ފައިނަލުގައި ޗެލްސީގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން އާސެނަލް ހޯދައިިފި އެވެ.
އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް، ލަންޑަންގެ ވެމްބްލީ ގައި ކުޅުނު ފައިނަލު މެޗުގައި ފުރަތަމަ ލީޑް ނެގީ ހުޅަނގު ލަންޑަނަށް ނިސްބަތްވާ ޗެލްސީ އެވެ. އެ ޓީމުގެ ލަނޑު މެޗުގެ ފަސް ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކްރިސްޓިއަން ޕްލްސިކް އެވެ.
އޭނާ އެ ލަނޑު ޖެހުމުގައި، މޭސަން މައުންޓް އާއި އޮލިވާ ޖިރޫޑްގެ ހިއްސާ ބޮޑެވެ. އާސެނަލްގެ އޭރިއާގެ ތެރެއިން މޭސަން މައުންޓްއަށް ލިބުނު ބޯޅަ އޭނާ ހުރަސްކޮށް ދިނީ އޭރިއާގެ މެދުތެރޭގައި ހުރި ޖިރޫޑް އަށެވެ. ޖިރޫޑް ފައިގެ ފުންނާބުން އެ ބޯޅަ ދިނީ އޭނާގެ ފަހަތުގައި ހުރި ޕްލިސިކް އަށެވެ. އޭރިއާގެ ތެރޭގައި ތިބި އާސެނަލްގެ ޑިފެންޑަރުންނާއި އެ ޓީމުގެ ކީޕަރު އެމިލިއާނޯ މާޓިނޭޒްއަށް ވެސް ފުރުސަތު ނުދީ ޕްލިސިކް ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.
އާސެނަލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން ޕިއާ އެމްރިކް އޮބަމެޔެންގް އެވެ. އެ ޕެނަލްޓީ އަކީ ޗެލްސީގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ކެޕްޓަން ސެޒާ އެޒްޕްލިކްއޭޓާ، އޮބާމެޔެންގްއަށް ބޯޅަ ލިބުނަ ނުދޭންވެގެން އަޒްޕްލިކްއޭޓާ އޭނާގެ ގައިގައި ހިފެހެއްޓުމުން ދިން ޕެނަލްޓީ އެކެވެ.
ފައިނަލު މެޗުގައިވެސް، ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑް ނިންމީ ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި މިދިޔަ ސީޒަންގައި ޗެލްސީއާ ގުޅުނު ކީޕަރު ކެޕާ އަރައިޒަބަލަގާ ބެންޗުގައި ބެހެއްޓުމަށެވެ. އޭނާގެ ބަދަލުގައި ފުރުސަތު ދިނީ ތަޖުރިބާކާރު ކީޕަރު ވިލީ ކަބެޔޭރޯ އަށެވެ. މެޗުގެ 28 ވަނަ މިނެޓްގައި އޮބާމެޔެންގް ޕެނަލްޓީ ކާމިޔާބު ކުރީ ކަބެޔޭރޯ އަށް މިސްރާބު އަޅޮވާލުމަށް ފަހު އެވެ.
އާސެނަލްއަށް ލީޑް ނަގައިދިން ލަނޑު އޮބާމެޔެންގް ކާމިޔާބު ކުރި، ނިކޮލަސް ޕެޕޭ ދިން ފުރުސަތަކުންނެވެ. އޭރިއާ ތެރެއަށް ވަދެ އެ ލަނޑު އޭނާ ކާމިޔާބު ކުރީ ޗެލްސީގެ ޑިފެންޑަރު ކާޓް ޒޫމާ ކައިރިން ނައްޓާލުމަށް ފަހު ބޯޅައަށް ކުރިއަށް ނުކުތް ކީޕަރު ކަބެޔޭރޯއަށްވެސް ފުރުސަތު ނުދީ އެވެ.
މެޗުގެ ފަހު 20 މިނެޓް ޗެލްސީ ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އެޓީމުގެ މިޑްފީލްޑާ މަޓާއޯ ކޮވަސިޗް އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.