ބޮލީވުޑްގެ އެންމެ މަތީ ފަންތީގައި އުޅޭ ގިނަ ބަޔަކާ އަމާޒުކޮށް ކަންގަނާ ރަނާވަތު އަބަދުވެސް ބަހުގެ ހަމަލަތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވަމުން ދެއެވެ. ޚާއްސަކޮށް ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލައަށް މަރުވި ފަހުން ބޮލީވުޑް ބައެއް މީހުންނަށް ކަންގަނާ ކުރާ ތުހުމަތުތައް ވަނީ އިތުރުވެފަ އެވެ.
އެންމެ ފަހުން ހުކުރު ދުވަހު ކަންގަނާ ކުރި ޓުވީޓްތަކަކުން އެއް ޓުވީޓެއްގައި ބުނެފައި ވަނީ އޭނާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނަސް އެއްވެސް މީހަކު އޭނާ އަމިއްލައަށް މަރުވީ ކަމަށް ގަބޫލު ނުކުރުމަށެވެ. އަދި ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް އަށް ވެސް ކަންގަނާ ބަހުގެ ހަމަލަ ތަކެއް ދީފައި ވެއެވެ.
ސުޝާންތުގެ އާއިލާގެ މީހުން ވެސް ކަންގަނާ ބަހުގެ ހަމަލަ އިން ސަލާމަތެއް ނުވި އެވެ. ސުޝާންތުގެ އާއިލާ އާއި އެ އާއިލާގެ ގާނޫނީ ވަކީލުން ސުޝާންތާ ބެހޭ ގޮތުން ކަންގަނާ ދައްކަމުންދާ ވާހަކަ ތަކާ އެއްބަސް ނުވާތީ އެވެ.
ސުޝާންތުގެ އާއިލާގެ ގާނޫނީ ވަކީލު ބުނެފައިވަނީ ސުޝާންތުގެ މަރުގެ ހާދިސާގައި ކަންތައްތައް ވެފައިވަނީ ކަންގަނާ ތުހުމަތުކުރާ ގޮތަށް ނޫން ކަމަށެވެ. ބޮލީވުޑްގެ އެއްވެސް ޕްރޮޑިއުސަރެއް އަދި ޑައިރެކްޓަރެއްގެ ފަރާތުން ސުޝާންތަށް އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާ ކަމަކަށް ނުބެލެވޭ ކަމަށެވެ. ސުޝާންތުގެ މައްސަލައިގައި ކުރިން ގިނަ މީހުން ގަބޫލުކުރީ ކަންގަނާ ދެއްކި ވާހަކަ ތަކެވެ. ނަމަވެސް މިހާރު މި ކޭސް ވަނީ މުޅިން ނުވަތު ބުރެއް އަޅާފަ އެވެ. މިހާރު އިންޑިޔާގެ ނޫސްތަކުންނާއި އާއިލާއިން އޭނާގެ މަރުގެ ޒިންމާ އަޅުވަނީ އޭނާ މަރުވި އިރު ރައްޓެހިވެގެން އުޅުނު ރިއާ ޗަކްރަބަތީގެ ބޮލުގަ އެވެ.
ރިއާ ސުޝާންތުގެ 15 ކްރޯޑު ރުޕީސް ފޭރިގެންފައިވާ ކަމަށާއި ރައްޓެހި ނަފްސާނީ ޑޮކްޓަރުންނަށް ދައްކައިގެން ފާޑުފާޑުގެ ބޭސްތައް ކާން ދީ ސުޝާންތު މޮޔަ ކުރަން މަސައްކަތް ކޮށްފައިވާ ކަމުގެ ވާހަކަ ތަކެކެވެ. ނަމަވެސް ކަންގަނާ އެއް އަދިވެސް މި ވާހަކަތަކެއް ގަބޫލެއް ނުކުރެ އެވެ.
ކަންގަނާ ބުނަނީ ސުޝާންތުގެ އާއިލާއިން ވެސް މިހާރު ބޮޑަށް ވިސްނަނީ އޭނާގެ ފައިސާތަކަށް ވީ ގޮތެއް ހޯދާށެވެ. ބޮލީވުޑު މީހުން އޭނާއަށް ހަދާލި ގޮތް އޮޅުން ފިލުވާކަށް އެމީހުން ނޫޅެ އެވެ.
ކަންގަނާ ދައްކާ ވާހަކަތަކުން އޭނާގެ ބޯ ހަމަޖެހޭތޯ މިހާރު ގިނަ ބަޔަކު ސޯޝަލް މިޑިއާގައި ދަނީ ސުވާލު އުފައްދަމުންނެވެ. ކުރިން ކަންގަނާއަށް ހަމްދަރުދީ ވާ މީހުން ގިނަ ނަމަވެސް މިހާރު ގިނަ ބަޔަކު ބުނަނީ އޭނާއަކީ ބޯ ގޯސް އަންހެނެއް ކަމަށެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކަށް ފާޅުގައި ބަހުގެ ހަމަލާތައް ދެމުން ދާތީ އެވެ.
އެންމެ ފަހުން އިއްޔެ އޭނާ ވަނީ އާލިއާ ބަޓްގެ ކުޑައިރުގެ ފޮޓޮއަކަށް ކޮމެންޓުކުރި ބޮލީވުޑް ބައެއް އެކްޓަރުންނާ ވެސް ދިމާކޮށްފަ އެވެ. އަދި އެ ފޮޓޯއަށް ލައިކް ދިނުމަށް ވުރެ މުހިއްމުކަމެއް އެމީހުންގެ ނެތްތޯ ސުވާލު ކޮށްފަ އެވެ.
ދީޕިކާ ޕަދުކޯން އަށް ވެސް ކަންގަނާގެ ބަހުގެ ހަމަލާތަކަށް އިއްޔެ ފޮނުވާލާފައި ވެއެވެ. ޑިޕްރެޝަންގެ މައްސަލަ ތަކެއް ހުރެޔޭ ކިޔައިގެން މީހުންގެ ހަމްދަރުދީ ހޯދަން އުޅޭ ކަމަށް ތުހުމަތު ކޮށްފަ އެވެ.
ކަންގަނާ ބަހުގެ ހަމަލާތައް ފޮނުވާ ގިނަ ފަންނާނުންނަކީ އެތައް މިލިއަން ފޭނުންނެއް ސޯޝަލް މީޑިއާގައި ތިބޭ ބައެކެވެ. ޚުދް ދީޕިކާގެ އެކަނި ވެސް 50 މިލިއަނަށް ވުރެ ގިނަ ފޭނުން ސޯޝަލް މީޑިއާގައި އުޅެ އެވެ. ވީމާ އެމީހުންގެ ލޯބިވާ އެކްޓަރުންނާ ދިމާކޮށްލުމުން ފޭނުންނެއް މަޑަކުން ނުތިބެ އެވެ. އެމީހުން ކަންގަނާ އަށް ބަހުގެ ހަމަލާތައް ފޮނުވަން ފަށަ އެވެ. މިހާރު ކަންގަނާ އަށް ދިމާވެގެން އުޅެނީ މިފަދަ ގޮތެކެވެ. އޭނާ ދައްކާ ވާހަކައިން މީހުންގެ ރުޅި އޭނާއާ އަމާޒުވާލެއް މާ ބޮޑަށް ވެސް އިތުރުވަމުން ދަނީ މި ސަބަބާ ހުރެ އެވެ.