ލައިފްސްޓައިލް

ކެއުން އޮތީ ކޮންތާކު: އައިސަގޯތިން!

Aug 10, 2020
3

ވަރަށް ގިނަ ފަހަރަށް ކެއުން އޮތީ ކިހިނެއް ކޮންތާކުގައިތޯ އަހާލާފާނެ އެވެ. އަދި ވަރަށް ގިނަ ފަހަރަށް ކެއުން އޮތީ އެވެނި ގޯއްޗަކުން އެހެންނާ މިވެނި ގެއަކުން ކަމަށް ބުނެލުމަކީ ވެސް ވަރަށް ފަރިތަ ގޮތެެކެވެ. އެކަމަކު މިއީ ތަންކޮޅެއް ކުރީގެ އަދި ތަންކޮޅެއް ރަށު ކޮންވަޒޭޝަނެކެވެ އެކަމަކު އެގޮތް މިހާރަށް ފައްތާލަމާ ހިނގާށެވެ. މިހެން ކޮވިޑް ކާފިއުގަ އާއި ކަރަންޓީނާއި ލޮކްޑައުންގައި އުޅޭ އިރު ކެއުން އޮތީ ކިހިނެއް ކޮންތާކުތޯ އަހާލެވި ދާނެ އެވެ. ކެއުން އޮތީ "އައިސަގޯތީ" ގައޭ ބުނެލެވޭނެ ގޮތެއް ވެއްޖެ އެވެ. އަދި މިވީ ގޮތަކުން އައިސަ ގޯއްޗަށް ވަދެލައި އެ ގޯތީގެ ސުފުރާމަތި ބަލައި ނުލާ ދެވޭކަށް ނެތެވެ.

"އައިސަގޯތި" ނިސްބަތް ވަނީ އައިޝަތު ޝައްމޫނާ (ޝަންމު) އަށާއި އޭނާގެ މާމަ، މާލޭގެ ހެންވޭރުގައި އިހަށް މާ މީރު ރިހާކުރެއް ކައްކާ، އެ ހާނައި ދިން އައިސައަށެވެ.

މިހާރު އެ ގޯތިން މި ހަދާލި ގޮތަކީ މާމަ ކުރި މަސައްކަތާއި މާ ދިރިފުޅު ޝަންމުގެ ހޮޓެލް އެންޑް ކޭޓްރިން ދާއިރާގެ ތަޖުރިބާ އާއި ކްރިއޭޓިވިޓީ ގުޅުވާލައި "އައިސަގޯތި" ނަމުގައި ދިވެހި މީރު ރަހައިގެ ބްރޭންޑެއް ސުފުރާ މައްޗަށް ގެނެސް ދިނީ އެވެ.

"މިކަމުގައި ހުރިހާ ޝުކުރެއް އޮތީ މާމައަށާއި އަހަރެން މި ހިޔާލު ފުރިހަމަ ކޮށްދިން، އާއިލާގެ އެހެން ކޮއްކޮމެނާއި މަންމައަށް!" ޝަންމު ބުންޏެވެ.

ހުޅުލެ އައިލޭެންޑް ހޮޓަލާއި މާގިރި ފަދަ ތަންތަނުގެ މަތީ ފެންވަރުގެ މަގާމުތަކާއެކު ޓޫރިޒަމް ދާއިރާގެ ގާތްގަނޑަކަށް ވިއްސަކަށް އަހަރު ޝަންމު އުޅުނު އިރު ވެސް މި ހިޔާލު އޭނާގެ ސިކުނޑީގައި އޮތެވެ. އެހެން ނަމަވެސް އެހެން މީހުންގެ މަސައްކަތުން އަވައްޖެއް ވެގެން އަމިއްލަ މަސައްކަތާ ނޫޅެވި މިހާތަނަށް އޮތީ އެވެ. މިފަހަރު މިވީ ގޮތަކީ ކޮވިޑްގެ ދިގު ބަންދާއެކު އެންމެން ގެއަށް ވަންނަން ޖެހުމުން ސިކުނޑީގައި ކުރަހާފައި އޮތް އަމިއްލަ ހިޔާލުގައި ކުލަޖައްސާލާނެ ވަގުތު ޝަންމުއަށް ލިބުނީ އެވެ.

