ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES

ޓޫރިޒަމް: އޮކްޓޫބަރަށް ބަލަން ތިބުން ނޫން ގޮތެއް ނެތް!

މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލީ އުންމީދުތަކާއެކުގަ އެވެ. އެ އުންމީދަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން ގެނެސް އިގްތިސޯދު ރަނގަޅު ވުމެވެ. ބޯޑަރު ހުޅުވަން ކައިރިވެފައި ވަނިކޮށް ސަރުކާރުން ޖެހި ހުރިހާ ހިސާބެއް ވެސް ހުރީ އެގޮތަށެވެ. ގައުމީ ޔުނިވާސިޓީއިން ހެދި ސާވޭ ރިޕޯޓުގައިވާ ގޮތުން މިދިޔަ މަހު އެކަނި 10،000 ޓޫރިސްޓުން އަންނާނެ އެވެ. އެކަމަކު ޓޫރިޒަމް ސިނާއަތުގެ މާހިރުން އޭރު ވެސް ވިދާޅުވަމުން ގެންދެވީ މުޅިން އެހެން ވާހަކަ އެކެވެ. އޭރު ވެސް އެ ބޭފުޅުން ވިދާޅުވަމުން ގެންދިޔައީ ސަރުކާރުގެ އެއްވެސް ހިސާބެއް ދިމަލެއް ނުވާނެ އެވެ. އެންމެ ފަހުންކަން ވީވެސް ހަމަ އެހެންނެވެ. ބޯޑަރު ހުޅުވިތާ މި އަދަދަށް 20 ދުވަސްވާން ކައިރިވާއިރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1،769 ޓޫރިސްޓުންނެވެ.

އެހެންވީއިރު ދެން މި އަހަރު އަންނާނީ ކިތައް ޓޫރިސްޓުން ހެއްޔެވެ؟ އަޔަސް މި އަހަރު ދެން ރަނގަޅަށް ޓޫރިސްޓުން އަންނަން ފަށާނީ ކޮން އިރަކުން ހެއްޔެވެ؟

"ހަގީގަތުގައި މިހާރު ރާއްޖެ މި އަންނަނީ ކޮންމެހެން ހޮލިޑޭ ހަދަން އަންނަ މީހުނެއް ނޫން. ގޭގައި ބަންދުގައި ތިބޭތާ ގިނަ ދުވަސް ވެގެން ދަތުރު ކޮށްލަން ބޭނުންވާ މީހުން. އާދަޔާ ހިލާފަށް ފައިސާ ހުރިއްޔާ ގޭގައި ހުރުމަށް ވުރެ ކިރި ޔާވެސް ދެވެން އޮތިއްޔާ ދަތުރު ކުރާނެ. އެގޮތަށް އަންނަ ބަޔަކު އަތުވެދާނެ. އަޅުގަނޑުމެން ކުރިން ވެސް ބުނަމުން ދިޔައިން ޓޫރިޒަމް އެހާ އަވަހަށް ރަނގަޅުވާން ނުފަށާނެ ވާހަކަ، ބޯޑަރު ހުޅުވިއަސް، އެގޮތަށް އަދި ހަމަ މިވަނީ،" މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވި އެވެ.

ބޯޑަރު ހުޅުވި ފަހުން މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުން މިހާތަނަށް 258 ޓޫރިސްޓުން އައިސްފައި ވާއިރު، ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޗުއްޓީ އަށް އައިސްފައި ވަނީ 189 މީހުނާއެކު އެމެރިކާ އެވެ. ތިންވަނައަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް ހިމެނޭއިރު، ޔޫރަޕުގެ ހަތަރު ގައުމަކުން މިހާތަނަށް 370 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ މިދިއަ މަހުގެ ނިޔަލަށް ޒިޔާރަތް ކޮށްފަ އެވެ.

