ކުޅިވަރު

ޔޫރަޕްގެ ރަން ބޫޓް އިމްމޯބިލޭއަށް ކަށަވަރު ވެއްޖެ

ޔޫރަޕްގެ ގޯލްޑަން ބޫޓް އެވޯޑްގެ ރޭހުގައި ލާޒިއޯގެ ފޯވަޑް، ޗީރޯ އިމްމޯބިލޭ އާ އެންމެ ކައިރީގައި އޮތް ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިރޭގެ މެޗުގައި ރެސްޓް ދޭން ނިންމުމުމުން، ރަން ބޫޓް އެވޯޑް އިމްމޯބިލޭއަށް ކަށަވަރު ވެއްޖެ އެވެ.

ޔޫރަޕްގެ ޓޮޕް ލީގްތަކުގެ ތެރެއިން، މި ސީޒަންގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކުރީ، އިމްމޯބިލޭ އެވެ. އޭނާ ވަނީ 35 ލަނޑު ކާމިޔާބު ކޮށްފަ އެވެ. އިމްމޯބިލޭ އަތުލުމުގެ ފުރުސަތު އެންމެ ބޮޑަށް އޮތް ކުޅުންތެރިޔަކީ 31 ލަނޑު ޖަހާފައިވާ ރޮނާލްޑޯ އެވެ. އެހެން ނަމަވެސް، ލީގްގެ ފަހު މެޗުގައި އޭނާއަށް ރެސްޓް ދޭން ނިންމުމުން އެ ފުރުސަތު އޭނާ އަށް ވަނީ ގެއްލިފަ އެވެ.

މާނައަކީ، އިމްމޯބިލޭއަށް ޔޫރަޕްގެ ގޯލްޑަން ބޫޓް އެވޯޑް ކަށަވަރު ވުމެވެ. ދެ ވަނައިގައި އޮތީ 34 ލަނޑު ޖެހި ބަޔާން މިޔުނިކްގެ ރޮބަޓް ލެވަންޑޮސްކީ އެވެ. އިމްމޯބިލޭ ވެގެންދާނީ، ޔޫރަޕްގެ ގޯލްޑަން ބޫޓް އެވޯޑް ހޯދާ އިޓަލީގެ ތިން ވަނަ ކުޅުންތެރިޔާ އަށެވެ. ރޯމާގެ ކުރިގެ ފޯވަޑް ފްރެންޗެސްކޯ ޓޮޓީ ވަނީ 2006-07 ސީޒާންގައި 26 ލަނޑު ޖަހައިގެން އެ އެވޯޑް ހާސިލު ކޮށްފަ އެވެ. އޭގެ ކުރީ ސީޒަންގައި 31 ލަނޑު ކާމިޔާބު ކޮށްގެން ފިއޮރެންޓީނާގެ ކުރިގެ ފޯވަޑް ލުކަ ޓޯނީ ވަނީ އެ އެވޯޑް ހޯދާފަ އެވެ.

މިރޭ ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗުގައި ރެކޯޑެއް ހެދުމުގެ ފުރުސަތު އިމްމޯބިލޭއަށް އެބައޮތެވެ. މިރޭގެ މެޗުގައި ދެ ލަނޑު ކާމިޔާބު ކޮށްފިނަމަ، ސެރީ އޭ ގައި އެއް ސީޒަނެއްގައި އެންމެ ގިނައިން ލަނޑު ކާމިޔާބު ކުރި ކުޅުންތެރިޔާގެ ރެކޯޑް އިމްމޯބިލޭއަށް ހެދޭނެ އެވެ. މި ރެކޯޑް މިހާރު އޮންނަނީ ނަޕޯލީގައި 2016 ގައި 36 ލަނޑު ޖެހި ޔުވެންޓަސްގެ މިހާރުގެ ފޯވަޑް ގޮންޒާލޯ ހިގުއައިން އަތުގަ އެވެ.