އެޓާނީ ޖެނެރަލް

ހައްގުތައް ދެމެހެއްޓުމަކީ ވެރިންގެ ޒިންމާއެއް: އޭޖީ

ހައްގުތަކާއި މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަކީ ދައުލަތުގެ ތިން ބާރުގެ ވެރިން ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއް ކަމަށް ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނާއިބް މިހެން ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ތަސްދީގު ކުރިތާ މިއަދަށް 12 އަހަރު ފުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ސުޕްރީމް ކޯޓްގައި ކުރިން ތިއްބެވި ފަނޑިޔާރުންނަށް ގާނޫނު އަސާސީގައި ބުނާ އެއްޗެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ގާނޫނު އަސާސީގެ ބޮޑު ފޮތެއް އެކޯޓަށް ހަދިޔާ ކުރަން ދިޔަ ދުވަހުގެ ފޮޓޯއަކާއެކު ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްގުތަކާއި މިނިވަންކަން ހޯދުމަކީ ނޭވާލާ ބީދައިން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ހައްގުތަކާއި މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަކީ އެއިރަކު އޮންނަ ވެރިކަން ހިންގާ ބާރާއި ގާނޫނު ހަދާ ބާރާއި އަދުލު އިންސާފު ގާއިމުކުރާ ބާރުގެ ވެރިން ހެޔޮކަމުންކުރާ ކަމަކަށްވުރެ ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

ގިނަ ހައްގުތަކަކާއި، ޑިމޮކްރަޓިކް އެތައް އަސާސުތަކެއް ހިމަނައިގެން ފާސްކުރި ފެހި ގާނޫނު އަސާސީ ތަސްދީގު ކޮށްފައިވަނީ މީގެ 12 އަހަރު ކުރިން އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުއްގައްޔޫމެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅުގައި ހިންގުމުގެ ނިޒާމަކަށް ހެޔޮ ބަދަލުތަކެއް ގެންނަވާ، ރާއްޖެ ޑިމޮކްރަޓިކް ގައުމަކަށް ބަދަލު ކުރެއްވިއެވެ.