"ލޮކްޑައުންއާއެކު ގެއަށް ވަދެ އަޅުގަނޑުގެ ހިޔާލު ހަގީގަތަކަށް ހަދާން ބަލައިލި އިރު ބަންދުގެ ތެރޭގައި އެހެން އެންމެން ވެސް އުޅެނީ އަޅުގަނޑު ހިޔާލާ ވަރަށް ކައިރީ، ކާއެއްޗެހި ތައްޔާރު ކުރުމުގައި. އެކަހަލަ ކަމެއް ނުކުރާ އެކަކު ވެސް ގެއެއް ވެސް ދިމައެއް ނުވޭ... އެހެންވެ އަޅުގަނޑު ހިތަށް އެރީ އަޅުގަނޑު ހިޔާލުގެ އެރޭންޖްމަންޓާއި ރަހައަށް ތަފާތު ބަދަލެއް ގެންނާނީއޭ އަދި ލޮލަށް ފެނުމާއި ކަންފަތަށް އިވުމުން އެ ބްރޭންޑް ސިކުނޑިއަށް ބަލައިގަނެވޭ ގޮތް ބަދަލު ކޮށްލާނީއޭ އެހެންވެ 'އައިސަގޯތި' ފަށައިގަތީ" އޭނާ ބުންޏެވެ.

ޝަންމުގެ އައިސަގޯތި ބްރޭންޑްގައި ހިމެނޭ ދިވެހި ބާވަތްތައް ޓެސްޓް ކުރުމާއި ކޮލިޓީ ކޮންޓްރޯލްކޮށް ރަހަ ދެއްކުމުގެ މަރުހަލާ ހިނގައި ދިޔައީ ލޮކްޑައުންގެ ކުރީކޮޅުގަ އެވެ. ފަހުން ބްރޭންޑިން ހަދައި ކާމިޔާބުކޮށް ދިއުމުން މިހާރު ވަނީ ރަސްމީކޮށް އައިސްގޯތި ފޭސްބުކަށާއި އިންސްޓަގްރާމް ކަހަލަ ޕްލެޓްފޯމްތަކަށް ދޫކޮށްލައި އެންމެނަށް ވެސް އައިސަގޯއްޗަށް ވަދެ ބާޒާރުކޮށްލައި ހެދޭނެ ގޮތް ހަމަޖައްސާފަ އެވެ.

"މިހާރު 'އައިސަގޯތީ' ގެ ކަސްޓަމަރުން އެބަތިބި. އެހެން އެންމެންގެ ގާތުގައި ވެސް އަޅުގަނޑު މި އަހަނީ ކެއުން ކޮންތާކުން ހެއްޔޭ؟ އައިސަ ގޯއްޗަށް އައިސްބާލާށޭޭ އެއްޗެއް ގަނެލައިގެން ކާލަން، ނޫނީ ގުޅާލައިގެން 'އައިސަގޯތި' ން އަމިއްލަ ގޯއްޗަށް ޑެލިވަރީގެ ހިދުމަތް ހޯދާލައިބަލާށޭ" ޝަންމު ބުންޏެވެ.

އައިސަގޯތީ ގެ ބްރޭންޑްގެ ތެރެއަށް މިވަގުތު ތައާރަފު ކޮށްފައި ވަނީ ރަހަ އާއި ސާފު ކަމުގެ ގޮތުން ތަފާތު ތެލުލި ރިހާކުރަކާއި މަސްމިރުހަކާއި ޕާޕަރު ސަމްބޯލާއި ޗިކަން ބިރިއާނީ އާއި މިރުހުލީ ރެއްސެވެ. ދެން ހިމެނެނީ ރިހާކުރު ބޮނޑިއާއި މަހުލަބިއްޔާ އެވެ. އަދި ކުރުނބާ ފަންޏެވެ.

