އެމްއެމްއޭ

އެމްއެމްއޭ އާއި ބެންކުތަކުން މާދަމާ ހިދުމަތް ދޭނެ

Aug 3, 2020

ސަރުކާރު ބަންދުކުރިނަމަވެސް މާދަމާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބެންކުތައް ހުޅުވާފައި ހުންނާނެ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

އެމްއެމްއޭއިން މިރޭ ބުނީ އަންގާރައިން ބުރާސްފައްޗަށް ސަރުކާރު ބަންދުކުރި ނަމަވެސް މާދަމާވެސް އެ އޯތޯރިޓީއާއި ބެންކުތައް ހުޅުވާފައި ހުންނާނެ ކަމަށެވެ.

ބެންކުތައް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 ފެށިގެން މެންދުރު 2:00 އަށެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަ ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރެއްވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރަމުން ގެންދިއުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހައި ހިދުމަތްތަކެއް އޮންލައިންކޮށް ދިނުމަށްވެސް ވަނީ އަންގާފައެވެ.