ވިންގް ކޮމާންޑަރު ރާކޭޝް ޝަރުމާގެ ހަޔާތުގެ ވާހަކައަށް އުފައްދާ ފިލްމުގައި ރާކޭޝްގެ ރޯލު އަދާކުރާނެ ބަތަލަކާ ބެހޭ ގޮތުން ތަފާތު އަޑުތައް އިވޭތާ ވަރަށް ގިނަ ދުވަސްތަކެއް ވަނީ ފާއިތުވެފަ އެވެ. އެންމެ ކުރިން އިންޑީޔާގެ ނޫސްތަކުން ބުނެފައިވަނީ މި ފިލްމުގެ ލީޑް ރޯލު ކުޅެނީ އާމިރު ޚާން ކަމަށެވެ. އޭގެ ފަހުން ޝާހްރުކް ޚާން ކަމަށް ވެސް އަޑު ފެތުރުނެވެ. އަދި ވިކީ ކޯޝަލްގެ ނަން ވެސް ދޭތެރެއަކުން މި ފިލްމާ ގުޅުވި އެވެ.
"ސާރޭ ޖަހާނ ސެ އައްޗާ" ގެ ނަން ދީފައިވާ މި ފިލްމު އެންމެ ފަހުން ފަރްހާން އަޚްތަރު ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިންޑިޔާ މީޑިއާ އިން ވަނީ ބުނެފަ އެވެ.
މި ފިލްމު އެންމެ ކުރިން އިއުލާން ކުރީ 2018 ގައެވެ. ފިލްމު ޑައިރެކްޓްކުރަން ހަމަޖެހިފައިވަނީ މަހޭޝް މަތާއީ އެވެ.
"ސާރޭ ޖަހާނ ސެ އައްޗާ"އަކީ އިންޑިއަން އެއާފޯސް ޕައިލެޓެއްގެ ގޮތުގައި ކުރިން މަސައްކަތް ކޮށްފައިވާ ވިންގް ކޮމާންޑަރު ރާކޭޝް ޝަރުމާގެ ބައޮޕިކް އެކެވެ. އޭނާއަކީ ޖައްވަށް ދަތުރުކުރި އިންޑިޔާގެ ފުރަތަމަ މީހާ ވެސް މެއެވެ. ރާކޭޝްގެ ކުރިން ވެސް އިންޑިޔާ ދަރިކޮޅުގެ ބައެއް އެސްޓްރޮނޯޓުން ޖައްވަށް ދިޔަ ނަމަވެސް ރާކޭޝް އަކީ އިންޑިޔާއަށް އުފަން އިންޑިޔާ މީހުންގެ ތެރެއިން އެންމެ ފުރަތަމަ ޖައްވަށް ދިޔަ އެސްޓްރޮނޯޓެވެ. އޭނާ ޖައްވަށް ދަތުރުކޮށްފައިވަނީ 1984 ވަނަ އަހަރު އެވެ.
ފިލްމުގެ ސްކްރިޕްޓާއި ޑައިލޯގްތައް ނިމިފައިވާ ކަމަށާއި ފަރްހާން އާއެކު މި ފިލްމުގައި ބައިވެރިވާނެ އިތުރު އެކްޓަރުން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ނޫސްތަކުން ބުނެފައި ވެއެވެ.
މި ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ފަރްހާން އަށް ވަރަށް ވަރުގަދަ ތަމްރީނުތަކެއް ހަދައި ހަށީގަނޑަށް ވެސް ބޮޑު ބަދަލެއް ގެންނަން ޖެހެ އެވެ. ސަބަބަކީ އޭނާ ކުޅެނީ އެސްޓްރޮނޯޓެއްގެ ރޯލުކަމަށް ވާތި އެވެ.
ޝާހްރުކް ވެސް މި ރޯލަށް ތައްޔާރުވުމުގެ މަސައްކަތް ވެސް 2018 ގައި ކުރަން ފެށި އެވެ. ނަމަވެސް އެ އަހަރު ރިލީޒްކުރި އޭނާގެ "ޒީރޯ" ފްލޮޕްވުމުން މި ފިލްމު ވެސް ދޫކޮށްލީ އެވެ.
"ސާރޭ ޖަހާނ ސެ އައްޗާ"ގެ ވާޙަކަ ލިޔުންތެރިޔާ އަންޖުމް ރާޖަބަލީ ބުނާ ގޮތުގައި ޝާހްރުކް ހަގީގަތުގައި ވެސް މި ފިލްމު ދޫކޮށްލީ "ޒީރޯ" ފްލޮޕް ވީމަ ގަތް ބިރުންނެވެ.
"ލިޔުންތެރިއެއްގެ ހައިސިއްޔަތުން އަހަރެން ބުނާނީ 'ޒީރޯ'ގެ ސްކްރިޕްޓް އެ ފިލްމުގެ ވާހަކަ ލިޔުނު ހިމަންޝޫ ޝަރުމާ އަކީ ވަރަށް ކުޅަދާނަ ހުނަރުވެރި ލިޔުންތެރިއެކޭ. ނަމަވެސް ކިތަންމެ މޮޅު މީހެއްގެ އަތުން ވެސް ބައެއް ފަހަރު ކަމެއް ގޯސްކޮށް ހިނގައިދާނޭ،" އަންޖުމް ބުންޏެވެ.