ރިޕޯޓް

ގައުމުގެ މުސްތަގުބަލް ގުޅިފައި އޮތީ އަމަލުތަކުގެ މައްޗަށް

ތާރީޚުގެ ސަފްހާ ތަކުގެ ތެރެއިން އަޅުގަނޑުމެންނަށް އަބަދުވެސް ފެންނަމުންދަނީ، ދިވެހި ދަރިންގެ ހިތްތަކުގައި ގައުމީ ލޯބި ފުނުން ފުނަށް އަށަގެންފައިވާ މަންޒަރެވެ.

އަޅުގަނޑުމެންގެ ކާބަފައިންގެ ކިބައިން ފެނިގެން ދިޔައީ ގައުމަށްޓަކައި އަމިއްލަ މަސްލަހަތު ގުރުބާންކޮށް، އެކުވެރިކަމާއެކު މަސައްކަތްކުރުމުގެ މާތް ނަމޫނާ އެވެ. އެހެންވެ މިއަދު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ގައުމީ ޒިންމާ އަދާކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލައި އެކަމުގައި ނަމޫނާވެސް ދައްކަންޖެހެ އެވެ.

ގައުމެއްގެ ކުރިއެރުމާއި ތަރައްގީގެ މަގު ކަނޑައަޅަނީ އެ ގައުމެއްގެ ރައްޔިތުންނެވެ. އަޅުގަނޑުމެންގެ އަމަލުތަކާއި ވިސްނުންތެރިކަމުގެ މައްޗަށް ބިނާވެގެންނެވެ. އެހެންކަމުން ކޮންމެ ދިވެއްސެއްގެ ކިބައިންވެސް އެދެވެނީ ގައުމީ ވާޖިބު އަދާކުރުމުގައި ފަރުވާތެރިވެ، އަމިއްލަ ޒިންމާ އުފުލުމެވެ. ސަރުކާރުގެ ބޮލުގައި ހުރިހާ ކަމެއް އަޅުވައި، އަމިއްލަ ޒިންމާއިން ފިލައިގެން ނޫޅުމެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެމީހެއްގެ ފެންވަރުން ގައުމަށް ހިދުމަތްކުރެވޭނެ ގޮތްތައް ހުންނާނެ އެވެ. ކުދި ކަންތައްތަކުން ފެށިގެން ބޮޑެތި ކަންކަމާ ހަމައަށް ދެވިދާނެ އެވެ. މަގުމަތި ސާފުކޮށް ބެލެހެއްޓުމުން ފެށިގެން، ތިމާވެށި ރައްކާތެރިކުރުމާއި، އިޖުތިމާއީ ހިދުމަތްތަކުގައި ބައިވެރިވުމާ ހަމައަށް ދެވިދާނެ އެވެ. މިފަދަ ކޮންމެ ކަމަކީވެސް ގައުމުގެ ތަރައްގީއަށް އެޅޭ ހަރުދަނާ ފިޔަވަޅެކެވެ.

ސިޔާސީ ތަފާތުވުންތަކަކީ ޑިމޮކްރަސީގެ އަސާސް ކަމުގައިވީ ނަމަވެސް ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ ދަނޑިވަޅުތަކުގައި އެއްބައިވަންތަކަން ދައްކަން ޖެހެ އެވެ. ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، އާންމު ރައްޔިތުން ވެސް ސަރުކާރުގެ ރަނގަޅު މަސައްކަތްތައް ބަލައިގަނެ އެފަދަ ކަންކަމުގައި އެއްބާރުލުން ދޭން ޖެހެ އެވެ. މިއާއެކު، ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންވެސް ކިޔަންވާނެ އެވެ. ނަމަވެސް ފުރައްސާރަކުރުމާއި ނުރަނގަޅު ގޮތުގައި ފާޑުކިޔުމުން ދުރުހެލިވާން ޖެހެ އެވެ.

