ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފިޔަވަޅުތައް ހަރުދަނާ ކުރަން މަޝްވަރާކޮށްފި

ކޮވިޑްގެ ބަލި މީހުން އަތޮޅުތަކުން ފެންނަމުންދާ މިންވަރު އިތުރުވަމުންދާތީ ފިޔަވަޅުތައް ހަރުދަނާ ކުރުމާމެދު މަޝްވަރާކޮށްފި އެވެ.

ހެލްތް މިނިސްޓްރީން މިއަދު ބުނީ ހެލްތް އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ބައްދަލްވުމުގައި ކޮވިޑްގެ ބަލި މީހުން އަތޮޅުތެރެއިން ފެންނަމުންދާ މިންވަރު އިތުރުވަމުންދާތީ ފިޔަވަޅުތައް ހަރުދަނާ ކުރުމާމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށްފަހު އެ ފިޔަވަޅުތަކަށް ލުއި ދީފައިވަނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިތުރު ލުއިތަކެއް ވަނީ ދީފައެވެ. ނަމަވެސް މިފަހުން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. ބުރާސްފަތި އަކީ އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. އެ ދުވަހު އެކަނިވެސް 152 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ހާލަތު ގޯސްވަމުންދާތީ މާސްކު އަޅައިގެން ނޫނީ ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 11:00 ފެށިގެން 5:00 އާ ހަމައަށް ބޭރުގައި އުޅޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

މީގެ އިތުުރުން އަތޮޅުތެރެއިންވެސް ގިނަ ކޭސްތަކެއް ދަނީ ފެންނަމުންނެވެ. މިވަގުތުވެސް އެޗްޕީއޭގެ މޮނިޓަރިންގައި 8 ރަށެއް އެބައޮތެވެ. އެއީ ހއ. ކެލާ، ރ. އިނގުރައިދޫ، ބ. އޭދަފުށި، ޅ. ކުރެންދޫ، ކ. މާފުށި، ވ. ފުލިދޫ، ބ. ކަމަދޫ، ޅ. ހިންނަވަރެވެ. މީގެ އިތުރުން ބ. ސީސައިޑް ފިނޮޅުވެސް ވަނީ އެޗްޕީއޭގެ މޮނިޓަރިންގައެވެ.

ރޭ ޓީވީއެމްގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮވިޑްގެ ނުރައްކާ އަނެއްކާވެސް ބޮޑުވެފައިވާ ކަމަށާ އެހެން ކަމުން ހާލަތު އިތުރަށް ގޯސްވާނަމަ މިހާރު ދީފައިވާ ލުއިތަކަށް ބަދަލު ގެންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ލުއިތަކަށް ބަދަލު ނުގެނެސް ބަލި ކޮންޓްރޯލް ކުރުމަކީ އަމާޒެއް ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ލުއިތަކަށް ބަދަލު ނުގެނެސް ބަލި ކޮންޓްރޯލް ކުރެވޭނީ ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް އާންމު ރައްޔިތުން ބޯލަނބާ މިންވަރަކަށް ކަމަށެވެ.

"ހާލަތު ގޯސްވަމުންދާނަމަ ފިހާރަތައް އަދި ކެފޭތައްވެސް އަލުން ބަންދުކުރަން ޖެހިދާނެ. ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ދީފައިވާ ލުއިތަކަށް ބަދަލެއް ނުގެނެސް ބަލި ކޮންޓްރޯލްކުރުން،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މިފަހުން ކޮވިޑަށް މީހުން ޕޮޒިޓިވްވަމުންދަނީ ކަންބޮޑުވާ ދަރަޖައަކަށް ކަމަށެވެ. ކޮވިޑްގެ ނުރައްކާ ފިލައިގެން ނުދާ ކަމަށް ތަކުރާރު ކުރައްވާ އަމީން ވިދާޅުވީ އަލުން ލޮކްޑައުން އަކަށް ދިއުމަކީ އެކަމުން އެތައް ބަޔަކަށް ގެއްލުންވެ، އުނދަގޫތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އެހެން ކަމުން އަލުން ފުލް ލޮކްޑައުންއަކަށް ދާން ނުޖެހުމަކީ އުންމީދެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ އިތުރު ފިޔަވަޅުތައް އަޅަން ޖެހިއްޖެއްޔާ އެޅުން. ނަމަވެސް އަލުން ފުލް ލޮކްޑައުންއަކަށް ދާން ނުޖެހުން،"