ކުޅިވަރު

ހާވަޒްއަށް ހެޓްރިކް، އާސެނަލްއަށް ކުރިއެރުން

އިނގިރޭސި ދެ ވަނަ ޑިވިޝަން ކުލަބު ބާންސްލޭ ކޮޅަށް ކައި ހަވަޓްޒް ކާމިޔާބު ކުރި ހެޓްރިކާއެކު 6-0 ން މޮޅުވެ ޗެލްސީން ލީގް ކަޕްގެ ހަތަރު ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

ޖަރުމަންގެ ބަޔާން ލެވަކޫސައިން 80 މިލިއަން ޔޫރޯއަށް ޗެލްސީއަށް ބަދަލުވި ހަވަޓްޒް ޗެލްސީގެ ޖޯޒީގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑު އަދި ފުރަތަމަ ހެޓްރިކް ހެދީވެސް ރޭގެ މެޗުގަ އެވެ. ކުރިން ބްރައިޓޮން އަދި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ހަވަޓްޒް ކުޅުން އެކަށީގެންވާ ފެންވަރެއްގައި ނުފެނުމުން އޭނާ އަށް ފާޑު ކިޔުން އަމާޒުވި އެވެ.

އެހެންނަމަވެސް ހެޓްރިކް ހަދައި ފާޑު ކިޔުންތަކުގެ މައްޗަށް ފަސް އަޅައި ފޮރުވާލި އެވެ. ހަވަޓްޒް ދެއްކި ކުޅުމާއި ޖެހި ލަނޑުތަކުން ހަނދާކޮށް ދެނީ އާ ލީގަކާއި އާ ކުލަބަކަށް ބަދަލުވެ އަސްލު ކުޅުން ދައްކަން ވަގުތުތަކެއް ބޭނުންވާނެ ކަމެވެ. މެޗުގައި ޗެލްސީގެ އަނެއް ތިން ލަނޑު ކާމިޔާބު ކުރީ ޓަމީ އަބްރަހަމް، ރޯސް ބާކްލީ އަދި އޮލިވާ ޖިރޫޑް އެވެ.

އާސެނެލްއިންވެސް ވަނީ ލެސްޓާ ސިޓީގެ މައްޗަށް 2-0 ން މޮޅުވެ ލީގް ކަޕްގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދާފަ އެވެ. މިދިޔަ ސީޒަންގެ މެދުތެރެއިން އާސެނަލް އާ ހަވާލުވި މިކަލް އާޓެޓާގެ ކޯޗް ކަމުގައި އާސެނަލްއިން ހޯދި ކުރިއެރުން މެޗުގައި ފެނިގެން ދިޔަ އެވެ.

އެފްއޭ ކަޕާއި ކޮމިޔުނިޓީ ޝީލްޑްގެ ކާމިޔާބާއެކު އާސެނަލްއިން ފެންނަމުންދާ ކުޅުމަށް އާސެންލަގެ ގޭމް އާޓެޓާ ބަދަލު ކޮށްލައިފި ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ. ލީގް ކަޕްގައި ރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ލެސްޓާގެ ކްރިސްޓިއަން ފުކްސް އަތުން ބައިކޮޅަށް ލަނޑު ވަދެ އާސެނަލްއަށް ލިޑް ލިބުނު ނަމަވެސް އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ޕާފޯމަންސް އެއްވަރެއްގައި ހިފެހެއްްޓުމަށް ބުރަ މަސައްކަތެއް ކުރި ތަނެވެ.

އާޓެޓާ ޓީމާ ހަވާލުވުމުގެ ކުރިން ކުޅުންތެރިންގެ ފަރާތުން އެދަހިވެތިކަން ނުފެނެ އެވެ. އޭނާ އައިސް އެ ބަދަލު އާސެނަލްއަށް ގެނެސްދީފި އެވެ. ހާއްސަކޮށް ޒުވާން ކުޅުންތެރިން ކަމަށްވާ އެޑްވަޑް ނިކެޓިއާ، ބުކާޔޯ ސަކާ އަދީ ރީސް ނެލްސަންގައި މެޗުގައި ދެއްކި ކުޅުމުން އާޓެޓާއަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބެނޭ އެވެ. މެޗުގެ ނަތީޖާ 2-0 ބް ދަލު ކުރީ 90 ވަނަ މިނެޓްގައި ނިކެޓިއާ ކާމިޔާބު ކުރި ލަނޑުންނެވެ.