ފިނިޕޭޖް

ތާރާ އާއި އާދާރްގެ ލޯބި ހާމަކޮށްފި

"ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވި ރީތި ބަތަލާ ތާރާ ސުތާރިއާ އާއި "ގައިދީ ބަންދު" އިން ބޮލީވުޑަށް ތައާރަފްވި އާދާރް ޖެއިން އަކީ ހަގީގީ ދެ ލޯބިވެރިން ކަމަށް އެ މީހުން އެއްބަސް ވެއްޖެ އެވެ. އާދާރް އަކީ ރަންބީރު އާއި ކަރީނާ އަދި ކަރިޝްމާ ކަޕޫރާ ދެބެންގެ ދެ ދަރި މީހެކެވެ.

ތާރާ އާއި އާދާރްގެ ލޯބީގެ ވާހަކަތައް ދެކެވޭތާ ވަރަށް ގިނަ ދުވަސް ވެފައި ވިޔަސް މި ދެ ތަރިން މިކަމަށް މީގެ ކުރިން އެއްބަސް ވެފައެއް ނުވެ އެވެ. ނަމަވެސް ކަޕޫރު އާއިލާގެ ހުރިހާ ޕާޓީތަކާއި ކައިވެނީގެ ރަސްމިއްޔާތުތަކެއްގައި އާދާރްއާއެކު ތާރާ އަބަދު ވެސް ހުއްޓާ ފެންނާތީ އިންޑިޔާގެ ނޫސްތަކުން މި ވާހަކަ ދައްކާތާ ކިތަންމެ ދުވަހެކެވެ.

އާދާރް އަކީ އޭނާގެ ލޯބިވެރިޔާކަން ތާރާ ހާމަކުރީ އާދާރްގެ 26 ވަނަ އުފަން ދުވަހާ ގުޅުވައިގެން އިންސްޓަގްރާމްގައި ޝެއާ ކުރި ޕޯސްޓެއްގަ އެވެ. މި ޕޯސްޓްގައި އަބަދުގެ އަބަދަށް ވެސް އެ ދެ މީހުން އެކުގައި ވާނެ ކަމަށް ބުނާ މޭރުމަކުން ތާރާ ލިޔެފައި ވެއެވެ.
ތާރާގެ ކޮއްކޮ ޕިއާ ސުތާރިއާ ވެސް އާދާރް އަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުވާފައި ވެއެވެ.

"ގައިދީ ބަންދު" އަށް ފަހު އާދާރްގެ ފިލްމެއް އަދި ނުނިކުމެ އެވެ. ނަމަވެސް ތާރާ ވަނީ ސިދާރްތު މަލްހޯތުރާ އާއެކު "މަރްޖާވާން" ކުޅެފަ އެވެ. މި ފިލްމު ކުޅުނު ދުވަސްވަރު ސިދާރްތު އާއި ތާރާގެ ލޯބީގެ ވާހަކަތަކެއް ފެތުރުނެވެ. ނަމަވެސް އެއީ ހަގީގަތުގައި ނޫން ކަމާއި އޭރުވެސް ތާރާ އުޅެނީ އާދާރް އާ ރައްޓެހިވެގެން ކަމަށް ވެއެވެ.

"މަރްޖާވާން" އަށް ފަހު ވަރަށް ފަހުން ހަމަ ސިދާރްތު އާއެކު ތާރާ ވަނީ މިއުޒިކް ވީޑިއޯ "މަސަކަލީ 2.0" ކުޅެފަ އެވެ.
ތާރާ ދެން ކުޅެން ހަމަޖެހިފައިވަނީ މިލަޕް ޒަވޭރީ ޑައިރެކްޓްކުރާ ރޮމެންޓިކް-އެކްޝަން ފިލްމެއް ކަމަށްވާ "ތަޅަޕް" އެވެ.