އުނައި އެމެރީ

ކަލިޔޭހާ

އަންނަ ސީޒަންގައި ވިޔަރެއާލްގެ ކޯޗް ކަމާ ހަވާލު ވާން، އާސެނަލް އާއި ޕީއެސްޖީގެ ކުރީގެ ކޯޗް އުނައި އެމެރީ އެއްބަސް ވެއްޖެ އެވެ.

އަންނަ ސީޒަންގެ ޔޫރޮޕާ ލީގުން، ވިޔަރެއާލް އަށް ޖާގަ ހޯދައި ދިނުމަށް ފަހު އެ ޓީމުގެ ކޯޗް ހާވީ ކަލިޔޭހާ ނިންމާފައި ވަނީ މި ސީޒަނަށް ފަހު ވިޔަރެއާލްގެ ކޯޗްކަން ދޫކޮށްލުމަށެވެ. ލީގްގެ ފަހު މެޗުގައި އެއިބާގެ މައްޗަށް ރޭ 4-0 ން މޮޅުވި މެޗުގައި، ވިޔަރެއާލްގެ ފުރަތަމަ ލަނޑު އެންޑްރޭ ފްރޭންކް ޒަމްބޯ ޖެހުމުން، އުފާފާޅު ކުރުމުގެ ގޮތުން ކުޅުންތެރިން ދިޔައީ ކަލިޔޭހާ ކައިރިއަށެވެ.

ކާމިޔާބު ސީޒަނަކަށް ފަހު، ކަލިޔޭހާ އެ ޓީމު ދޫކޮށްލާތީ ކުޅުންތެރިންގެ ފަރާތުން އޭނާއަށް އިހްތިރާމް އަދާ ކުރި އެވެ. އޭނާގެ ބަދަލުގައި ކޯޗް ކަމަށް ގެންނަ އެމެރީ އަކީ ޔޫރޮޕާ ލީގްގައި ކާމިޔާބު ކޯޗެކެވެ.

ވިޔަރެއާލްއިން ވަނީ އެމެރީއާއެކު އެއްބަސްވުމަކަށް މިހާރު އައިސްފަ އެވެ. ޑިސެމްބަރު މަހު އާސެނަލްގެ ކޯޗް ކަމުން ވަކި ކުރި ފަހުން އެމެރީ ހުރީ އެއްވެސް ޓީމަކާ ހަވާލު ނުވެ އެވެ. ސީޒަން ނިމުމުން އެމެރީ ޓީމާ ހަވާލުވާނެ ތާރީހް އިއުލާން ކުރާނެ އެވެ.

ސެވިއްޔާ އާއެކު ޔޫރޮޕާ ލީގް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބު ކުރި އެމެރީ ވަނީ ޕީއެސްޖީ އާއެކު ފްރާންސްގެ ލީގް ކާމިޔާބު ކޮށްފަ އެވެ. ސެވިއްޔާގެ އިތުރުން އޭނާ ވަނީ ލަލީގާގައި އަލްމީރިއާ އަދި ވެލެންސިއާ އަށްވެސް ކޯޗް ކޮށްދީފަ އެވެ.