ދެހާސް އަށެއްގެ އާގާނޫނުއަސާސީއާއެކު ދިވެހިރައްޔިތުންނަށް މިވަނީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ގާނޫނުއަސާސީން ކަށަވަރު ކޮށްދެވިފައި ނުވާހާ މިންވަރަށް އިންސާނީ ހައްގުތައް ކަށަވަރުކޮށްދީ ނަމޫނާ ގާނޫނުއަސާސީއެއް ދުނިޔެއަށް ވުޖޫދު ކޮށްފަ އެވެ. މި ގާނޫނުއަސާސީން ރައްޔިތުންނަށް މިވަގުތު ކަށަވަރުކޮށްދޭ ހައްގުތައް ކިހާ ފުރިހަމައަކަށް، ރައްޔިތުންގެ ވޯޓަކާއެކު އައިސް މިވަގުތު ސަރުކާރު ހިންގުމާ ހަވާލުވެތިބި ފާރާތްތަކަށް، ކަށަވަރު ކޮށްދެވޭތޯ ސުވާލު ކުރެވި އެއްމެ ފަހުން ރައްޔިތުންގެ ހިތްހިމަނުޖހެންތައް ބަންޑުންވެ ދާދި ފަހުން މިވަނީ މުޒާހަރާތަކެއް ވެސް ކޮށްފަ އެވެ. ގާނޫނުއަސާސީން ލިބިދީފައިވާ އެއްވެއުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަންފަދަ އެތަކެއް ހައްގެއް މިއަދު ކިހާވަރަކަށް ކަށަވަރު ކުރެވޭތޯ ކައިރި މާޒީއަށް ޖެހިލާށެވެ.
މި ސަރުކާރު ވުޖޫދަށް އައުމާއެކު އެކުލަވާލި ވަޒީރުންގެ މަޖިލިހުގައި ވަޒީރު ބޭފުޅަކަށް ހުކުމެއްގައި ހުރެވި ޝަރުއީ މަރުހަލާ ފުރިހަމައަށް ނިމި މިނިވަންވެފައިވޭތޯ ކަށަވަރު ނުކުރެވެނީސް ވަޒީރު ކަމުގެ ހުވާ ކުރައްވައި ވަޒީރުންގެ މަޖިލިހުގައި ބައިވެރި ކުރެއްވިއްޖެ އެވެ. ގާނޫނީ ގޮތުން ވަޒީރުންގެ މަޖިލިސް އެކުލަވާލެވުނުއިރު އެކަން ބަލާނެ ފަރާތެއް ސަރުކާރުގައި ނެތެވެ. ވަޒީރުންގެ މަޖިލިސް އެކުލެވިގެން ދިޔައީ ރައްޔިތުންގެ މިފަދަ އެތައް ސުވާލެއް ކުރިމަތިކޮށްފައެވެ. މިއަދުވެސް މިހިނގަނީ އެވަޒީރުންގެ މަޖިލިހެވެ. އެކަން ރަނގަޅުކޮށްލާނެ ގޮތެއްވެސް ގާނޫނީ ނިޒާމުގެ ތެރެއިން ކުރުމަށް މިވަނީ ނުކުޅެދިފަ އެވެ.
