އެމްޑަބްލިއުއެސްސީ

ފެން ބިލު ދައްކައިގެން 1000 ރުފިޔާގެ ގިފްޓް ކާޑެއް

އެމްޑަބްލިޔުއެސްސީގެ ފެންބިލު ދައްކައިގެން 1000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފެން ކުންފުނީގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފެށި "1ހާސް 1ހާސް!" ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކުން ގުރުއަތުން ހޮވޭ މީހަކަށް 1000، ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ އެވެ. ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި 10 ފަރާތެއް ހޮވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށްގެންދަނީ މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ފެން ކުންފުނިން ބުނީ ހުރިހާ ފެންބިލަކަށް ފައިސާ ދައްކައިގެންނާއި ވަކި މަސްތަކަށް ބަހާލައިގެން ބިލަށް ފައިސާ ދައްކާ މީހުންނަށްވެސް ޕްރޮޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. މީގެ އިތުރުން، ރ. ދުވާފަރުގެ ޔޫޓިލިޓީ ބިލްގައި ހިމެނޭ ހުރިހާ ހިދުމަތްތަކެއްގެ ބިލްތައްވެސް މި ޕްރޮމޯޝަންގައި ހިމެނޭނެ އެވެ.

އިތުރަށް ބުނީ، ޕްރޮމޯޝަންގައި ބައިވެރިވުމަށް އެ ކުންފުނީގެ މޯބައިލް އެޕް އާއި، އޮންލައިން ޕްލެޓްފޯމް އަދި ޗެކް ނުވަތަ ފައިސާ މެދުވެރިކޮށް ވެސް ކަސްޓަމަރުންނަށް ފެން ބިލަށް ފައިސާ ދެއްކޭނެ ކަމަށެވެ.

މި ޕްރޮމޯޝަންއަކީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެމްޑަބްލިޔުއެސްސީ އިން ފެނާއި ނަރުދަމާގެ ހިދުމަތްދޭ
ކ. މާފުއްޓާއި ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގެ ކަސްޓަމަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.