ކޮރޯނާވައިރަހުގެ ބަލިމަޑުކަން މުޅި ދުނިޔޭގައި ފެތުރި އެތައް ބަޔަކު ގޭގޭގައި ނުނުކުމެ ތިބެން މަޖްބޫރުވެފައިވާއިރު ހިންދީ ސިނަމާއަށް ވެސް މީގެ ނޭދެވޭ އަސަރުތައް ފޯރާފައިވަނީ އިންތިހާއަށެވެ. ސިނަމާތައް ހުޅުވޭނެ ދުވަހެއް އަދިވެސް ޔަގީންކަމާއެކު ބުނާކަށް ނޭނގެ އެވެ. އެހެންވެ ލޮކްޑައުންގެ ކުރިން ގާތްގަނޑަކަށް މަސައްކަތް ނިމިފައި ހުރި ގިނަ ފިލްމުތަކެއް ނުނިމި ހުރި މަސައްކަތްތައް ނިންމައި، މިހާރު ގެންދަނީ ޑިޖިޓަލްކޮށް ރިލީޒް ކުރަމުންނެވެ.
ޑިޖިޓަލްކޮށް ފިލްމުތައް ދައްކާ އެކިއެކި އޮންލައިން ޕްލެޓްފޯމްތަކުން ރަނގަޅު އަގެއްގައި ފިލްމުތައް ގަންނަމުން ދާތީ ސިނަމާތައް ހުޅުވެންދެން ފިލްމު ބާއްވަން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން މިހާޜު އެހާ ބޭނުމެއް ނުވެ އެވެ. ފަހުން ވާނެ ގޮތަކާ މެދު މާ ބޮޑު އެއްޗެއް ބުނަން ނޭނގޭތީ އެވެ.
އެންމެ ފަހުން ޑިޖިޓަލް ރިލީޒްކުރާކަން އިއުލާންކުރި އެއް ފިލްމަކީ އާލިއާ ބަޓް އާއި އަދިތުޔާ ރޯއި ކަޕޫރު، ސަންޖޭ ދަތާއި ޕޫޖާ ބަޓް މުހިއްމު ރޯލުތަކެއް އަދާކޮށްފައިވާ "ސަޅަކް 2" އެވެ.
އާލިއާ މިއަދު ވަނީ ސޯޝަލް މީޑިއާގައި މިކަން އިއުލާން ކޮށްފަ އެވެ. އާލިއާ ޝެއާކުރި މި ފިލްމުގެ ޕޯސްޓަރުގެ ކެޕްޝަންގައި އޭނާ ލިޔެފައިވާ މެސެޖުގައި ބުނެފައިވަނީ ޑީޒްނީޕްލަސްހޮޓްސްޓާވީއައިޕީ އިން އޮގަސްޓް 28 ވަނަ ދުވަހު "ސަޅަކް 2" ރިލީޒް ކުރާނެ ކަމަށެވެ.
"ސަޅަކް 2" އަކީ މަހޭޝް ބަޓް 1991 ގައި އުފެއްދި ފިލްމެއްގެ ދެ ވަނަ ބައެވެ. "ސަޅަކް" ގެ ނަމުގައި އޭނާ އުފެއްދި މި ފިލްމުގެ ތަރިންނަކީ ޕޫޖާ ބަޓް އާއި ސަންޖޭ ދަތެވެ. މިފަހަރުގެ ފިލްމުގައި ވެސް މި ދެ ތަރިން މުހިއްމު ބައިތަކެއް ކުޅެ އެވެ. އަދި މިއީ ވަރަށް ގިނަ ދުވަސް ތަކެއް ވެސް ޑައިރެކްޓް ކުރުމުގެ މަސައްކަތް ހުއްޓާލުމަށް ފަހު މަހޭޝް ބަޓް އަލުން އެނބުރި އެ މަސައްކަތަށް އައުން ފާހަގަ ކުރާ ފިލްމު ވެސް މެއެވެ. އަދި މިއީ އޭނާގެ ދެ ދަރިން ކަމަށްވާ ޕޫޖާ އާއި އާލިއާ އެކުގައި ބައްޕަގެ ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރު ވެސް މެއެވެ.