މި ބްރޭންޑްގައި މިހާރު އޮތް "ލައިންއަޕް"ގައި މި ބާތްތައް ހިމެނުނު ނަމަވެސް މިވަގުތު އެންމެ ހާއްސަ ކޮށްފައި ވަނީ އައިސަގޯތީގެ މަސްބަތް ޕެކޭޖެވެ. މިހާރު މާލޭގައި ވަރަށް ހިނގާ އެހައި މީރު އެހައި ތަފާތު މަސްބަތެކެވެ. މީހަކު އެއްފަހަރު ވެސް ކައިފިއްޔާ ކެއުން އާދައަކަށް ނުހަދައި ނުހުރެވޭވަރުގެ ހާއްސަ ރަހައެކެވެ. މި މަސްބަތް ތަފާތު އިރު ޕެކޭޖްގައި ހުރިހާ ބައިތަކުގެ އިތުރުން އައިސަގޯތި ލޭބަލްގައި ނެރެފައިވާ އާންމު ކޮށްފައިވާ ހުރިހާ ރަހައަކުން މިންވަރެއް އެ ޕެކޭޖްގައި ހިމަނާފައި ވެއެވެ. އަގު ވެސް 100 ރ. އިން މައްޗަކަށް ނުގެންދާނެ އެވެ.

"މި މަސްބަތުގެ ރަހަ ވެސް ގެނެސްފައި ވަނީ ވަރަށް ހާއްސަ ރެސިޕީއެއްގެ ތެރެއިން. އަދި އަބަދުވެސް އެއްވަރެއްގައި އެއްގޮތަކަށް ބެހެއްޓުމަށް ވަރަށް ބޮޑަށް ފައިންކޮށްގެން، މަސްބަތުގެ ރަހައަށް ވެސް ގެނެސްފައި ވަނީ އަޅުގަނޑުގެ މާމަގެ ޒަމާނުގައި މަސްބަތް ހަދާ އުޅުނު ރަހައަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން،" ޝަންމު ބުންޏެވެ.

އިތުބާރު އޮތް ލޯކަލް ބްރޭންޑެއްގެ ގޮތުގައި "އައިސަގޯތި" މިހާރު ރަސްމީކޮށް ދޫކޮށްލާފައިވާއިރު އާންމުންގެ މެދުގައި ވެސް އަދި ސޯޝަލް މިޑިއާގައި ވެސް އައިސަގޯތި ވަރަށް މަގުބޫލުވެފައި ވެއެވެ. އަދި މިދިއަ ދުވަސްތަކުގައި ވަރަށް ގިނަ ބަޔަކު ވަނީ އައިސަގޯތީގެ އިންސްޓަގްރާމް އާއި ފޭސްބުކްގެ އެހީ ހޯދައިގެންނާއި ފޯނު ނަމްބަރަށް ގުޅައިގެން ރަހަ ބަލައި އޯޑަރުތައް ކޮށްފަ އެވެ.

"މިހާތަނަށް އެންމެނަށް ވެސް މި ރަހަތަށް ކަމުދިޔަ އަދި ވަކީން ހާއްސަކޮށް އަޅުގަނޑު މި ތައްޔާރު ކުރާ މިރުހުލީ ރެއްސާއި ޕާޕަރު ސަމްބޯލް ވަރަށް ކަމުގޮސްފައިވާއިރު އެ ހުރިހާ އެއްޗެއްގެ ތަފާތު ރަހަ ވަރަށް ހިނގައިފި... 'އައިސަގޯތި' މި ބްރޭންޑިންވެސް ވަރަށް ގިނަ ބަޔަކު ކެޗްކޮށްފި އެހެންވެ ވަރަށް ހިތްހަމަޖެހިފައި ކުރިޔަށް އެބަދެވޭ،" ޝަންމު ބުންޏެވެ.

ޝަންމު ބުނި ފޮތުގައި އައިސަގޯތި ޕްރޮޑަކްޓްތަކުގެ ރަހައަށް އެއްވެސް ބަދަލެއް ނާންނާނެ ގޮތަށް ކޮލިޓީ ކޮންޓްރޯލް ކޮށްފައިވާއިރު ސާފު ތާހިރު ކަމަށަށާއި ސިއްހީ ޔަގީންކަން ކަށަވަރުކޮށް ދިނުމުގެ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ވެސް ފުރިހަމަކޮށް އެކަން މެއިންޓައިން ކުރަމުން ދާނެ އެވެ.

