތަޖުރިބާތަކަށް ފަހު، އަހަންނަށް މިކުލަބަށް އާދެވުނީމަ އިހްސާސް ކުރެވެނީ އެނބުރި ގެއަށް އާދެވުނުހެން،" ވިޔަރެއާލްގެ ސިޓީގެ ވާދަވެރިޔާ ވެލެންސިއާއަށް ކުރިން ކޯޗް ކޮށްދިން އެމެރީ ބުންޏެވެ. "ވިޔަރެއާލްގައި އޮތް ޗެލެންޖާއި މި ކުލަބުގެ އަޒުމު ހުރިގޮތް އެނގުމުން އަހަރެންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ، އަހަރެން އަބަދުވެސް ވަރަށް ގާތުން ބަލާ ކުލަބެއް ވިޔަރެއާލް އަކީ."

އެމެރީ ބުނީ، ވިޔަރެއާލްގެ ރައީސް ފެނާންޑޯ ރޮއިގް އާއެކު ވޭތުވެދިޔަ 23 އަހަރު އެ ކުލަބުން ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައި ވުމަކީވެސް އެ ކުލަބާމެދު އޭނާގެ ޝައުގުވެރިކަން އިތުރުވެގެންދާ ސަބަބެއް ކަމަށެވެ.

"ޔޫރޮޕާ ލީގް އާއި ޗެމްޕިއަންސް ލީގްގެ ސެމީފައިނަލަށް ދަތުރު ކުރުމަކީ މި ކުލަބު ހާސިލު ކޮށްފައިވާ މުހިންމު ކާމިޔަބުތައް، ކަންކަމަށް އުންމީދު ކުރުމަކީ ލިމިޓެއް އޮންނާނެ ކަމެއް ނޫން،" ސެވިއްޔާ އާއެކު ޖެހިޖެހިގެން ތިން ފަހަރު ޔޫރޮޕާ ލީގް ކާމިޔާބު ކުރި އެމެރީ ވާހަކަ ދެއްކި އެވެ. "އަހަރެންގެ އުންމީދަކީ މި ކުލަބާއެކު ތަށިތަކެއް ހޯދުން، އެ މަރުހަލާގެ އުފާވެރިިކަން އަހަރެމެން އެންމެން އިހްސާސް ކުރަން ޖެހޭނެ. ތަށިތަކެއް ލިބިފައި ނެތަސް މިހާރުވެސް މި ކުލަބުގައި އުފާފަޅު ކުރަން ޖެހޭ ކަންކަން އެބަހުރި."