ކުޅިވަރު

ޒްލަޓާން މަޑުކުރާނެ ކަމުގެ އިޝާރާތް މަލްޑިނީ ދީފި

އަންނަ ސީޒަނަށް އޭސީ މިލާންގެ ޕްރޮޖެކްޓް އެކުލަވައިލަނީ ފޯވަޑް ޒަލަޓާން އިބްރޮހިމޮވިޗް ހިމަނައިގެން ކަމަށް، އެ ކުލަބުގެ ޑައިރެކްޓާ އަދި ކުލަބުގެ ލެޖެންޑް ޕައޮލޯ މަލްޑިނީ ބުނެފި އެވެ.

ކޮރޯނާ ވައިރަސް އަށް ފަހު ލީގް އަލުން ފަށައި ރޭ ނިމިގެން ދިޔައިރު އެ ދެމެދު ލީގްގައި ކުޅުނު އެއްވެސް މެޗަކުން މިލާން ބަލިވެފަ އެއް ނުވެ އެވެ. މިލާންގެ ކުރީގެ ޑިފެންޑަރު ބުނީ މި ސީޒަންގައި ރަނގަޅު މަސައްކަތްތަކެއް އޭނާގެ ކުލަބުން ކޮށްފި ކަމަށެވެ. އަދި އަންނަ ސީޒަންގައި ވެސް އެކަންކަން ދެމެހެއްޓުމަން މަސައްކަތް ކުރަން ޖެހޭ ކަމަށް ސްކައި ސްޕޯޓްސް އިޓަލިއާ އާ ވާހަކަ ދައްކަމުން މަލްޑިނީ ބުންޏެވެ.

"ވީމާ އަންނަ ސީޒަންގައި އަހަރެމެން މަސައްކަތް ކުރާނީ މި މަސައްކަތް ދަމަހައްޓަން،" މަލްޑިނީ ބުންޏެވެ. "ޒްލަޓާން އަކީ މި ޕްރޮޖެކްޓްގެ ބައެއް، އޭނާ ޓީމުގައި މަޑު ކުރުވުމަށް ކުރަން ޖެހޭ މަޝްވަރާ ފަސޭހައެއް ނުވާނެ، ނަމަވެސް އަހަރެމެން ވިސްނައިގެން މިތިބީ އޭނާ މި ޓީމުގައި މަޑު ކުރުވަން. އަހަރެމެންގެ އެބަތިބި ވަރަށް ރަނގަޅު ޒުވާން ކުޅުންތެރިން، އިބްރާ އެ ކުޅުންތެރިންނާއެކު ހުރެގެން އަހަރެމެން ބޭނުންވާ ވަރަށް އެ ކުޅުންތެރިން ޑިވެލޮޕް ކުރެވޭނެ."

ޖަނަވަރީގައި މިލާން އާ ގުޅުނު، ޒްލަޓާން އިބްރޮހިމްވިޗް ވަނީ ކުޅުނު 18 މެޗުގައި 10 ލަނޑު ޖާހަފަ އެވެ. ކަލިއަރީ އާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި އިބްރާ ވަނީ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ ލަނޑާއެކު އޭނާ ވެފައި ވަނީ ސެރީ އޭ ގައި ޑަބަލް އަދަދަކަށް ލަނޑުޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ.

އޭނާ ބުނީ މިލާންގެ ޓާގެޓަށް ވާސިލު ވުމަށްޓަކައި ތަފާތު ވިސްނުން ތަކާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ތަފާތު ވިސްނުމެއް ހުއްޓަަސް އެއް އަމާޒަކަށް ވާސިލުވުމަށް މަސައްކަތް ކުރަން ޖެހޭނެކަމަށް މަލްޑިނީ ބުންޏެވެ.