އިމިގްރޭޝަންގެ ހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނަ މީހުން އައީ އިނގިރޭސިވިލާތާއި އެމެރިކާއިންނެވެ. އެކަމަކު އެ ދެ މާކެޓް ރަނގަޅުވުމުގެ ނިޝާނެއް ކަމަށް ބުނުމުގެ ފުރުސަތު އެބައޮތް ހެއްޔެވެ؟

އަންނަނީ ޔޫއޭއީގައި ތިބި މީހުން

މިހާރު ރާއްޖެ އަށް ފްލައިޓް އަންނަ މައިގަނޑު ރޫޓްއަކީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އެވެ. ރާއްޖެއަށް ޓްރާންސިޓް މަގުން ޓޫރިސްޓުން އާއްމުކޮށް އަންނަ ސްރީލަންކާގެ ބޯޑަރު ނުހުޅުވާތީ އެ މަގުން މީހަކު ރާއްޖެއަކަށް ނާދެ އެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މައި ގައުމުތައް ކަމަށްވާ ރަޝިއާ އާއި ސްޕެއިން އަދި އިޓަލީ ފަދަ ގައުމުތަކުން ބޭރަށް ދަތުރު ކުރާކަށް ނުފަށެވެ. އެހެންވެ މިހާތަނަށް ރާއްޖެ އައިސްފައިވާ މީހުންގެ ބޮޑު ބަޔަކީ ޔޫއޭއީގައި އެކި ބޭނުން ތަކަށް ތިބި މީހުން ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.

ރާއްޖޭގައި ގިނަ އެއާލައިންތަކެއްގެ ޓިކެޓް ވިއްކާ އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި ދުނިޔޭގެ ގައުމުތަކުގެ ބޯޑަރު ހުޅުވިގެން ނޫން ގޮތަކަށް ރާއްޖޭގެ ޓޫރިޒަމް ރަނގަޅު ނުވާނެ އެވެ.

"އަޅުގަނޑުމެންނަކީ ވެސް ޖެޓް ހޭންޑްލް ކުރާ ބައެއް، މިހާތަނަށް ރާއްޖެއަށް ޖުމްލަ 18 ޖެޓް ޖައްސާފައިވޭ. މީގެ ތެރެއިން ޓޫރިސްޓުންގެ ގޮތުގައި މީހުން އައީ ހަ ޖެޓުން. މިހާރުގެ ހާލަތުން ގަބޫލު ކުރަން ޖެހޭނީ ޓޫރިޒަމް ރަނގަޅު ވާން ފަށާނީ އޮކްޓޫބަރު ހިސާބު ކަމަށް،" ފިރާގު ވިދާޅުވި އެވެ.

ހަލީލް ވެސް ވިދާޅުވީ އެގޮތަށެވެ. ދުނިޔޭގެ ބޯޑަރުތައް ހުޅުވައި ކިރިޔާ ވެސް ޓޫރިސްޓަކު އަންނަން ފަށާނީ އޮކްޓޫބަރު މަހު އެވެ.

"އޮކްޓޫބަރު ނޫނީ ނޮވެމްބަރު ހިސާބުން ފެށިގެންދާނީ ކިރިޔާ ވެސް. މިހާރު މައިގަނޑު ކަމަކަށް ކުރަންވީ ކޮންފިޑެންސް ބިލްޑް ކޮށް ދިނުމުގެ ކަންތައް. ސެލިން ޕޮއިންޓްތައް ވިއްކުން. މިހާރު މީހުން ބޭނުން ވާނީ ޖެޓް ސްކީ ދުއްވާ މަންޒަރު ބަލާކަން ނޫން. ގައުމުތަކުގައި ހުރި ފިޔަވަޅުތަކާއި އެމީހުންނަށް އޮތް ޔަގީންކަން ބަލަން. އެކަން އެނގުނީމަ ބޯޑަރު ހުޅުވުމާއެކު ދަތުރު ކުރަން ފަށާނެ،" ހަލީލް ވިދާޅުވި އެވެ.