ފަސާދައިގެ ބޮޑެތި މައްސަލަތައް ހުއްޓުވާނެ ކަމަށް ސަރުކާރުން އައީ ވައުދު ވެގެންނެވެ. ސަރުކާރާ ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްތެރޭ ފެނިގެން ދިޔައީ މާ ކުރީދުވަހެއްގައި ސަރުކާރާއެކު ބަޔަކު ހަދާފައިވާ އެތައް އެއްބަސްވުމެއް އެއްމެ ފަހުން އުވުނު ސަރުކާރުން ބާތިލްކޮށްފައި ނުވަތަ ހުއްޓުވުވިފައި ވަނިކޮށް އެއެއްބަސްވުންތައް ނަގައި އަލުން އިއާދަ ކުރެވި އެއިގެ ދަށުން ބަދަލުގެ ގޮތުގައި ބޮޑެތި މާލީއެހީ މިލިއަނުން އެފަރާތްތަކަށް ދޭން ފެއްޓި ތަނެވެ. ރައްޔިތުން މިކަމުގައި ސުވާލް އުފައްދާ ދެކޮޅުހަދައި އަޑު އުފުލަން ފެއްޓުމުން މިވަނީ ކޮންމެވެސް ވަރެއްގެ ހުއްޓުމެއް ބަދަލުދިނުމަށް ގެނެވިފަ އެވެ. އަދި އެގޮތުން ދާދި ފަހުން މަޖިލިހުގައި އެތައް ސަތޭކަ މިލިއަނުން ބަދަލުދޭން އެންމެ މަތީ ކޯޓުތަކުން ކުރި ހުކުމުގެ މައްސަލައެއް މުރާޖައާކޮށް މަޖިލިހުގައި ތިބި މެންބަރުންކޮޅެއްގެ ހިއްވަރާއެކު މިވަނީ ބަލައި އެއީ އެއްމެލޯލާރިއެއްވެސް ސަރުކާރުން ބަދަލުގެ ގޮތުގައި ދޭން ނުޖެހޭ މައްސަލައަކަށް އެބޭފުޅުންގެ ތަހުގީގަށް ފެނިފައެވެ. މި މައްސަލައިގެ ތެރެއިން އަމިއްލަ ޕާޓީއަށް ބައިލާރިވެސް ނެތި ވިޔަފާރިފެށުމަށް ދައުލަތުން މާސިންގާ ސަބްސިޑީގެ ގޮތުގައި ފައިސާދީ އަމިއްލަ ޕާޓީން އެއްމެ ސެންޓެއްވެސް ޚަރަދުނުކުރާކަންވެސް އެނގި ފާޅުވެފައެވެ. އަދި އެއްމެފަހުން ގެއްލުން ލިބުނީ ދައުލަތަށް ކަމަށްވެ، މިމައްސަލަ އިންސާފުވެރިކޮށް ކޯޓުތަކުގައި ނިމޭއިރު އަމިއްލަ ޕާޓީއިން ދައުލަތަށް ދައްކަންޖެހުން މިއޮތީ ވަރަށް ގާތުގަ އެވެ.
ކޮވިޑް19 އިގެ ބަލާއާފާތް ކުރިމަތިވީ ރައްޔިތުން މިކަމާ އިހުތިޖާޖު ކޮށްކޮށް ތިއްބައެވެ. އެއާއެކު ރައްޔިތުންގެ އިހުސާސުތައް އަމަލީ ގޮތުން ދެއްކުމަށް ހުރަސްއެޅި ޑިމޮކްރަސީގެ ހަރާކްތައް އެއްކޮށް ބަންދު ވެގެން ދިޔައީ ސޯޝަލްމީޑިއާއަށް އެއިގެ ރާޅުތައް ބަންޑުން ކުރެވިގެންނެވެ.
ކޮވިޑް19 އާއި ގުޅިގެން ދައުލަތަށް އެހީގެ ގޮތުގައި ލިބުނު ފައިސާ ހަރަދު ކުރެވިގެން ދިޔައީ އިންސާފުވެރިކަމާއެކު ނޫންކަމަށާއި މުޅި ދައުލަތަށް އެތައް ގެއްލުމަކަށްވާ ގޮތަށް ޚަރަދުތައް ކުރެވި އަދި ލިބުނު އެހީތަކުގެ ފައިސާއަށް ވީނުވީއެއް ނޭނގޭކަމަށް ބުނެ ރައްޔިތުން މިވަނީ އިންތިހާއަށް ރުޅިވެރިކަން ފާޅުކޮށްފަ އެވެ.
