ބޮލީވުޑް

ކަރަންއާ ބިޕާޝާގެ ވެބް ސީރީޒް ޓްރެއިލާ ޝައުގުވެރި

ތުރިލާ ސީރީޒްއެއް ބަލާލަން ކަމުދާ އެއްޗެއް ކަމަށް ނިންމާނީ ކިހިނެއް ހެއްޔެވެ؟ ފުރަތަމަ ޓްރެއިލާ އިން ވެސް އެކަން ދެނެގަނެވޭނެ އެވެ. ވަރަށް ޝައުގުވެރިވާ ޒާތުގެ ވާހަކައަކަށް ވެފައި ޓްރެއިލާ ނިމޭއިރު މި ސީރީޒްގައި ވާނީ ކިހިނެއްކަން ލަފާ ކޮށްލަން ނޭނގޭ ނަމަ ސީރީޒް ބަލާލުމުގެ ޝައުގުވެރިކަން އިތުރުވާނެ އެވެ. އަދި ކެރެކްޓާތަކުގައި ވެސް ޝައްކު ކުރެވޭ ކަހަލަ ކަންތައްތަކެއް ހުރި ނަމަ ގިނަ ބަޔެއްގެ ޝައުގުވެރިކަން ދަމައިގަނެވޭނެ އެވެ. ކަރަން ސިންގް ގްރޯވަރު އާއި އަންހެނުން ބިޕާޝާ ބާސޫގެ އާ ވެބް ސީރީޒް "ޑޭންޖަރަސް" ގައި މި ހުރިހާ ސިފަތަކެއް އެބަހުއްޓެވެ.

އެމްއެކްސް އެކްސްކުލޫސިވްސް އިން އުފައްދާފައިވާ މި ސީރީޒް ލިޔެފައިވަނީ ވިކްރަމް ބަޓް އެވެ. އަދި ޕްރޮޑިއުސްކޮށްފައިވާ ވިކްރަމް އާއި މިކާ ސިންގް އެވެ. މިއީ ގިނަ ދުވަސް ތަކަކަށްފަހު ކަރަން އާއި ބިޕާޝާ އެކުގައި ސްކްރީނުން ބަލާލަން ލިބޭ ފުރުސަތެކެވެ.

ޓްރެއިލާ ދާދިފަހުން ރިލީޒް ކޮށްފައިވާއިރު ގިނަ ބަޔަކު ބުނަނީ ވަރަށް ބަލާލަން ޝައުގުވެރިވާ ސިފަތަކެއް ޓްރެއިލާގައި އެބަހުރި ކަމަށެވެ.
މި ސީރީޒްގެ ވާހަކައަކީ އަދިތުޔާ ދަންރާޖް (ކަރަން ސިންގް ގްރޯވަރު) އޭނާގެ އަންހެނުން ގެއްލިގެން ފުލުހުންނަށް މައްސަލައެއް ހުށަހަޅަނީ އެވެ. އޭނާ މައްސަލަ ހުށަހަޅަންދާ ޕޮލިސް ސްޓޭޝަންގެ އިންޗާޖަކަށް ހުންނަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ނެހާ (ބިޕާޝާ) އެވެ.

މި ވާހަކަ ކިޔައިދޭއިރު ވަރަށް ގިނަ ޓުވިސްޓްތައް އާދެ އެވެ. އަދި ވާނުވާ ނޭނގި ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހޭ ގިނަ ވަގުތުތަކެއް މި ސީރީޒްގައި ވެއެވެ. ކަރަން އާއި ބިޕާޝާގެ ކެމިސްޓްރީ ވެސް ވަރަށް ރަނގަޅެވެ. އަދި ސީރީޒް ނިމުމާ ހަމަޔަށް ވެސް ވާ ނުވާ ނޭގިފައި ތިބެން ޖެހެ އެވެ.

ކަރަން އާއި ބިޕާޝާ އެކުގައި އެންމެ ފަހުން ފެނިފައިވަނީ "އެލޯން" އިންނެވެ. އޭގެ ފަހުން ގިނަ ދުވަސް ތަކަކު މި ދެ ތަރިން އެއްގޮތަކަށް ވެސް ސްކްރީނުން ފެނިފައެއް ނެތެވެ.

ބިޕާޝާ ބުނި ގޮތުގައި އޭނާ އާއި ކަރަން އެކުގައި ސްކްރީނުން ބަލާލަން އެމީހުން ފޭނުން ވަރަށް ބޭނުންވެ އެވެ. "ޑޭންޖަރަސް"ގެ ސްކްރިޕްޓަކީ އޭނާއަށް ވަރަށް ކަމުދިޔަ އެއްޗަކަށް ވިއެވެ. އެހެންވެ ކަރަން އާއެކު އެ ސީރީޒް ކުޅެން ނިންމީ އެވެ.

މި ފިލްމުގައި ބެލުންތެރިންގެ ޝައުގުވެރިކަން އަތުލާނެ ހުރިހާ ރަހައެއް ހުންނާނެ ކަމަށް ކަރަން ބުންޏެވެ. ރޮމޭންސް، މިސްޓްރީ، އަދި ދޮގާއި މަކަރާއި އޮޅުވާލުމާއި ހުރިހާ ކަންތައްތަކެއް އެކުލެވޭނެ ކަމަށާއި އޭނާ ހަގީގަތުގައި ވެސް ބަލަނީ މިފަދަ ސީރީޒް ތައް ކަމަށް ވާތީ މި ސީރީޒް އަށް ޝައުގުވެރިވީ ކަމަށް ކަރަން ބުންޏެވެ.

ބޫޝަން ޕަޓޭލް ޑައިރެކްޓްކޮށްފައިވާ މި ސީރީޒްގައި ކަރަން އާއި ބިޕާޝާގެ އިތުރުން ސުޔާޝް ރާއީ، ސޮނާލީ ރައުތު، ނަތާޝާ ސޫރީ އަދި ނިކިލް އަރޯރާ ވެސް މި ސީރީޒްގައި މުހިއްމު ކެރެކްޓާތަކެއް ކުޅެފައި ވެއެވެ. މި ސީރީޒް ރިލީޒްކުރަން ހަމަޖެހިފައިވަނީ އޮގަސްޓް 14 ވަނަ ދުވަހު އެމްއެކްސް ޕްލެޔާ އިންނެވެ.