ޓޫރިސްޓުން އަންނަ ގައުމުތަކުގެ ބޯޑަރު ނުހުޅުވާ

ރާއްޖޭގެ ބޯޑަރު ބަންދު ކުރި ދުވަހު ސަރުކާރުން ބުނެފައިވަނީ، ކޮވިޑް-19 އިގެ ބަލި ޔޫރަޕުގައި އުޅޭތީ ފުރަތަމަ ރާއްޖެ ހުޅުވާލާނީ އޭޝިއާގެ ގައުމުތަކަށެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަން ޔޫރަޕެކޭ އެއްގޮތަށް އޭޝިއާގައި ވެސް މައިތިރިވުމުގެ ކޮޅުމައްޗެއް އަދި ނުފެނެ އެވެ. ހާއްސަކޮށް ރާއްޖެއަށް ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ހާލަތު ފެންނަނީ ވަރަށް ގޯސްކޮށެވެ. ރާއްޖެ އަށް މިދިޔަ އަހަރު 80،000 ޓޫރިސްޓުން އައި އިންޑިއާގެ 1.8 މިލިއަން މީހުންނަށް މި ބަލި ޖެހި 39,002 މީހަކު ވަނީ މަރުވެފަ އެވެ. އަދި ތައިލޭންޑާއި މެލޭޝިއާ އަދި ޗައިނާ ފަދަ ގައުމުތައް ވެސް މުޅިން ހުޅުވައެއް ނުލަ އެވެ. އެހެންވެ މިއީ ރާއްޖެއަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

މި ގައުމުތައް ހުޅުވިގެން ނޫން ގޮތަކަށް ގައުމުތަކުގެ ޓްރެވަލް އެޖެންޓުން ވެސް މަސައްކަތެއް ނުފަށާނެ އެވެ. އެކަން އެނގެނީ ރިސޯޓްތަކާއި ގެސްޓްހައުސް ތަކަށް ބުކިން ލިބޭ ގޮތުންނެވެ.

ހުޅުމާލޭގައި ހިންގާ ޔޫއައި ހޮޓެލްގެ ވެރިޔާ މޫސާ ނާސިހު ވިދާޅުވި ގޮތުގައި ބުކިން ލިބޭތޯ ވަރަށް ގިނަ މަސައްކަތް ކުރެވެ އެވެ. ނަމަވެސް އަންނަނީ ނިސްބަތުން ވަރަށް މަދު ބުކިންތަކެކެވެ.

"ބޯޑަރު 15 ގައި ހުޅުވާލީމަ އުންމީދު ކުރިން ބުކިން ލިބެން ފަށާނެ ކަމަށް، އެކަމަކު ހަމަ ނުލިބޭ. ސެޕްޓެމްބަރު މަހު ގެސްޓްހައުސްތައް ހުޅުވާ ގޮތަށް އޮތީމަ ކުރިން ކޮންމެވެސް ވަރަކަށް ޝައުގުވެރިކަން އޮތް. އިންކުއަރީ ލިބުނު. އެކަމަކު އިންކުއަރީގެ ހަ ޕަސެންޓު ވެސް ބުކިންއެއް ނުހަދާ. މިހާރު ބުކިން ހުރީ އޮކްޓޫބަރު މަހު ހިސާބަށް. އެ ވެސް ގާތްގަނޑަކަށް ފަސް ޕަސެންޓް ވަރު،" ނާސިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު މާކެޓިން އަށް އިތުރު ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.

"ވަރަށް އަވަހަށް އެބައޮތް ވާޗުއަލް ދެ ފެއާއެއް. މި ދެ ފެއާ މެދުވެރިކޮށް ބާރަށް މާކެޓް ކުރަން ޖެހޭ. އޭރުން ތައިލެންޑާއި މެލޭޝިއާ ފަދަ ގައުމުތައް ރަނގަޅު ވާން ފަށާފާނެ. އަޅުގަނޑުމެން އިޓަލީގެ އެޖެންޓުންނާ ވެސް ވާހަކަ ދައްކަމުން މިދަނީ. އެ ބޭފުޅުންގެ ވެސް ކޮންސާންއަކީ ބޯޑަރު ނުހުޅުވުން. އެ ގައުމުތަކުގެ ބޯޑަރު ހުޅުވީމަ އެ މީހުން ފޮނުވަން ތިބީ ތައްޔާރަށް. އެމީހުން ބުނަނީ މާސްކް އަޅައިގެން ސޯޝަލް ޑިސްޓެންސިންގައި އުޅެވިދާނެއޭ. އެކަމަކު މައްސަލައަކީ މިހާރު ކަނެކްޓިވިޓީ،" ނާސިހު ވިދާޅުވި އެވެ.