ކަރަންޓީނު ކުރުމަށް ބައެއް ރިސޯޓުތައް ނިންމުނުގޮތާއި، ދެވުނު ފައިސާއާއި ތަންތަން މަރާމާތު ކުރުމަށް ހޭދަވާނެ ވަރަށްވުރެ ބޮޑުކޮށް ޚަރަދު ކުރިކަމަށް ހިސާބުތައް ބަލަހައްޓާ ފަރާތްތަކުން މިވަނީ ސޯޝަލްމީޑިއާގައި ހެއްކާއެކު ދައްކާފަ އެވެ. ލޮކްޑައުނަކަށް އެއްބަޔަކު ދާން ނުފެންނަ ކަމަށްބުނެ ނަމަވެސް ލޮކްޑައުނަށް ގޮސް ގަވާއިދުތަކާއި ޚިލާފް އެތައް ކަމެއް ހިނގިކަމަށް ރައްޔިތުން ޝަކުވާކޮށްފި އެވެ. އަދިހަމަ ކަމާބެހޭ ޞިއްހީ މާހިރުންނަށް ސީދާ މަޖުލިސްތެރެއިން ފުރައްސާރަ ކުރެވިގެން ދިޔަ މަންޒަރު ރައްޔިތުން ތަޖުރިބާ ކޮށްފިއެވެ. އަދި ހަމަ ކޮވިޑު-19 އިގެ ވަބާގައި އަމަލު ކުރެވުމުންދާ ގޮތާއި ދޭތެރޭ ރައްޔިތުން މިވަނީ އިންތިހާއަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ކޮވިޑުފަދަ ބިރުވެރި ވަގުތެއްގައި ވެސް ފެނިގެން ދިޔައީ ޕާޓީ ކުރަން ނިކުތް ބައެއްގެ ފަރާތުން ގާނޫނާ ޚިލާފް މައްސަލަތަކެއް ބަންޑުންވެ ފުލުހުން ސީރިއަސް ނޫސްކޮންފަރެންސް ދޭން ޖެހޭ ހިސާބަށް ކަންކަން ދިޔަތަނެވެ. މީޑީއާގައި ހާދިސާ ހިނނގިގޮތް ކަމަށް ލިޔެވުނު ގޮތް މިއަދު ބަދަލުވެ ޚުދު ޖިންސީ ގޯނާ ކުރިމަތިވި ފަރާތުގެ ބަސްމަގު ބަދަލުވެފަ އެވެ. އެއީ ރޭޕަށް ނުވެ ޖިންސީގޯނާއަށް ފުލުހުން ވެސް ބަޔާންދޭހިސާބަށް ގޮސް އެކަން ހިނގާފަ އެވެ.
ނަމަވެސް އެހާދިސާ ކުރިމަތިވި ފަރާތުން މޫދަށް ފުންމާލީ ޖިންސީގޯނާއިން ސަލާމަތްވާންކަމަށް ފުލުހުން ވެސް މިވަނީ ބަޔާންދީ ހެކި ދީފައެވެ. ޑިމޮކްރަސީގައި ގާނޫނު ހިންގާއިރު އަމަޔަށް ބަފައަށް ބެލުމެއްނެތި ގާނޫނު ހިނގާކަން ރައްޔިތުން ކަށަވަރު ކުރަން ބޭނުންވާ ކަށަވަރުކުރުން މި ހިސާބަށް އައިއިރު މިވަނީ ކަށަވަރު ކޮށްނުދެވޭކަމަށް ރައްޔިތުން ބުނަން ފަށާފައެވެ.
