އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލަ އިންޑިޔާގެ ސެންޓްރަލް ބިއުރޯ އޮފް އިންޓެލިޖެންސް (ސީބީއައި) އިން ބަލައިދިނުމަށް އެދި ގިނަ ބަޔަކު މިހާރު ދަނީ ސަރުކާރަށް އިލްތިމާސް ކުރަމުންނެވެ. ސީބީއައި އާ މައްސަލަ ހަވާލު ކުރަން ވަކާލާތުކުރާ މީހުންގެ ތެރޭގައި އެކްޓަރު އަދި ޓީވީ ހޯސްޓް ޝޭކަރް ސޫމަން ހިމެނެ އެވެ. ޝޭކަރް އަކީ ސުޝާންތު މަރުވި ދުވަހުން ފެށިގެން ވެސް މި މަރާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ދައްކަމުން އަންނަ މީހެކެވެ. އަދި ސުޝާންތުގެ އެކުވެރިއެކެވެ.
ސުޝާންތުގެ މަރުގެ މައްސަލައިގައި މިހާރު އެންމެ ބޮޑު ތުހުމަތެއް ކޮށްފައި ވަނީ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އަށެވެ. ނަމަވެސް ޝޭކަރް ބުނަނީ ރިއާއަކީ މި މައްސަލަ މުޅިން އަނބުރާލުމަށްޓަކައި "ގުރުބާން ކުރާ ކަންބަޅި" އެއް ކަމަށެވެ. މި މައްސަލަ ރިއާ ބޮލުގައި އަޅުވައި ހަގީގީ ކުށްވެރިން ފިލަން ވަގުތު ދެނީ ކަމަށް ޝޭކަރް ތުހުމަތު ކުރެ އެވެ.
ސުޝާންތު މަރުވި ފަހުން ޝޭކަރް ވަނީ އޭނާގެ ބައްޕަ ދިރިއުޅޭ ގެޔަށް ގޮސް އާއިލާ އާ ވެސް ބައްދަލު ކޮށްފަ އެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް ޝޭކަރް ތުހުމަތު ކުރަނީ ސުޝާންތު މަރުވީ އަމިއްލައަށް ނޫން ކަމަށާއި ބަޔަކު އޭނާ ގަސްތުގައި މަރާލީ ކަމަށެވެ.
ނަމަވެސް މުމްބައި ފުލުހުން އާދީއްތަ ދުވަހު ބޭއްވި ޕްރެސްގައި ބުނެފައި ވަނީ ސުޝާންތު މަރުވީ އަމިއްލައަށް ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އޭނާ މަރުވުމުގެ ކުރިން ވޭން ނުލިބޭ ގޮތަށް މަރުވާނެ ގޮތްގޮތް ގޫގުލް އިން ސާޗްކޮށްފައިވާ ކަމަށް ވެސް މުމްބައި ފުލުހުން ބުނެ އެވެ.
ސުޝާންތުގެ އާއިލާއިން ތުހުމަތު ކުރަނީ ސުޝާންތު މަރުވީ ރިއާ އާއި އާއިލާއިން ސުޝާންތު އާ ދޭތެރޭ ކަންތައް ކުރި ގޮތުން ކަމަށެވެ. އަދި ސުޝާންތުގެ އާއިލާގެ މީހުންނާ އޭނާއާ އޮތް ގުޅުން ވެސް ރިއާ މުޅިން ކަނޑުވާލާފައި އޮތް ކަމަށާއި ގޮތް ނޭނގޭ ބޭސްތަކެއް އަބަދު ކާންދީ އެނދުން ނުތެދުވެވޭ ވަރު ކޮށްފައި އޮންނަ ކަމަށް ވެސް ސުޝާންތުގެ އާއިލާއިން ވަނީ ތުހުމަތު ކޮށްފަ އެވެ.