ހައްޖުގެ އަޅުކަން

މުސީބާތް ދެމިގެންނުވޭ، ރަހުމަތުގެ ދޮރުކޮޅުތައް ހުޅުވޭނެ: ހައްޖު ހުތުބާ

Jul 30, 2020

މުސީބާތްތަކަކީ މާތްﷲ އަށް މަގަށް ރުޖޫއަވުމަށް ލިބޭ ފުރުސަތެއް ކަމަށާ މިވަގުތު ދަތި ކަންތައްތަކެއް ދިމާވެފައިވީ ނަމަވެސް މާތްﷲ ގެ ރަހުމަތްފުޅާއެކު އުފާވެރި ކަމުގެ ދުވަސްތައް އޮތީ ދާދި ކައިރީގައި ކަމަށް މިއަދުގެ ހައްޖު ހުތުބާގައި ބުނެފި އެވެ.

ހައްޖު ދުވަހުގެ މެންދުރު ނަމާދަށްފަހު އަރަފާތު ބިމުގައި އިއްވުނު ހައްޖު ހުތުބާގައި ބުނެފައި ވަނީ ދިމާވާ މުސީބާތަތްކަށް ކެތްތެރިވުމަށް އިންސާނީ އުންމަތަށް މާތް ނަބިއްޔާ ވަސިއްޔަތް ކުރައްވާފައިވާ ކަމަށެވެ. މިވަގުތު ދަތިކަންތައްތަކެއް ދިމާވެފައިވީ ނަމަވެސް މިދިޔަ ހުރިހާ އަހަރުތަކެއް ހޭދަވީ އުފާވެރިކަމާއި ހަމަޖެހުމުގައި ކަމަށްވާތީ އެކަމަށް މާތްﷲ އަށް ޝުކުރު ކުރުމަށެވެ.

ދަތިކަމާއި ބަލިމަޑުކަމަކީ މާތްﷲ ގެ މަގަށް ރުޖާއަވުމަށް ލިބޭ ފުރުސަތެއްކަން ފާހަގަ ކުރައްވާ މިއަދުގެ ހުތުބާގައި ބުނެފައި ވަނީ މުސީބާތް ދެމިގެން ނުދާނެ ކަމަށެވެ. މާތްﷲ ގެ ރަހުމަތް ކޮންމެ ވަގުތަކު ވެސް އިންސާނާއާއެކު ވާކަމަށެވެ.

"މުޅި ދުނިޔޭގެ އެންމެން ތިމާއަށް ހެޔޮ ކަމެއް ކޮށްދިނުމަށް އެއްވި ނަމަވެސް މާތްﷲ އިރާދަކުރެއްވި ކަމެއް މެނުވީ ނުވާނެ،"

ހުތުބާގައި ވަނީ ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުން އެކަމުގެ ދަލީލުތައް ދައްކަވާފަ އެވެ. އެގޮތުން ދަތި ކަމަކަށްފަހު ލުއި ކަންތައްތައް މެދުވެރިކުރައްވާނެ ކަމުގެ ވައުދު ބަސްފުޅު ހަނދާންކޮށް ދެއްވި އެވެ.

"އެއްވެސް މީހަކަށް ނޭނގޭނެ މުސްތަގްބަލަށްޓަކައި މާތްﷲ ތިމާއަށްޓަކައި ފޮރުއްވާފައި ވަނީ ކޮންކޮން ކަންތައްތަކެއްކަމެއް. އެހެން ކަމުން މިއަދުގެ މި ހާލަތަށް ކެތްތެރިވެ މާތްﷲ އަށް ޝުކުރުކުރުން ހުއްޓެވެ،"

އަރަފާތު ދުވަހަކީ މާތްﷲ އިސްލާމްދީން ފުރިހަމަ ކުރެއްވި ދުވަސް ކަމަށާ އެހެން ކަމުން މި ދީނަށް އެއްވެސް ކަމެއް އިތުރު ކުރުމެއް ނުވާ ކަމަށް ހުތުބާގައި ވެއެވެ. އަދި ބިދުއަވެރި ކަންކަމުން މުސްލިމުން ދުރުވުމަށް ވަސިއްޔަތް ކުރި އެވެ.

"ބިދުއަތަކަކީ އިސްލާމްދީން ނަހީކުރައްވާފައިވާ ކަންކަން. އެފަދަ ކަންކަމުން ހުރިހާ މުސްލިމުންވެސް ދުރުވަންޖެހޭ،"

ހުތުބާގައި މާތް ނަބިއްޔާ އަރަފާތު ބިމުގައި ދެއްވި ހައްޖަތުލްވަދާއުގެ ހުތުބާގައި ފާހަގަކުރެއްވި ދީނުގެ ހުކުމްތައް މުސްލިމުންނަށް ހަނދާންކޮށް ދެއްވި އެވެ. އެގޮތުން މުދާ ހޯދޭނެ ގޮތްތަކާއި ރިބާ ހަރާމް ކުރެއްވިކަން ފާހަގަ ކުރެއްވި އެވެ. އަނބިދަރިންނަށް ހެޔޮ ކޮށް ހިތުމާއި ކޮންމެ އިންސާނެއްގެ ވެސް ލެ އާއި މުދަލާއި އަބުރު ހިމާޔަތް ކުރެވިގެންވާ ކަމަށް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ބަލިމަޑުކަމެއް ފެތުރޭނަމަ އިސްލާމްދީނުގައި ބާރުއަޅުއްވާފައި ވަނީ އެފަދަ ބައްޔެއް އޮތް ރަށަކަށް ނުވަތަ ތަނަކަށް ނުދިއުމަށް ކަމަށްވާތީ މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ފުރުސަތު އެހެން ގައުމުތަކުގައި ތިބި މުސްލިމުންނަށް ލިބިގެން ނުދިޔައީ ކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.