ކުޅިވަރު

ނިއުކާސަލް ބިޑުން ސައުދީ ވަކިވީ ދޮރު ބަންދުވުމުން

އިނގިރޭސި ޕްރިމިއާ ލީގްގެ ކުލަބް، ނިއުކާސަލް ޔުނައިޓެޑް ގަތުމުގެ ބޮޑުން ސައުދީ އަރަބިއާގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުން ވަކިވީ ޕްރިމިއާ ލީގުން ޑިމާންޑް ކުރާ ކަންކަން ސާބިތު ކޮށް ދިނުމުގެ ފުރުސަތު ބަންދު ވުމުން ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސައުދީން ވަކިވީ، ޕްރިމިއާ ލީގުން ކުރި ޑިމާންޑް ފުރިހަމަ ނުކުރެވުމުން ކަމަށް ޓެލެގްރާފު ނޫހުން ބުނެ އެވެ. އެންމެ ފުރަތަމަ ކަމަކީ ސައުދީގެ ޕަބްލިކް ފަންޑާއި ސައުދީގެ މައި ސަރުކާރާ އޮންނަ ގުޅުން ހާމަ ކޮށް ދިނުމެވެ. ސައުދީގެ މައި ސަރުކާރާއި، އެ ގައުމުގެ ޕަބްލިކް ފަންޑު ނުވަތަ ސޮވްރިން ފަންޑާދެމެދު ގުޅުން ނެތްކަން ހާމަ ހާމަ ކުރެވޭނެ އެއްވެސް ހާލަތެއް ނެތެވެ.

ސައުދީގެ ޕަބްލިކް ފަންޑަކީ، ސައުދީގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ޗެއާމަންކަން ކުރަމުންދާ ސައުދީ ސަރުކާރުގެ އިންވެސްޓްމެންޓް ފަންޑެކެވެ. އެ ކުންފުނިން ވަނީ ދުނިޔޭގެ އެކިތަންތަނުގައި އިންވެސްޓްމެންޓްތައް ގާއިމުކޮށްފަ އެވެ. އެ ކުންފުނީގެ އެސެޓްތަކާއި އިންވެސްޓްމެންޓްތަކުގެ އަގު 382 ބިލިއަން ޑޮލަރު އަރަ އެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު ސޮވްރިން ފަންޑެވެ.

އަނެއް މައްސަލައަކީ ގަވައިދާ ހިލާފަށް ޕްރިމިއާ ލީގް ސައުދީގައި ބްރޮޑްކާސްޓް ކޮށްފައި ވުމުގެ މައްސަލަ އާއި ޕްރިމިއާ ލީގްގެ ބްރޮޑްކާސްޓިން ޕާޓްނަރެއް ކަމަށްވާ ގަތަރުގެ ބީއިން ސްޕޯޓްސް ސައުދީގައި ބްލޮކް ކުރުމުގެ މައްސަލަ އެވެ.

އެ މައްސަލަތައް ފާހަގަ ވެފައިވުމުން، ޕްރިމިއާ ލީގްގެ ވެރިންނާއި ޑައިރެކްޓަރުންނަށް ސައުދީ ބިޑް ބަލައިގަތުމަށް އުނދަގޫތަކެއް ހުރިކަމަށް ޓެލެގްރާފު ނޫހުން ވަނީ ބުނެފަ އެވެ.

ނިއުކާސަލް ގަތުމަށް ހުށަހަޅާފައި ވަނީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވައި، އޭނާ ޗެއާމާންކަން ކުރައްވާ ސައުދީގެ ޕަބްލިކް ނުވަތަ ސޮވްރިން ފަނޑާއި، އިނގިރޭސި ވިލާތުގެ އަންހެން މަޖުހަނެއް ކަމަށްވާ އާމަންޑާ ސްޓްވްލީ އާއި އިނގިރޭސި ވިލާތުގެ އެންމެ މުއްސަނދި އާއިލާ ރިއުބެން ބުރަދާސް ގުޅިގެންނެވެ. ކުލަބުގެ 80 ޕަސަންޓް ގަންނަނީ ސައުދީގެ ސްވްރިން ފަނޑުންނެވެ. ބާކީ 20 ޕަސަންޓްގެ ގަންނަނީ ސްޓޭވްލީ އާއި ރިއުބެންއިންނެވެ. ކޮންމެ ފަރާތަކަށް 10 ޕަސަންޓެވެ.

އެ ތިން ފަރާތް އެކުވެގެން ހަދާފައިވާ ކޮންސޯޓިއަމްއަށް، ނިއުކާސަލް ވިއްކާލުމަށް އެކުލަބުގެ ޗެއާމަން މައިކް އެޝްލީ އެއްބަސް ވެފައި ވަނީ މާޗް މަހު އެވެ. އޭޕްރީލް މަހު ކޮންސޯޓިއަމް އާއި އެޝްލީއާ ދެމެދު އެއްބަސްވުން ހެދި ގާނޫނީ މަރުހަލާ ފުރިހަމަ ކުރުމަށް ޕްރިމިއާ ލީގަށް ހުށަހެޅި އެވެ.

އެ ހުށަހެޅުމަށް ހަތަރު މަސް ވެގެންދާއިރުވެސް ޕްރިމިއާ ލީގުން އޭގެ ޖަވާބެއް ނުދެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ސައުދީން ވަނީ ބިޑުން ވަކިވިކަން އިއުލާން ކޮށްފަ އެވެ.

އާމަންޑާ ސްޓޭވްލީ ބުނީ، ނިއުކާސަލް ގަތުމަށް ހުށަހަޅާފައިވާ ކޮންސޯޓިއަމްގެ ފަރާތުން ޖަވާބުދާރީވާން ޖެހޭ ހުރިހާ ކަމެއްގައި ޖަވާބުދާރީ ވެފައިވާ ކަމަށެވެ.

"މިހާރު އޮތް ހަމައެކަނި ކަމަކީ ޕްރިމިއާ ލީގުން ބިޑް ގަބޫލު ކުރުން، " ސްޓޭވްލީ ބުންޏެވެ. "އަހަރެމެންގެ ފަރާތުން ޖަވާބު ދާރީވާން ޖެހޭ ހުރިހާ ކަމެއްގައި ޖަވާބު ދާރީ ވެއްޖެއިން، އެހެންނަމަވެސް އެމީހުން [ޕްރިމިއާ ލީގުން] އަހަރެމެން ޖަވާބު ނުދޭ. ނަމަވެސް އަހަރެމެން ޖަވާބދާރީ ވެއްޖެއިން."