މަޝްހޫރު ފިލްމު ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ (ރާމޫ) މުޅިން އާ ފިލްމެއް އުފައްދާކަން އާދީއްތަ ދުވަހު އޭނާ ކުރި ޓުވީޓެއްގައި ވަނީ އިއުލާން ކޮށްފަ އެވެ. ރާމޫގެ ސިލްސިލާ ޓުވީޓްތަކެއްގައި ބުނެފައިވާ ގޮތުގައި މި ފިލްމަކީ އިންޑިޔާގެ ރިޕަބްލިކް ޓީވީގެ އެޑިޓަ އިން-ޗީފް އަދި ނިއުޒް އެންކަރު އަރްނަބް ގޯސްވާމީ އާ ބެހޭ ގޮތުން ތައްޔާރުކުރާ ފިލްމެކެވެ.
އަރްނަބް ގޯސްވާމީ ދެކެ ރާމޫ ރުޅިއައިސްގެން އުޅޭ ސަބަބު ވެސް އޭނާގެ ޓުވީޓްތަކުގައި ހާމަ ކޮށްފައި ވެއެވެ.
އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅިގެން ބޮލިވުޑް ފަންކްޝަންކުރާ ގޮތާ ބެހޭ ގޮތުން ވަރަށް ގިނަ ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ. އިންޑިޔާގެ ވަރަށް ގިނަ ނިއުސް ޗެނަލްތަކުން ވެސް ސުޝާންތުގެ މަރާ ގުޅޭ ބަހުސްތައް ބާއްވަމުން ދެއެވެ. އެގޮތުން އަރްނަބްގެ ޗެނަލުން ބޭއްވި ބަހުސެއްގައި ދެއްކި ވާހަކަ ތަކަކާ ރާމޫ ހިތްހަމަ ނުޖެހުނީ އެވެ. މި ޝޯގެ ހޯސްޓެއްގެ ގޮތުގައި އަރްނަބް ދެއްކި ވާހަކަތަކާ ރާމޫ ރުޅިގަދަވީ އެވެ.
"އޭނާ (އަރްނަބް) ބޮލީވުޑް ސިފަ ކުރީ ވަރަށް ނުބައިނުލަފާ ކަންތައްތައް ކުރާ ތަނެއްގެ ގޮތުގައި. އޭނާ ބުނި ބޮލީވުޑަކި އެންމެ ހަޑިމުޑުދާރު އަދި ކްރިމިނަލްސް އާ ގުޅިގެން ހިންގާ ތަނެކޭ. ބޮލީވުޑްގައި އުޅެނީ ރޭޕް ކުރާ މީހުންނާއި ގޭންގްސްޓާރުންނާއި އަންހެނުނަށް ޖިންސީ ގޯނާ ކުރާ މީހުންނޭ. އަރްނަބް ސިފަ ކުރި ގޮތުގައި ދިވްޔާ ބާރްތީ، ޖިއާ ޚާން، ޝްރީދޭވީ އަދި ސުޝާންތަކީ ބޮލީވުޑް މީހުން މަރާލި އެކްޓަރުން ތަކެއް،" ރާމޫގެ ޓުވީޓުތަކުން ޓުވީޓެއްގައި ބުނެފައި ވެއެވެ.
ރާމޫ ބުނެފައިވާ ގޮތުގައި އަރްނަބް ބުނި ހަތަރު މަރަކީ 25 ވަރަކަށް އަހަރު ތެރޭގައި ހިނގާފައިވާ ތަފާތު ހާދިސާ ތަކެކެވެ. ނަމަވެސް އަރްނަބް ސިފަ ކުރަނީ މިއީ ހަތަރު މަރަކީ ވެސް ބޮލީވުޑްގެ މީހުންގެ ރޭވުމުން ގަސްތުގައި ހިންގާފައިވާ އަމަލުތަކެއް ކަމަށެވެ.
މި ފިލްމުގެ ނަން ވެސް ވަރުމާ ވަނީ އިއުލާން ކޮށްފަ އެވެ. "އަރްނަބް" ދަ ނިއުސް ޕްރޮސްޓިޓިއުޓް" އެވެ.
އޭނާ މި އުފައްދާ ފިލްމާ ދެކޮޅަށް އަރްނަބް ކޮންމެ ކަމެއް ކުރިޔަސް މައްސަލައެއް ނެތް ކަމަށް ވެސް ރާމޫ ބުނެފައި ވެއެވެ.
ރާމޫ ވަނީ ބޮލީވުޑްގެ އެންމެ ކުރީގައި އުޅޭ މީހުންގެ ތެރޭގައި ހިމެނޭ އަދިތުޔާ ޗޯޕްޅާ، ކަރަން ޖޯހަރް، ސަލްމާން ޚާން އަދި ޝާހްރުކް ޚާން ފަދަ މީހުންނަށް ވެސް އަރްނަބް އާ ދެކޮޅަށް ތެދުވުމަށް އިލްތިމާސް ކޮށްފަ އެވެ. އެންމެ ކުޑަމިނުން އަރްނަބް ދެއްކި ވާހަކަތަކާ ދެކޮޅަށް އެއްޗެކޭ ބުނަން ރާމޫ ވަނީ އިލްތިމާސް ކޮށްފަ އެވެ.