ބޮލީވުޑް

ރާނާ ދަގުބަތީ އާއި މިހީކާގެ ކައިވެނި އަންނަ ހޮނިހިރުގައި

އެކްޓަރު ރާނާ ދަގުބަތީ އާއި މިހީކާ ބަޖާޖްގެ ކައިވެނި އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ. މި ދެ މީހުންގެ މައިންބަފައިން ބުނެފައިވާ ގޮތުގައި މި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވާނީ ދެ ފަރާތުގެ އާއިލާގެ 30 ވަރަކަށް މީހުންނެވެ. މަރްވާޅީ އާއި ތެލެގޫ ސަގާފަތާ އެއްގޮތަށް ބާއްވާ މި ކައިވެނީގެ ރަސްމިއްޔާތުގައި މި ދެ ސަގާފަތުގެ ހުރިހާ ރަސްމުތަކެއް ފުރިހަމަ ކުރާނެ ކަމަށާއި އެއްވެސް ކަމެއް އުނި ނުވާނެ ކަމަށް ރާނާ އާއި މިހިކާގެ މައިންބަފައިން ބުނެފައި ވެއެވެ.

ރާނާގެ ބައްޕަ އަދި ޕްރޮޑިއުސަރު ދަގުބަތީ ސުރޭޝް ބާބޫ ޓައިމްސް އޮފް އިންޑިޔާ އާ ވާހަކަ ދައްކަމުން ބުނެފައި ވަނީ ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވާ މެހެމާނުންގެ އަދަދު 30 އަށް ވުރެ ގިނަ ނުވާނެ ކަމަށެވެ. އެ މީހުން ބޭނުންވީ އާއިލާގެ ވެސް އެންމެ ގާތް ތިމާގެ މީހުން އެކަނި މި ރަސްމިއްޔާތުގައި ބައިވެރި ކުރުމަށެވެ. ފިލްމު އިންޑަސްޓްރީ އާއި އިންޑަސްޓްރީން ބޭރުގައި ތިބި ވަރަށް ގާތް އެކުވެރިންގެ ތެރެއިން ވެސް ގިނަ ބަޔަކަށް ދައުވަތު ނުދޭކަން އޭނާ ފާހަގަ ކުރި އެވެ.

ސަބަބަކީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންޑީޔާގައި ވަރަށް ބޮޑަށް އިތުރުވަމުން ދާތީ ކަމަށާއި ބޮޑު ރަސްމިއްޔާތެއް ބާއްވައިގެން ގިނަ ބަޔަކު ގެނެސް ބަލި ޖެހުމުގެ ނުރައްކާ އިތުރު ކުރަން ބޭނުން ނުވާތީ ކަމަށެވެ.

ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވާ އެންމެން ވެސް ރަސްމިއްޔާތުގެ ކުރިން ކޮވިޑް ޓެސްޓް ހަދާނެ ކަމަށާއި ރަސްމިއްޔާތުގެ އިންތިޒާމްތައް ވެސް ހަމަޖައްސާފާއި ހުންނާނީ މީހުންނަށް ދުރުދުރުގައި ތިބެވޭނެ ގޮތަށް ކަމަށް ވެސް ރާނާގެ ބައްޕަ ބުންޏެވެ.

ރާނާ ބުނި ގޮތުގައި މިހީކާ އާ ފުރަތަމަ ބައްދަލުވީ ދުވަހުން ފެށީގެން ވެސް އޭނާގެ ހަޔާތުގެ ބައިވެރިޔަކަށް ހޮވަން އެންމެ ރަނގަޅު އަންހެންކުއްޖަކީ އެއީ ކަމަށް ގަބޫލު ކުރެވުނު ކަމަށެވެ. އަދި މިހީކާ އަކީ ފިލްމު އިންޑަސްޓްރީއާ ގުޅުމެއް ނެތް މީހެއް ނަމަވެސް އެއީ އޭނާއަށް މައްސަލައެއް ނޫނެވެ.

"އަހަރެންނަށް އޭނާއާ ބައްދަލުވީ ފުރަތަމަ ފަހަރު ވެސް ވަރަށް ގަޔާ ވެވުނު. އަދި އެނގުނު ލޯބިވާ މީހަކު ލިބިއްޖެކަން،" ރާނާ ބުންޏެވެ.

ފިލްމީ ކެރިއަރަށް ބަލާއިރު ރާނާ އެންމެ ބޮޑަށް މަޝްހޫރު ވެގެން ދިޔައީ "ބަހޫބަލީ" ގައި ކުޅެފައިވާ ރޯލުންނެވެ. ހިންދީ ފިލްމު "ދަމް މާރޯ ދަމް" ގައި ބިޕާޝާ ބާސޫ އާއެކު ރާނާ ވަނީ ލީޑް ރޯލު ކުޅެފަ އެވެ. އަދި މިފިލްމުން ބެސްޓް ޑެބިއު އެވޯޑު ވެސް ލިބިފައި ވެއެވެ.