އާމިރު ޚާން

އާމިރުގެ އާ ފިލްމު 2021 ޑިސެމްބަރަށް

އާމިރު ޚާންގެ ފޭނުންނަށް އޭނާގެ އާ ފިލްމެއް ބަލާލުމުގެ ފުރުސަތު އެންމެ އަވަހަށް ވެސް ދެން ލިބޭނީ އަންނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ސަބަބަކީ އޭނާ މި ވަގުތު ކުޅެމުންދާ ހަމައެކަނި ފިލްމު ކަމަށްވާ "ލާލް ސިންގް ޗައްޑާ" ރިލީޒް ކުރުން 2021 ގެ ޑިސެމްބަރަށް ބަދަލު ކޮށްފައި ވުމެވެ.

ކުރިން މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތީ މި އަހަރުގެ ޑިސެމްބަރު މަހު އެވެ. ނަމަވެސް ކޮވިޑް-19 އިގެ ސަބަބުން ޝޫޓިންގްތައް ހުއްޓާލާފައި ހަތަރު ވަރަކަށް މަސް އޮތުމާއި އަދިވެސް އިންޑިޔާގައި ކޮވިޑް މައްސަލަ ހަމަޔަކަށް ނޭޅޭތީ ފިލްމުގެ މަސައްކަތް ކުރިޔަށް ގެންދަން ދިމާވެފައިވާ ދަތި ތަކާ ހެދި ފިލްމު ރިލީޒްކުރުން އަހަރެއްހާ ދުވަހަށް ފަސްކުރީ އެވެ.

ކަރީނާ ކަޕޫރު ބަތަލާގެ ބައި ކުޅޭ މި ފިލްމުގެ ޝޫޓިން މިހާރު ތުރުކީގައި ކުރިޔަށް އެބަ ދެ އެވެ. އަދަވައިތު ޗަންދަން ޑައިރެކްޓްކުރާ މި ފިލްމުގައި މޯނާ ސިންގް ވެސް މުހިއްމު ބައެއް ކުޅެ އެވެ.

ފިލްމު ރިލީޒްކުރުން އަންނަ އަހަރު ނިމޭ ހިސާބަށް ބަދަލުކުރިކަން ޔަގީން ކޮށްދީފައިވަނީ ޓްރޭޑް އެނަލިސްޓް ތަރަން އާދާޝްގެ ޓުވީޓެއްގަ އެވެ.

"ލާލް ސިންގް ޗައްޑާ" އަކީ 1994 ގައި ރިލިޒްކުރި ހޮލީވުޑް ފިލްމު "ފޮރެސްޓް ގަމްޕް" ގެ ހިންދީ ރިމޭކެކެވެ. ޓޮމް ހޭންކްސް ބަތަލުގެ ބައި ކުޅެފައިވާ މި ފިލްމަކީ އޭނާގެ މިހާތަނަށް ރިލީޒް ކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ފޭނުންގެ ފޭވަރިޓެވެ.

"ލާލް ސިންގް ޗައްޑާ"ގެ ޝޫޓިން ލޮކްޑައުންގެ ކުރިން އިންޑިޔާގެ ދެ ރަށެއްގައި ކުރިޔަށް ގެންގޮސްފައި ވެއެވެ. އަދި އެ ޝޫޓިންގްތަކުގެ ބައެއް މަންޒަރުތައް ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ޝެއާ ކޮށްފައި ވެއެވެ. މި ފޮޓޯތަކުން ފެންނަ ގޮތުގައި އާމިރު މި ފިލްމުގައި ހުންނަނީ އާދަޔާޚިލާފު ބޮޑު ތުނބުޅިއެއް ލާފަ އެވެ.