ބޮލީވުޑް

އާ ކޮމެޑީ ޝޯ އަކާއެކު ސުނިލް ގްރޯވަރު އަންނަނީ

ސޮނީ ޓީވީގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ކަޕިލް އާއެކު މީހުން ހެއްވުމުގެ އެންމެ ކުރީ ސަފުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުމަށް ފަހު ކަޕިލް އާ ޖެހުނު މައްސަލައެއްގައި އެ ޝޯއިން ވަކިވެފައިވާ ހުނަރުވެރި ކޮމޭޑިއަން ސުނިލް ގްރޯވަރު މުޅިން އާ ޝޯއަކާއެކު ޓީވީ ސްކްރީނަށް އެނބުރި އަންނަން ތައްޔާރު ވެއްޖެ އެވެ.

ކަޕިލްގެ ޝޯގައި ގުއްތީ އާއި ޑރ. މަޝްހޫރު ގުލާޓީގެ ރޯލު ވަރަށް ފުރިހަމައަށް ކުޅެފައިވާ ސުނިލް އަލަށް ފަށާ ޝޯގައި މީގެން އެއްވެސް ކެރެކްޓާއެއް ނުކުޅޭނެ އެވެ. އޭނާ ފެންނާނީ މުޅިން ތަފާތު ރޯލަކުންނެވެ.

ސްޓާ ބާރަތު އިން ދައްކަން ހަމަޖެހިފައިވާ "ގޭންގްސް އޮފް ފިލްމިސްތާން" ގެ ނަން ދީފައިވާ މި ޝޯ އާ ބެހޭ ގޮތުން އިންޑިޔާގެ ނޫހަކާ ވާހަކަ ދައްކަމުން ސުނިލް ބުނީ އޭނާގެ ޝޯގައި ސެލެބްރިޓީ މެހެމާނުން ބައިވެރި ނުވާނެ ކަމަށާއި ލައިވް އޯޑިއަންސް އެއްވެސް ނުތިބޭނެ ކަމަށެވެ. އަދި އޭނާ މީގެ ކުރިން ކުޅުނު އެއްވެސް ކެރެކްޓާއެއް މި ޝޯގައި ނުފެންނާނެ ކަމަށެވެ.

ސުނިލް ބުނި ގޮތުގައި "ގޭންގްސް އޮފް ފިލްމިސްތާން" ގައި އޭނާ އަކީ ޑޯން އެކެވެ. މާނައަކީ ނުބައިބައި މީހަކަށް ވެގެން އޭނާ މީހުން ހެއްވުމުގެ މަސައްކަތް ކުރުމެވެ.

ޓީވީ ސްކްރީނަށް އެނބުރި އާދެވޭތީ ސުނިލް ހުރީ ވަރަށް އުފަލުންނެވެ. އޭނާ ބުނީ އޭނާއަކަށް ކޮވިޑް-19 އަށް ވެކްސިނެއް ނުހޯދުނު ކަމަށާއި އެހެންވެ އޭނާއަށް އެންމެ ރަނގަޅަށް ކުރެވޭ ކަންތައް ކަމަށްވާ މީހުން މުނިފޫހިފިލުވުމުގެ ކަންތައް ކުރަން ނިންމީ ކަމަށެވެ.
ސުނިލް އާއެކު މި ޝޯގައި ބައިވެރިވާ ކޮމޭޑިއަނުންގެ ތެރޭގައި ސަންކެތު ބޯސްލޭ، ސުގަންދާ މިޝްރާ، ޝިޕްލާ ޝިންޑޭ، ޕަރިތޯޝް ޓްރިޕާތީ، ޖަތިން ސޫރީ އަދި ސިދާރްތު ސާގަރް ހިމެނެ އެވެ.

ޓީވީއަށް އެނބުރި އައުމުގެ ވިސްނުމެއް މީގެ ކުރިން ސުނިލް ނުގެންގުޅެ އެވެ.

"ޝޯއެއް ކުޅުމުގެ ވިސްނުމެއް ކުރިން ނެތް. ނަމަވެސް މިފަހަރު ލިބުނު ފުރުސަތު ރަނގަޅުކަމުން ދޫކޮށްލަން ނުކެރުނީ،" ސުނިލް ބުންޏެވެ.
ސުނިލް ނެތްކަމުގެ ފަޅުކަން އަދިވެސް "ދަ ކަޕިލް ޝަރުމާ ޝޯ"ގެ ފޭނުން އިހްސާސް ކުރެ އެވެ. އަދި އޭނާ އެނބުރި އަތުވެދާނެކަމަށް އިންތިޒާރު ކުރެ އެވެ. ނަމަވެސް މިހާޜު ބެލެވޭ ގޮތުގައި ސުނިލް ދެން ފެންނާނީ ކަޕިލްގެ ވާދަވެރިއެއްގެ ގޮތުގަ އެވެ.