ކުޅިވަރު

ޔުވެންޓަސްއާ ޕޮއިންޓަކާ ކައިރިން އިންޓަ ނިންމައިފި

ޗެމްޕިއަން ޔުވެންޓަސް އާ އެއް ޕޮއިންޓަށް ފަރަގު ކުޑަކޮށް އިންޓަ މިލާންއިން ދެ ވަނައިގައި ލީގް ނިންމާލައިފި އެވެ.

ޔުވެންޓަސް، ރޭ ރޯމާ އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 3-1 ންނެވެ. މިދިޔަ މަހު އިންޓަގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ސިފަ ކުރީ، ދެ ވަނަ މަގާމަކީ ނާކާމިޔާބުވި ޓީމުތަކުގެ އެންމެ ކުރީގައި އޮތުން ކަމަށެވެ. ކޮންޓޭ ބުނީ ދެ ވަނަ މަގާމަކީ އޭނާއަށް ކާމިޔާބެއް ނޫން ކަމަށެވެ.

އެޓަލާންޓާ އާ ދެކޮޅަށް ރޭ ކުޅުނު މެޗު އިންޓައިން ކާމިޔާބު ކުރީ 2-0 ންނެވެ. އެ މެޗަކީ އަމިއްލަ ދަނޑުގައި ބަލި ނުވެ އެޓަލާންޓާއިން ދަމަހައްޓަމުން އައި ޓްރެކަށް ނިމުން އައި މެޗެވެ. ޖަނަވަރީ ގައި ސްޕަލް އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ބަލިވި މެޗަށް ފަހު ރޭ ގެ މެޗާ ހަމައަށް އެޓަލާންޓާ އަމިއްލަ ދަނޑުގައި ބަލިވެފައެއް ނުވެ އެވެ.

އެޓަލާންޓާގެ ތާރީހްގައި ފުރަތަމަ ފަހަރަށް ލީގްގެ ދެ ވަނަ ހޯދުމުގެ އަމާޒުގައި މެޗަށް ނުކުތީ ޓީމުގެ ތަރީ ޔޯސިޕް އިލިޗިޗް ނުލަ އެވެ. އާއިލީ ކަމެއްގައި އޭނާ ވަނީ ޓީމުގެ ކޭމްޕު ދޫކޮށް، އަމިއްލަ ގައުމު ސްލޮވޭނިއާއަށް ގޮސްފަ އެވެ. މެޗުން ބަލިވެ އެޓަލާންޓާ ތިން ވަނައިގައި އޮތީ 78 ޕޮއިންޓާ އެކު އެވެ. ނަޕޯލީ އަތުން ރޭ ބަލިވި ލާޒިއޯއަށް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފަ އެވެ. ލާޒިއޯ އޮތީ ހަތަރު ވަނައިގަ އެވެ.

އިންޓައަށް ރޭ ގެ މެޗުގައި ލަނޑު ޖަހައިދިނީ ޑަނިލޯ ޑި އަމްބްރޯސިއާ އާއި އެޝްލީ ޔަންގް އެވެ. ޕޮއިންޓްގެ ގޮތުން ޔުވެންޓަސް އާ ފަރަގު ކުޑަ ކުރެވުނަސް އަދިވެސް އިންޓަ އާ ޔުވެންޓަސް އާ ދެމެދު ބޮޑު ފަރަގެއް އެބައޮތް ކަމަށް އިންޓަގެ ކޯޗް ކޮންޓޭ ރޭ ބުންޏެވެ.

"ޔުވެންޓަސް އާ ފަރަގެއް އެބަހުރި އަދި އެއީ ބޮޑު ފަރަގެއް،" ރޭ ގެ މެޗަށް ފަހު ޑަޒާން އަށް ދިން އިންޓަވިއުގައި ކޮންޓޭ ބުންޏެވެ. "އަހަރެމެން ޖެހޭނެ ވަރަށް ފަރުވާތެރިކަމާއެކު ވިސްނަން، މާޔޫސް ކަމާއި ކަންބޮޑުވުމުގައި ތިބުމަށް ފަހު އުފާވެރިކަން ލިބުނު ކަމަށް އަހަރެމެން ވިސްނައިގެން ނުވާނެ، އަހަރެން ބުނާނީ އަހަރެމެންގެ މަސައްކަތް ސެރީ އޭ ގައި އަހަރެމެން ފުރިހަމަ ކޮށްފީމޭ، ކޮޕާ އިޓާލިއާ ގައިވެސް އަހަރެމެންގެ ފެންވަރު މަތި ކުރިން އެ މުބާރާތުގެ ސެމީ ފައިނާލާ ހަމައަށް ދެވުނު، މިހާރު އަހަރެން ބޭނުން ވަނީ އަހަރެމެންގެ ފެންވަރު ޔޫރޮޕާ ލީގްގައި ދައްކައިދޭން."

"މިއީ އަހަންނަށް ވަރަށް އުނދަގޫ އަހަރެއް، އަހަރެންގެ ކުޅުންތެރިން އެމީހުންގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްޗެއް އެމީހުން ދިން، ޔުވެންޓަސް އެ އުފާފާޅު ކުރަނީ ޖެހިޖެހިގެން ނުވަނަ ފަހަރަށް އެމީހުން ހޯދި ލީގް ޗެމްޕިއަން، އަދި އެ ޓީމުން ސާބިތު ކޮށްދީފި އެ މީހުންނަކީ އެހެން ޓީމުތަކަށް ވުރެ ވަރުގަދަ ބައެއްކަން، އަބަދުވެސް އޮންނަ ފެންވަރަށްވުރެ މަތިކުރަން އެ މީހުން މަސައްކަތް ކުރާއިރު އެހެން ޓީމުތަކުން މަސައްކަތް ކުރަނީ އެ ޓީމާ ފަރަގު ކުޑަ ކުރަން."