ކޯޓުތަކުގެ ހުކުމާއެކު މަޖިލިހަށް މައްސަލަތައް ހުށަހެޅި މަޖިލިސް މިވަނީ ތަހުގީގުކުރުމާ ނިޔާކަނޑައެޅުމާ ސަރުކާރުން އަމަލުކުރަންޖެހޭ ސިޔާސަތުތައް ކަނޑައަޅައި ފޮތްފޮތުގެ ސިފައިގައި ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނުގެ އޮފީސްކޮޅުތެރޭގައި ގައިދުރުކޮށްތިބގެންވެސް އަރުވައި އަދި ފަނޑިޔާރުންތަކަށް ފާޅުގައި މަޖިލިސްތެރޭގައި ފާޑުކިޔަން ފަށާފައެވެ. ފަނޑިޔާރަކަށް މިއަދު މަޖުލިހާ ދެކޮޅަށް އިންސާފުވެރި ހުކުމެއް ކޮށްލަން ނުކެރޭނެ ދަރަޖައަށް މިވަނީ ކަންކަން ބަދަލުވެފައި ކަމަށް ރައްޔިތުން އަޑުއުފުލަން ފަށައިފިއެވެ.
ޖުޑިޝަލް ސާވިސްކޮމިޝަން ވެފައިމިވަނީ އެއްޕާޓީއެއް ރަމްޒުކުރާ ނުވަތަ އެފިކުރު ތަމްސީލުކުރާ ބަޔަކަށް ބަދަލުވެ މިދެންނެވި މަޖިލިހުން ނުރުހޭ ހުކުމްތަކާ ގުޅިގެން ފަނޑިޔާރުންނަށް ފިޔަވަޅު އަޅައި ފަނޑިޔާރުން ވަކިކޮށް ހެދުމުގެ ސަބަބުން ބައެއްފަނޑިޔާރުންތައް މިވަނީ އިސްތިއުފާވެސް ދީފައެވެ. ފަނޑިޔާރުންނަށް އުމުރުދުވަހަށް އިންސާފުވެރިކަމާއެކު ހުކުންކުރަން ތިބެން މިއަދު ނުކުޅެދި ނަޒާހަތްތެރިކަމާއެކު ހަޔާތްވޭތިކުރަން ދީނުގައި އަންގަވާފައިވާފަދަ އިންސާފުވެރި ހުކުމްތައް ކުރެވޭނެ މާހައުލެއް ނެތްކަމަށް ރައްޔިތުން ބުނަން ފަށައިފިއެވެ. ސުވާލު އުފައްދާ ބަދަލު ދިނުމުގެ ހުކުންތަކަށް މާހައުލެއް ހެދިފައިވާކަމަށް ރައްޔިތުން ބުނަން ފަށައިފިއެވެ. އެފަދަ މަންޒަރެއް އަނެއްކާވެސް މިވަނީ ފެނިގެންވެސްގޮސްފައެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތީ ކިހާވަރަކަށްތޯ ރައްޔިތުން ސުވާލު ކުރަން ފެށީ ބައެއް މަޝްހޫރު ޓީވީ ޝޯވްތަކާ ސުވާލުކުރެވި އިރުޝާދު ދެވެން ފެއްޓުމާއެކުއެވެ. ބައެއް ޓީވީ ޝޯވްތައް ވަނީ މަނާކުރެވިގެންގޮސްފައެވެ. ޓީވީ ޝޯވްތައް ހުށަހަޅާދޭ ފަރާތްތައް މިވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް ހާޒިރު ކުރެވެން ފެށިތަން ރައްޔިތުންނަށް ފެންނަން ފަށާފައެވެ.