ރާއްޖޭގެ 150 ރިސޯޓުގެ ތެރެއިން އަލުން މިވަނީ 60 ރިސޯޓު ހުޅުވާފައިވާފަ އެވެ. މިގޮތަށް ހުޅުވި ނަމަވެސް މެދު ފަންތީގެ ގިނަ ރިސޯޓު ތަކަށް އެންމެ ޓޫރިސްޓެއް ވެސް މިހާތަނަށް އައިސްފައެއް ނުވެ އެވެ.

މިކަމުގެ މާޔޫސްކަން އެމީހުނަށް ވަރަށް ބޮޑެވެ. މިހާރު ޓޫރިސްޓުން ގިނައިން އަންނަނީ ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓުތަކަށާއި ޕްރައިވެޓް އައިލެންޑް ތަކަށެވެ. ގަތަރު އެއާވޭސް ފަދަ ފްލައިޓްތަކުން ވެސް އަންނަ ގިނަ މީހުން ދަނީ ހައި އެންޑް ތަންތަނަށެވެ. އެ ތަންތަނަށް ވެސް ޓޫރިސްޓުން އަންނަނީ ބޮޑެތި ޑިސްކައުންޓް ތަކެއް ދީގެނެވެ. ބައެއް އަގު ބޮޑެތި ރިސޯޓު ތަކުން ވަނީ 40 ޕަސެންޓް ވަރުގެ ޑިސްކައުންޓް ދީފަ އެވެ. މި ފަދަ ޕްރޮޕަޓީތަކުގެ އޮކިއުޕެންސީ މި ވަގުތު ގާތްގަނޑަކަށް ހުރީ އެންމެ މަތިކޮށް ވެސް 35 ޕަސެންޓުގަ އެވެ.

ބަލި ކޮންޓްރޯލް ނުވުން ނުބައި މެސެޖެއް

މި ހާލަތުގައި ޓޫރިޒަމް ބިނާވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރެވޭ ވަރެއްގެ މައްޗަށެވެ. ޓޫރިސްޓުން ގެންނަ ވާހަކަ ދައްކާއިރު މިހާރު އޮތް އެންމެ ބޮޑު ޗެލެންޖަކީ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑް މަތިވަމުން ދިއުމެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 4,446 ގަ އެވެ. އެންމެ ފަހުން އިއްޔެ ވެސް 153 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

ރާއްޖޭގައި ބަލި ކޮންޓްރޯލް ނުވުމަކީ ޓޫރިޒަމް ސިނާއަތުގައި ރާއްޖެ މާކެޓު ކުރުމުގައި ވެސް ކުރިމަތި ވާނެ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެ ކަންބޮޑުވުން ބޮޑެވެ. އެއްކޮޅުން މާކެޓިންއަށް ހެސްކިޔާފަ މަސައްކަތް ކުރާއިރު އަނެއްކޮޅުން ކޮމިއުނިޓީ ސްޕްރެޑް ރާސްލާފަ ދަނީ މައްޗަށެވެ.

