ރަންބީރު ކަޕޫރާއި ޑައިރެކްޓަރު އަޔާން މުކަރުޖީ އަކީ ވަރަށް ޒަމާނުއްސުރެ ގާތް ދެ އެކުވެރިންނެވެ. ޒާތީ ދިރިއުޅުމުގައި ވެސް އަދި ޕްރޮފެޝަނަލް ގޮތުން ވެސް އަޔާން އާއި ރަންބީރުގެ ގުޅުން ވަރަށް ބަދައްސެވެ. އަޔާން ޑައިރެކްޓްކުރި "ވޭކް އަޕް ސިދް" އާއި "ޔޭ ޖަވާނީ ހޭ ދިވާނީ" ގައި ވެސް ބަތަލުގެ ބައި ކުޅެފައިވަނީ ރަންބީރެވެ. އަދި މިހާރު އަޔާން އުފައްދަމުންދާ "ބްރަހްމަޝްތުރާ"ގައި ލީޑް ރޯލު ކުޅެނީ ވެސް ރަންބީރެވެ.
އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ރަންބީރު ވަނީ އޭނާ އާއި އަޔާންގެ އޮންނަ ޚާއްސަ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. ރަންބީރު އަޔާން ސިފަ ކުރީ އޭނާގެ ދޮންބައްޕައެއް ފަދަ މީހެއްގެ ގޮތުގަ އެވެ.
"ޑައިރެކްޓަރަކަށް ވުރެ ބޮޑަށް އަޔާން އަކީ އަހަރެންނަށް ބައްޕައެއް ފަދަ މީހެއް. ހަގީގަތުގައި އަހަރެންގެ ހަޔާތުގައި އޭނާ އަދާކުރަނީ ދޮންބައްޕަގެ ރޯލު. އަހަރެންގެ ހުރިހާ ކަމެއް އިސްލާހުކުރަން މަސައްކަތްކުރާ މީހެއްގެ ރޯލު،" ރަންބީރު ބުންޏެވެ.
އޭނާގެ ޒާތީ ދިރިއުޅުމުގައި ކުރާ ކަންތައްތަކަށް ފާޅުގައި ފާޑުކިއުމުގެ އިތުރުން ފިލްމުތަކުގައި ވެސް އޭނާ އަދާކޮށްފައިވާ ރޯލުތަކަށް ފާޑުކިޔުންތެރިއެއްގެ ހައިސިއްޔަތުން އަޔާން އެއްވެސް ޖެހިލުމެއް ނެތި ފާޑު ކިޔާ ކަމަށާއި އެއީ އެކްޓަރެއްގެ ގޮތުގައި އޭނާ ކުރިއެރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް ރަންބީރު ދެކެ އެވެ.
"އަޔާން ވަރަށް ފުރިހަމައަށް އަހަންނަށް ހަގީގަތް ބުނެދޭނެ. އެއީ އަހަރެން ކިތަންމެ ހިތްހަމަނުޖެހޭ ކަހަލަ ކަމަކަށް ވިޔަސް އޭނާ ފަރުވާލެއް ނުބަހައްޓާނެ. އޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނެލާނެ،" ރަންބީރު ބުންޏެވެ.
"ބްރަހްމަޝްތުރާ"ފަދަ ފިލްމެއްގައި ވެސް ތިން ހަތަރު އަހަރު ކެތްތެރިކަމާއެކު މަސައްކަތް ކުރުމުގެ ކުޅަދާނަ ރަންބީރަށް ލިބިފައިވަނީ އަޔާންގެ ސަބަބުންނެވެ. އަމީތާބު ބައްޗަން އާއި އާލިއާ ބަޓް ވެސް މުހިއްމު ރޯލުތައް ކުޅޭ މި ފިލްމު އުފެއްދުމުގައި މިހާ ގިނަ ދުވަސްތަކެއް ވެފައިވަނީ ސުޕަހީރޯ ފިލްމަކަށް ވާތީ ކަމަށް އަޔާންގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.
"ބްރަހްމަޝްތުރާ" ރިލީޒްކުރަން ކުރިން ހަމަޖެހިފައި އޮތީ މިއަހަރު ފަހުކޮޅު އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ސަބަބުން ފިލްމުގެ ޝޫޓިން ހުއްޓި އަދިވެސް ނުފެށޭތީ ފިލްމު އެންމެ އަވަހަށް ވެސް ރިލީޒް ކުރެވޭނީ އަންނަ އަހަރު ކަމަށް ވަނީ ބެލެވިފަ އެވެ.