ގައުމީ ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަށް، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކުރަން ޖެހެ އެވެ. ހިޔާލު ތަފާތުވުންތަކާއި ސިޔާސީ ވާދަވެރިކަން އެއްފަރާތްކޮށް، ގައުމުގެ ލާބައާއި މަންފާއަށް އިސްކަންދޭން ޖެހެ އެވެ. މިގޮތުން ތައުލީމީ ދާއިރާ ކުރިއެރުވުމާއި، ސިއްހީ ހިދުމަތްތައް ފުޅާކުރުމާއި، އިގްތިސާދީ ދުވެލި އިތުރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހެ އެވެ.

އަޅުގަނޑުމެންގެ ކާބަފައިން ދައްކައިދިން ނަމޫނާއަކީ، ގައުމީ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ނަމޫނާ އެކެވެ. އެބޭފުޅުން ދެއްކެވި މަގުން ދަތުރުކުރުމަކީ މިއަދުގެ ޖީލުގެ ޒިންމާ އެކެވެ. ކޮންމެ ދިވެއްސަކުވެސް އަމިއްލަ ނަފްސާ ކުރަންވީ "އަހަރެންގެ ގައުމަށް ކޮށްދެވޭނީ ކޮން ކަމެއް؟"ތޯއޭ ކުރާ ސުވާލެވެ.

ހަގީގަތުގައި ގައުމެއްގެ ކުރިއެރުމާއި ފަހަތަށް ދިއުން ބިނާވެގެންވަނީ އެ ގައުމެއްގެ ރައްޔިތުންގެ އަމަލުތަކުގެ މައްޗަށެވެ. އެހެންކަމުން އަޅުގަނޑުމެންގެ ކޮންމެ އަމަލަކީ، ކޮންމެ ނިންމުމަކީ، ގައުމުގެ މުސްތަގުބަލަށް އަސަރުކުރާނެ ކަމެކެވެ. މިކަން ވިސްނައި، އަޅުގަނޑުމެންގެ އަމަލުތައް ބައްޓަންކުރަން ޖެހެ އެވެ.

ގައުމުގެ ތަރައްގީއަށް ބޭރުގެ އެހީތެރިކަން ބޭނުންވި ކަމުގައިވިޔަސް އަޅުގަނޑުމެންގެ ކުރިއެރުމުގެ އަސްލަކީ އަޅުގަނޑުމެން އަމިއްލައަށް ކުރާ މަސައްކަތެވެ. ބޭރުގެ އެއްވެސް ފަރާތަކުން އައިސް އަޅުގަނޑުމެންގެ ހާލަތު ބަދަލުކޮށް ދޭނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ އެވެ. އެކަން ކުރަންޖެހޭނީ އަޅުގަނޑުމެން އަމިއްލަ އަށެވެ. އަޅުގަނޑުމެންގެ ހިތްވަރާއި ގަދަ އަޒުމުންނެވެ.

ގައުމުދެކެ ލޯބިވާ ކޮންމެ ދިވެއްސެއްގެ ޒިންމާއަކީ، އަމިއްލަ ފަރުދީ ޒިންމާ އަދާކުރުމާއެކު، ގައުމީ ޒިންމާ އުފުލުމެވެ. ސިޔާސީ ތަފާތުވުންތައް އެއްފަރާތްކޮށް، ގައުމުގެ މަސްލަހަތަށްޓަކައި އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމެވެ. މިގޮތަށް އަމަލުކުރެވޭނަމަ ދިވެހިން ބޭނުންވާ ކުރިއެރުމާއި ތަރައްގީ އޮތީ މާދުރަކު ނޫނެވެ. އަމާޒަށް ވާސިލްވެވޭނެ ކަން ޔަގީނެވެ. އެހެންކަމުން ދިވެހި ކޮންމެ ދަރިއެއްގެ އަތްމަތީގައި އޮތް ގައުމުގެ މުސްތަގުބަލް އުޖާލާކުރުމުގެ ޒިންމާ އަދާކުރުމަށް މިއަދު ހުރިހާ ދިވެހިން އަޒުމު ކަނޑައެޅުން މުހިއްމެވެ.