ރާއްޖޭގައި ޓްރެވަލް އެޖެންސީ ވިޔަފާރީގައި އެންމެ ދުވަސްވީ އެއް ބޭފުޅާ ކަމަށްވާ، ކެޕިޓަލް ޓްރެވަލްގެ ވެރިޔާ، ޔޫސުފު ރިއްފަތު ވިދާޅުވެފައިވާ ގޮތުގައި ކޮވިޑްގެ ނަމްބަރު އިތުރުވަމުންދާނަމަ ރާއްޖެއަކީ ހައިރިސްކް މަންޒިލެއްގެ ގޮތުގައި ދުނިޔެ އަށް ފެނިގެން ދާނެ ކަމަށެވެ. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ބަލި ކޮންޓްރޯލް ކުރުން މިހާރު އެންމެ މުހިންމު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19 ބަލި ކޮންޓްރޯލް ނުކުރެވޭނަމަ މިހާރު އަންނަ އެއާލައިންތަކުގެ ދަތުރުތައް ވެސް މަދު ކުރުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ މިހާރު ރާއްޖެ އައިސް ގިނަ އެއާލައިންތަކުން ހުސްކޮށް ދާން ޖެހުމެވެ. މިހާރު ރާއްޖެއަށް އުދުހެމުން ދަނީ ގަތަރު އެއާވޭސް އާއި އެމިރޭޓްސް އަދި އިއްތިހާދުގެ އިތުރުން ސްރީލަންކަންނެވެ. ފްލައިޓް މަދުކުރަން ޖެހިއްޖެނަމަ މިކަންވާނީ ރާއްޖެ އިކޮނޮމީއަށް ކުރިމަތިވާނެ ބޮޑު މައްސަލަ އަކަށެވެ. ސަބަބަކީ ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް ހުޅުވެމުންދާއިރު އެންމެ ބޮޑަށް ބަލާނެ އެއް ކަމަކީ "ކަނެކްޓިވިޓީ" އަށް ކަމަށްވުމެވެ. ހުޅުވޭއިރު ކަނެކްޓިވިޓީ ނުލިބިއްޖެނަމަ ރާއްޖެއަށް މީހުން އަންނަން ދަތި ތަކެއް ކުރިމަތިވާނެ އެވެ. މިއީ ސަރުކާރުން ބައިލެޓްރަލް ލެވަލްގައި ވެސް ވިސްނަން ޖެހޭ ކަމެކެވެ. ޗައިނާ ފަދަ ގައުމުތަކަށް ފުރިހަމަ ކަނެކްޓިވިޓީއެއް އަޅަން އެބަޖެހެވެ.

މި ހުރިހާ ކަމެއް މިގޮތުގައި ހުރިއިރު، ކުރި އަށް އަންނާނެ ޓޫރިސްޓުންގެ އަދަދު މި ވަގުތު އަންދާޒާއެއް ކޮށްލުން އެއްވެސް ބަޔަކަށް މިހާރު ފަސޭހައެއް ނޫނެވެ. ސަރުކާރުން ކުރިން ބުނެފައި ވަނީ މި އަހަރު ޖުމްލަކޮށް އަންނާނީ އަށް ލައްކަ ވަރު ކަމަށެވެ. ނަމަވެސް މިހާރު ބެލެވެނީ މި އަދަދު މަދުވާނެ ކަމަށެވެ. މިހާރުގެ ދުރުމިން ބަލާނަމަ ރާއްޖޭގެ ޓޫރިޒަމްގެ އަސްލު މަންޒަރު ފެންނަން ފަށާނީ މި މަސް ނިމުމުންނެވެ. ހިސާބެއް ވެސް ޖެހޭނީ އޭގެ ފަހުންނެވެ. ސަބަބަކީ ކޮންމެ އަހަރެއް ވެސް ޖުލައި މަހަކީ ޓޫރިޒަމް އާއްމުކޮށް ވެސް ދަށް ދުވަސް ވަރަކަށް ވުމެވެ. އަނެއް ކަމަކީ ޓޫރިސްޓުން އަންނަ ގައުމުތައް ހުޅުވެމުންދާ ގޮތެވެ. މިހާރުގެ އަންދާޒާއަކީ ގައުމުތައް ސެޕްޓެމްބަރު ހިސާބު ހުޅުވަން ފެށުމެވެ. އެހެންވެ، މިހާރު އުންމީދަކީ އޮކްޓޫބަރު މަހު ޓޫރިސްޓުންގެ އަންނަން ފެށުމެވެ. މިހާރު އޮތް ގޮތަކީ އޮކްޓޫބަރު މަހަށް އުންމީދު ކޮށްގެން ބަލަން ތިބުމެވެ.