ކުޅިވަރު

ލީގްކަޕް ޗެމްޕިއަންކަން ޕީއެސްޖީއަށް

މެޗު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 6-5 ން އޮލިމްޕިކް ލިޔޯން ބަލިކޮށް، ފްރާންސްގެ ލީގް ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީ ހޯދައިފި އެވެ.

މި ތައްޓާއެކު ޕީއެސްޖީ ވަނީ، ޑޮމެސްޓިކް ތިން ތަށި މި ސީޒަންގައި ކާމިޔާބު ކޮށްފަ އެވެ. މިއަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފިނަމަ އެއް ސީޒަނެއްގައި ހަތަރު ތަށި އެ ޓީމަށް ކާމިޔާބު ކުރެވުނީ އެވެ. ޕޯޗްގަލްގެ ވެރިރަށް ލިޒްބަންގައި މި މަހު ފަށާ ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލުގައި ޕީއެސްޖީ ނުކުންނާނީ އެޓަލާންޓާ އާ ދެކޮޅަށެވެ. އެ ޓީމަށް ކުރިމަތި ވާނެ ހަމައެކަނި މައްސަލައަކީ އަނިޔާގެ ސަބަބުން ޒުވާން ފޯވަޑް ކިލޔަން އެމްބާޕޭއަށް ނުކުޅެވުމެވެ.

ރޭ ކުޅުނު ފައިނަލު މެޗުގެ 90 މިނެޓް ހަމވީއިރު ވެސް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނެވެ. އެކްސްޓްރާ ޓައިމްގެ ދެ ހާފުވެސް ނިމުނީ ނަތީޖާއަށް ބަދަލެއް ނައިސް އެވެ.

ޕީއެސްޖީ މޮޅުކޮށްދިން ޕެނަލްޓީ ކާމިޔާބު ކުރީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޕަބެލޯ ސަރާބިއާ އެވެ. އެ ޕެނަލްޓީން ޕީއެސްޖީ މޮޅުވީ ލިޔޯންގެ ފަހު ޕެނަލްޓީ ބާޓްރޭންޑް ޓްރައޯރޭ ފޮނުވާލުމުން ޕީއެސްޖީގެ ކީޕަރު ކޭލޯ ނާވަސް އެ ޕެނަލްޓީ ދިފާއު ކުރުމުންނެވެ.

މިފަހަރުގެ ލީގްކަޕަކީ 1995 ގައި ތައާރަފް ކުރިފަހުން އެ މުބާރާތް ބާއްވާނެ އެންމެ ފަހު ފަހަރު ކަމަށްވެސް ވެދާނެ އެވެ. ފްރާންސްގެ ޕޮރޮފިޝަނަލް ފުޓްބޯޅަ ލީގުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ނިންމާފައި ވަނީ އިތުރު އެއްޗެއް އަންގަންދެން އެ މުބާރާތް އިތރަށް ކުރިއަށް ނުގެންދާ ގޮތަށެވެ. ޕްރޮފިޝަނަލް ލީގުން އެގޮތަށް ނިންމީ 2020 ން 2024 އަށް އެ މުބާރާތަށް އެކަށީގެންވާ ބްރޮޑްކާސްޓިން އަގެއް ނުލިބުމުންނެވެ.