ކްރީތީ ސެނަން

"ކްރިޝް 4" އަށް ކްރީތީ ސެނޯން

ރިތިކް ރޯޝަން ދެން އެންމެ އަވަހަށް ފަށަން ހަމަޖެހިފައިވާ "ކްރިޝް 4"ގެ ބަތަލާ އަކަށް ކްރީތީ ސެނޯން ހަމަޖެހިފައިވާ ކަމުގެ ޚަބަރުތަކެއް ފެތުރެން ފަށައިފި އެވެ. ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ޑައިރެކްޓްކުރާ މި ސުޕަހީރޯ ފްރެންޗައިޒް އަކީ މިހާތަނަށް އިންޑިޔާގައި އުފައްދާފައިވާ އެންމެ ކާމިޔާބު ސުޕަހީރޯ ސިލްސިލާގެ ފިލްމުތަކެވެ.

ތަންކޮޅެއް ކުރިން ރާކޭޝް ރޯޝަން ދީފައިވާ އިންޓަވިއު އެއްގައި ސްކްރިޕްޓްގެ މަސައްކަތް ކުރިޔަށްދާ ކަމަށް ބުނެފައި ވެއެވެ. ފަހުގެ ޚަބަރުތައް ބުނަނީ ބަތަލާއަކު ވެސް ފައިނަލް ވެއްޖެ ކަމަށާއި އެއީ ކްރީތީ ކަމަށެވެ.

"ކްރިޝް" ސީރީޒްގެ ކުރީގެ ފިލްމުތަކުގައި ރިތިކްގެ ލޯބިވެރިޔާގެ ރޯލު އަދާކުރީ ޕްރިޔަންކާ ޗޯޕްޅާ އެވެ. ނަމަވެސް މިހާރު ފަށަން އުޅޭ ފިލްމުގައި ޕްރިޔަންކާ ބައިވެރިވާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންވެ ފިލްމު އުފައްދާ ފަރާތުން ކްރީތީ އަށް ބަތަލާގެ ބައި ހުށަހެޅީ ކަމަށް ޚަބަރުތައް ބުނެ އެވެ.

ފިލްމާ ގުޅުންހުރި މީހަކު މައުލޫމާތު ދިން ގޮތުގައި ފިލްމު ކުޅެން ކްރީތީ ސޮއިކޮށްފި އެވެ. ނަމަވެސް ރަސްމީކޮށް އަދި މިކަން އިއުލާނެއް ނުކުރެ އެވެ.

މި ޚަބަރަކީ ތެދަކަށް ވާނަމަ މިއީ ރިތިކް އާއި ކްރީތީ އެކުގައި ފެންނާނެ ފުރަތަމަ ފިލްމަށް ވާނެ އެވެ. ފަރާ ޚާން ޑައިރެކްޓްކުރާ "ސައްތޭ ޕޭ ސައްތާ" ރިމޭކްގައި ކްރީތީ އާއި ރިތިކް ލީޑް ރޯލުކުޅެން ހަމަޖެހިފައިވާ ކަމުގެ ޚަބަރުތަކެއް ވެސް މިއަހަރު ފެށުނުތަނާ އިވުނެވެ. ނަމަވެސް ފަހުން މި ފިލްމާ ގުޅޭ ޚަބަރެއް ވެސް ނުވެ އެވެ.