"މިއީ ކޮވިޑްގެ ދުވަސްވަރަށް ވުމުން ހުރިހާ އެންމެން ވެސް ހިދުމަތެއް ދޭނީ އަދި މީހުން ހިދުމަތެއް ބަލައިގަންނާނީ ވެސް ސާފު ތާހިރު ކަމާއި ސިއްހީ ދުޅަހެޔޮ ކަމުގެ ޔަގީން ކަމަށް ބަލައިގެން. އޭގެ އިތުރުން އަޅުގަނޑުމެން އިސްކަން ދޭނަން އަބަދުވެސް އައިސްގޯތި އެއީ ކްލީން އަދި ހެލްތީ ޕްރޮޑަކްޓެއްގެ ގޮތުގައި މީހުނަށް އިތުބާރާއި ޔަގީންކަން އޮންނަވަރު ކޮށްފައި ބާއްވަން... އަޅުގަނޑުގެ ސިކުނޑީގައި މި ހިޔާލު އުފައްދަމުން ދިޔައިރު ވެސް އެންމެ މުހިންމު އެއް ކަމަކަށް އޮތީ އެކަން،" އޭނާ ބުންޏެވެ.

އައިސްގޯތި އުފެއްދުމާއި ކުރިއަރުވައި ހިދުމަތް ދިނުމުގައި ޝަންމުއަށް އެހީވަނީ އޭނާގެ ފިރިމީހާ އާއި މަންމަ އާއި ކޮއްކޮމެނެވެ. އަދި އާއިލާގެން ހުރިހާ މެންބަރުންގެ ފަާރާތުން ވެސް ވަރަށް ބޮޑަށް އެހީތެރިވެދެ އެވެ. އެ ކުދިންގެ އެހީތެރި ކަމާއެކު އައިސަގޯތީގެ ތެރެއަށް އެހެން ހިދުމަތެއް ވެސް މިހާރު ވައްދާފައި ވެއެވެ. އެއީ ތާޒާ ތަރުކާރީ އާއި މޭވާ ހެޔޮ އަގުގައި ރަށްރަށުން ގެނެސް އޯޑަރު ދިން މީހާގެ ގޯއްޗަށް ސަޕްލައި ކޮށްދިނުމެވެ. މިހާރު ވެސް ތޮއްޑޫގެ ދަނޑުވެރި ކަމުގެ ގިނަ ބާވަތްތައް އަގު ހެޔޮކޮށް ގެނެސް މާލޭ ބާޒާރަށްވުރެ ހެޔޮ އަގުގައި ދޯނިން ގެއަށް ފޮނުވައި ދެ އެވެ.

"އެެއީ އިތުރަށް ވަދެފައި އޮތް ރަނގަޅަށް ކުރެވެން އޮތް ކަމެއް، އެހެންވެ ރަށްރަށުން ތަރުކާރީ އާއި މޭވާ ބޭނުންވާ މީހުނަށް، ގޭގެއަށް އައިސަގޯތިން އެބަ ފޮނުވައިދެން... އެކަމުގައި ވެސް އެންމެ ބޮޑަށް އެހީތެރިވަނީ އަޅުގަނޑުގެ ކޮއްކޮމެން،" ޝަންމޫ ބުންޏެވެ.

މިހާރު ކެއުން އޮތްތަނާއި ކާން ދާންވީތަން ސާފުވެއްޖެ އެވެ. ކާންދާންވީ އައިސަގޯޗަށެވެ. ޝަންމު ބުނި ގޮތުގައި އެނާގެ ހިޔާލަކީ ރަށު ހިޔާލެކެވެ. ގޯތިތެރޭގައި ހުރެގެން ކުރިއެރުވިދާނެ ހިދުމަތެއް އަދި ވިޔަފާރިއެކެވެ.