ބޮލީވުޑް

ދީޕިކާ އާއި އަނަންޔާގެ ފިލްމެއް ސްރީލަންކާގައި ޝޫޓްކުރަނީ

ޑައިރެކްޓަރު ޝަކުން ބަޓްރާގެ ފިލްމެއް ކުޅެން ދީޕިކާ ޕަދުކޯން ސޮއިކޮށްފައިވަނީ 2019 ގައެވެ. މި ފިލްމުގައި ދީޕިކާ އާއެކު ބައިވެރިވަނީ އަނަންޔާ ޕާންޑޭ އާއި ސިދާންތު ޗަތުރަވޭދީ އެވެ.

މިހާރު މި ފިލްމުގެ ޝޫޓިން ފަށަން ތައްޔާރުވެފައިވީ ނަމަވެސް އިންޑިޔާގައި ކޮވިޑް-19 ކޮންޓްރޯލް ނުވާތީ އަދި ފިލްމު ފެށޭ ގޮތް ވަނީ ނުވެފަ އެވެ. ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމުގެ ޝޫޓިން ސްރީލަންކާގައި ކުރިޔަށް ގެންދަން މިހާރު ދަނީ ވިސްނަމުންނެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ސްރީލަންކާއިން އެ ގައުމުގެ ބޯޑަރު ހުޅުވާލައި ޓޫރިޒަމްގެ މަސައްކަތްތައް އަލުން ފެށުމާއެކު އިންޑިޔާ އާއި ސްރީލަންކާ އާ ދެމެދު ޝެޑިއުލް ފްލައިޓްތައް ނޮވެމްބަރު ހިސާބުގައި ފެށޭނެ ކަމަށް ޑައިރެކްޓަރު އުންމީދު ކުރެ އެވެ. އެހެންކަމުން ނޮވެމްބަރު މަހު ސްރީލަންކާ އަށް ގޮސް ފިލްމުގެ މަސައްކަތް ފަށަން ޑައިރެކްޓަރު މިހާރު ވަނީ ގަސްތުކޮށްފަ އެވެ.

ފިލްމުގެ ޝޫޓިންގަށް 50 ކުރޫ މެމްބަރުން މިހާރު ވަނީ ހަމަޖައްސާފަ އެވެ. މިއީ ސްރީލަންކާއަށް ގޮސް ފިލްމުގެ ޝޫޓިންގައި ހަރަކާތްތެރިވާނެ މީހުންނެވެ.

އަދި ވަކި ނަމެއް ހަމަނުޖެހޭ މި ފިލްމަކީ ލޯބީގެ ވާހަކަތަކެއް ކިޔައިދޭ ފިލްމެކެވެ. މިހާރު އިއުލާން ކޮށްފައިވާ ގޮތުން ފިލްމު ރިލީޒްކުރާނީ 2021 ގެ ފެބްރުއަރީ މަހު އެވެ. ނަމަވެސް މި ތާރީޚު ބަދަލުކުރާނެ ކަމަށް ބެލެވެ އެވެ.

ޝަކުން މީގެ ކުރިން ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "އޭކް މައި އައުރް އޭކް ތޫ" (2012) އަދި 2016 ގައި ޑައިރެކްޓްކުރި "ކަޕޫރު އެންޑް ސަންސް" ހިމެނެ އެވެ. މި ފިލްމު ޕްރޮޑީއުސްކުރަނީ ކަރަން ޖޯހަރް އާއި އަޕޫރުވާ މެހެތާ އަދި ޚުދް ޝަކުން ގުޅިގެންނެވެ.