ބާސެލޯނާ

އާތޫރޫ އާ ދެކޮޅަށް ފިޔަވަޅު އަޅަން ބާސާ ނިންމައިފި

ޓީމަށް އެނބުރި ދިއުމަށް ދެކޮޅު ހަދަމުން އަންނަ މިޑްފީލްޑަރު އާތޫރު މެލޯ އާ ދެކޮޅަށް ފިޔަވަޅު އަޅަން ބާސެލޯނާއިން ނިންމައިފި އެވެ.

ލަލީގާ ނިމުމުން، ބާސާއިން ކުޅުންތެރިންނަށް ދިން ކުރު ޗުއްޓީގައި އާތޫރު ދިޔައީ އޭނާގެ އަމިއްލަ ގައުމު ބްރެޒިލް އަށެވެ. ޗެމްޕިއަންސް ލީގްގައި ނަޕޯލީ އާ ދެކޮޅަށް އަންނަ ހުކުރު ދުވަހުގެ ރޭ ކުޅޭ މެޗަށް ޓްރޭނިންތައް މިދިޔަ ހަފުތާގައި ފެށިއިރު އާތޫރު ޓްރޭނިންއަށް ރިޕޯޓްކޮށްފަ އެއް ނުވެ އެވެ. ޖޫން މަހު ބާސާއިން ވަނީ 72 މިލިއަން ޔޫރޯއަށް ޔުވެންޓަސް އަށް އާތޫރު ވިއްކާލާފަ އެވެ.

ސްޕެއިންގެ މާކާއިން ބުނީ ބާސެލޯނާގެ މެނޭޖުމެންޓުން ކަންތައް ކުރި ގޮތާމެދު އާތޫރު ހިތްހަމަ ނުޖެހިފައި ހުރި ކަމަށެވެ. ބާސާ ދޫކޮށްލަން އޭނާ ބޭނުމެއް ނުވެ އެވެ. އެހެން ނަމަވެސް ބާސާއިން އޭނާ ވިއްކާލީ ޓީމުގެ އެކައުންޓް ބެލެންސް ކުރުމަށް ބޭނުންވާ ފައިސާ ޖޫން 30 ގެ ކުރިން ހޯދަން ޖެހޭތީ އެވެ. އަންނަ ސީޒަންގައި އަމަލު ކުރަން ފަށާ ގޮތަށް ހެދި އެއްބަސްވުމުގައި ޔުވެންޓަސް އަށް ފަސް އަހަރަށް އާތޫރު ސޮއި ކުރި އެވެ.

ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓެމެއު ވިދާޅުވީ، ޓީމަށް އެނބުރި އަންނަން ދެކޮޅު ހެދުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އާތޫރު ޖޫރިމަނާ ކުރާނެ ކަމަށެވެ.

"މިއީ ބަލައިގަނެވޭނެ ކަމެއް، މިއީ ޑިސްޕްލިންއާ ހިލާފު ކަމެއް،" ކެޓަލޯނިއާ އަށް ނިސްބަތްވާ ސްޕޯޓްސް އަށް ދިން އިންޓަވިއުގައި ބާޓެމެއު ވިދާޅުވި އެވެ. "އޭނާ ޓީމަށް ހާޒިރު ނުވުމުގައި މަގުބޫލު އެއްވެސް ސަބަބެއް ނެތް، މިހާރު ކުރިމަތީގައި މިއޮތީ ޗެމްޕިއަންސް ލީގް، މިކަމަށް ފިޔަވަޅު އެޅިގެންދާނެ އަދި އޭނާގެ މައްޗަށް ޖޫރިމަނާއެއް އަންނާނެ."

ޔުވެންޓަސް އާއެކު އެގްރިމެންޓްގައި ސޮއި ކުރި ފަހުން، އާތޫރު ބުނެފައި ވަނީ ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައ ކުލަބަށް އެންމެ ފަހު ވަގުތާ ހަމައަށްވެސް އޭނާ ހިދުމަތް ކުރާނެ ކަމަށެވެ. ސްޕޯޓްސް އިން ބުނީ އާތޫރުގެ ލޯޔަރުން ބާސާ އާއެކު އަންނަ ހަފުތާގައި ވާހަކަތައް ފަށާނެ ކަމަށެވެ.