މި ދަނޑިވަޅުގައި ގައުމުގެ މިނިވަންކަން ދިފާއުކޮށް ބައިނަލްއަގުވާމީ އުސޫލްތަކުގެ ތެރެއިން ދިވެހިގައުމިއްޔަތަށް ލިބިދޭ ރައްކާތެރިކަން ހިމާޔަތްކުރުމަށް ސަރުކާރުގެ ގާބިލިއްޔަތުކަން ހަމަ ހަގީގަތުގަވެސް އެބަހުރިތޯ ފެންނަ މަންޒަރުތަކުން ރައްޔިތުން މިވަނީ ސުވާލުކުރަން ފަށާފައެވެ. ދިވެހި ދައުލަތުން ނޭދޭ ހަމަ އެއްމެ ކަމެއް މިފަސްގަނޑުގައި ނުހިނގާކަން ރައްޔިތުންނަށް ކަށަވަރުކޮށް ނުދެވެންޏާ އެދެން ފޭލްވީ އެވެ. އެފަދަ ބަޔަކު ގައުމުގެ ވެރިކަމާ ވައިވެސް އެޅޭނެކަމެއް ނެތެވެ.
އެހެންކަމުން ރައްޔިތުން މިވަނީ އުއްމީދެއް ނުލިބި ނިކަމެތިވެފަ އެވެ. މުއްސަނދިންނާ ފަގީރުންނާ ދެމެދު ހުރި ބޮޑުތަފާތު ކުޑަކުރަން އެޅުނު ހަރުދަނާ ފިޔަވަޅެއް ނެތްކަމަށް ރައްޔިތުން ހާމަ އެބަކުރެއެވެ. ހުރިހާކަމެއްވެދަނީ މުއްސަނދިން ހިމާޔަތްކުރެވޭނެ ފަދަ ސިޔާސަތުތައް އެކުލަވައި މިފަރަގު ކުޑަކުރެވޭނެ ހަމަ އެއްމެ ސިޔާސަތެއް އެކުލަވާނުލެވިކަމުގެ ޝަކުވާ ރައްޔިތުން މިދަނީ ކުރަމުންނެވެ. ކޮވިޑު-19 އާ ގުޅީގެން ވަޒީފާތައް ގެއްލުނު ފަރާތްތަކަށް އެކަށީގެންވާ ސިޔާސަތެއް ކަނޑަނޭޅޭކަމުގެ ޝަކުވާ ބޮޑެވެ. އަމިއްލައަށް މަސައްކަތް ކޮށްގެން އުޅޭ ފަރާތްތަކުން ސޯޝަލްމީޑީއާގަ ބަންޑުން ކުރަމުންދަނީ އެމީހުންނަށް އަޅާލުމަށް ސަރުކާރަށް ނުކެޅެދުނެކަމުގެ ވާހަކައެވެ. ވަޒީފާތައް ގެއްލުނު އެއްމެހާ ފަރާތްތަކަށް އެކަށީގެންވާ ސިޔާސަތުތަކެއް އެކުލަވާނުލެވުމުގެ ނަތީޖާއެއްގެ ގޮތުން އެތައް ބައެއްގެ ދިރިއުޅުން އެކޮޅުކޮޅުންޖެހި ގޮތްހުސްވެފައި މިއަދު ތިބެން ޖެހިފައިވާ ކަމަށް ރައްޔިތުން އެބަ އަޑުއުފުލައެވެ. ކުލިދެއްކޭނެ ގޮތެއް ނެތި ބިލްތައް ދެއްކޭނެ ގޮތެއްނެތި ކުރާނެ މަސައްކަތެއް ނެތި އާމްދަނީ ހޯދޭނެ ގޮތްތައް ނެތި ރައްޔިތުން މިދަނީ އިންތިހާއަށް ކަންބޮޑުވެ ޝުއޫރުފާޅުކުރަމުންނެވެ.
