ކުޅިވަރު

ބެޓިސްގައި ތިން ހަފުތާ، ޕެލެގްރިނީ ޓީމު ދޫކޮށްލަނީ

މިމަހު ރެއާލް ބެޓިސްގެ ކޯޗް ކަމާ ހަވާލުވި މެނައުލް ޕްލެގްރިނީއަށް ޗައިނާގެ ސުޕަ ލީގުން އަގު ބޮޑު ހުށަހެޅުމެއް ލިބުމުން، ބެޓިސް ދޫކޮށްލުމަށް އޭނާ ވިސްނަން ފަށައިފި އެވެ.

ތިން އަހަރުގެ އެއްބަސްވުމުގެ ދަށުން ބެޓިސްގެ ކޯޗް ކަމާ، ޕެލެގްރިނީ ހަވާލުވީ މި މަހު ނުވަ ވަނަ ދުވަހު އެވެ. ކުރިން ވެސް ޗައިނާގެ ސުޕަ ލީގްގައި މަސައްކަތް ކުރި ޕެލެގްރިނީ އަށް ވަނީ އަނެއްކާ ވެސް ޗައިނާގެ ލީގްގައި މަސައްކަތް ކުރުމަށް އަގު ބޮޑު ފުރުސަތެއް ލިބިފަ އެވެ. މެންޗެސްޓާ ސިޓީގެ ކޯޗް ކަމުން ވަކި ވުމަށް ފަހު ޕެލެގްރިނީ ވަނީ، 2016 އިން 2018 އަށް ޗައިނާގެ ހިބެއި ޗައިނާ ފޯޗުންގައި މަސައްކަތް ކޮށްފަ އެވެ.

ވިޔަރެއާލް އަށް ޕެލެގްރިނީ ކޯޗް ކޮށްދިންއިރު އެ ޓީމުގައި ސްޕޯޓިން ޑައިރިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި އެންޓޯނިއޯ ކޯޑަން ވެސް ވަނީ ޕެލެގްރިނީ އާއެކު ބެޓިސްގައި މަސައްކަތް ކުރުމަށް އައިސްފަ އެވެ. ބެޓިސްގެ ސްޕޯޓިން ޑައިރެކްޓަރަކަށް ކޯޑަން ހަމަޖެއްސީ މިދިޔަ ހުކުރު ދުވަހު އެވެ.

ކުލަބުގެ މަގާމާ ހަވާލު ވުމަށް ފަހު ކޯޑަން ބުނީ، އަނެއްކާ ވެސް ޕެލެގްރިނީ އާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ އޭނާ އަށް ލިބިގެންދާ ހާއްސްަ އުފަލެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު ކޯޑަންގެ ހުވަފެނުގައި ކުލަ ޖެހުމުގެ ކުރިން ޕެލެގްރިނީ ދަނީ ބެޓިސް ދޫކޮށްލުމަށް ވިސްނަމުންނެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ޕެލެގްރިނީގެ ބަދަލުގައި ކޯޗަކަށް ޖޯޑީ ކްރައިފް ގެނައުމަށް ކޯޑަން ދަނީ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން އޭނާ މަސައްކަތް ކުރީ އެކްއެޑޯ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައެވެ. ހޮލެންޑްގެ ލެޖެންޑް ޔޯހާން ކްރައިފްގެ ދަރިފުޅު ޖޯޑީ ވަނީ ދާދި ފަހުން އެ މަގާމުން އިސްތިއުފާ ދީފަ އެވެ.