މި މަންޒަރުގެ ނަތީޖާއަކީ ދާދިފަހުން ކުރި މުޒާހަރާތަކުގެ ފެށުމެވެ. ސުލްހަވެރި އިހުތިޖާޖުތައް ކުރަން ގާނޫނުއަސާސީން ލިބިދީފައިވާ ނުހަނު މުހިއްމު ހައްގެއް ހޯމް މިނިސްޓްރީން މިވަނީ އިއުލާނެއް ނެރެ ހަނި ކުރެވިފަ އެވެ. އަދި ސުލްހަވެރި މުޒާހަރާތަކަށް އެއްވެސް ޖާގައެއް މިއަދު އެބައއޮތްތޯ ރައްޔިތުން މިވަނީ ސުވާލް ކުރަން ފަށާފައެވެ. އެއްވެއުޅުމުގެ މިނިވަންކަމާއި ސުލްހަވެރި އހިތިޖާޖު ކުރުން މަނާކުރުމަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފް އަމަލެކެވެ. އެހެނީ ގާނޫނުއަސާސީގައި ބުނާ މިފަދަ ހައްގެއް އެކަށީގެންވާ ސަބަބެއް ނެތި ހަނިކުރެވިގެން ނުވާނެއެވެ. ހަނިކުރުން އެއްކިބާގައި ބާއްވާފައި މުޅި ހައްގުވެސް މިވަނީ ނިގުޅައިގަނެވިފައި ކަމަށް ރައްޔިތުން މިއަދު ބުނަން ފަށައިފިއެވެ. އެއީ އިހުތިޖާޖު ކުރި ފަރާތްތައް ފުލުހަށް ހާޒިރު ކުރެވި އަދި ފަހުން ބައެއް ޗިޓުތައް ކެންސަލްކޮށް އަދި ބައެއް ސުލްހަވެރި ފަރާތްތައް ބަންދުކުރެވި އިހުތިޖާޖު ކުރި ފަރާތްތަކަށް ދައުވާ ކުރުމުގެ މަސައްކަތް ހިނގަމުންދާން ފެށުމުންނެވެ. ގާނޫނީ ވަކީލުންނަށް ބަންދުގައިތިބި ފަރާތްތަކާ ހުރަހެއްނެތި ބައްދަލުނުކުރެވޭކަމުގެ ޝަކުވާ މީޑިއާގެ އެކިދިމަދިމާގައި އެބަހުއްޓެވެ. ތަހުގީގު ނުނިނެމެނީސް ފުލުހުންގެ ކޮމިޝަނަރު ބަސްވިދާޅުވެ ކުޅުޖެހީ މުޒާހަރާގެ ބައިވެރިއެއްކަމަށް ބުނުމުން ކޮމިޝަނަރުގެ އިތުބާރާމެދު ރައްޔިތުން ސުވާލު ކުރަން ފަށައިފިއެވެ.
ޑިމޮކްރަސީއަށް މިވަނީ މިވަގުތު މިރާއްޖޭގެ އާ ގާނޫނުއަސާސީ ވުޖޫދުވީ ފަހުން ކުރިމަތިވި އެންމެ ބޮޑެތި ގޮންޖެހުން އުފަންވެ އެކަމުގެ ހިތި ނަތީޖާ ރައްޔިތުން ކަރުބުޑުގައި މިއަދު ލައްވަން ފަށާފަ އެވެ. ސުލްހަވެރި މުޒާހަރާ ކުރުމާއި ޚިޔާލުފާޅު ކުރުމަށް އެއްވެސް ހުރަހެއް ޑިމޮކްރަސީ އެއްގައި އޮވެގެން ނުވާނެއެވެ. މިދިވެހި ފަސްގަނޑުގައި ގާނޫނުއަސާސީން ލިބިދޭ އެންމެހާ ހައްގުތައް ރައްޔިތުންނަށް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމަކީ ސަރުކާރާ ހަވާލުވާ ބައެއްގެ އެންމެ އަސާސީ މަސައްކަތެވެ. ރަނުންރަނަށް އަކުރުން އަކުރަށް ކުރަންވީ ކަމަކީ އެއީއެވެ. ރަނުންރަނަށް އަކުރުން އަކުރަށް މިކަން ނުވާކަމަށް ރައްޔިތުން އަޑުއުފުލަން ފަށައިފިއެވެ. ރަނގަޅު ކުރައްވާށެވެ.