ސަންޖޭ ދަތު

ސަންޖޭ ދަތު ބާރު ނޭޅިނަމަ "ސަޅަކް 2" ނުފެނުނީސް: ޕޫޖާ

"ސަޅަކް 2" އަކީ ޕޫޖާ ބަޓް އާއި ސަންޖޭ ދަތު 1991 ގައި ކުޅުނު "ސަޅަކް" ގެ ރިމޭކް އެކެވެ. ޕޫޖާ ބުނާ ގޮތުގައި "ސަޅަކް 2" އުފެއްދުމުގެ ޚިޔާލަކީ ސަންޖޭ ދަތުގެ ޚިޔާލެކެވެ. އޭނާ އެވަރަށް ބާރު ނޭޅިނަމަ މި ފިލްމު ވުޖޫދަކަށް ނައިސް ކަމަށް ޕޫޖާ ގަބޫލު ކުރެ އެވެ.

ސަންޖޭ ދަތުގެ 61 ވަނަ އުފަން ދުވަހާ ދިމާކޮށް ޕޫޖާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި "ސަޅަކް 2" ހަގީގަތަކަށް ހެދުމުގައި އެންމެ ބޮޑު ހިތްވަރެއް ދިން ސަންޖޫ އަށް ޝުކުރު އަދާކޮށްފައި ވެއެވެ. އެ ފިލްމު އުފައްދަން އެންމެ ބާރު އަޅައި އަދި ޕޫޖާގެ ބައްޕަ މަހޭޝް ބަޓް އަށް އެ ފިލްމު ޑައިރެކްޓް ކުރުމަށް ބާރު އަޅައި ހިތްވަރު ދިނީ ވެސް ސަންޖޫ ކަމަށް ޕޫޖާ ބުނެފައި ވެއެވެ.

ފިލްމު ޑައިރެކްޓް ކުރުމުން ރިޓަޔާ ކޮށްގެން ހުންނަތާ އެތައް އަހަރު ތަކަކަށްފަހު އަލުން އެ މަސައްކަތަށް މަހޭޝް ބަޓް އެނބުރި އައީ ސަންޖޫ ވަރަށް މަސައްކަތް ކޮށްގެންނެވެ.

މިފަހަރުގެ ފިލްމުގައި އަދިތުޔާ ރޯއި ކަޕޫރާއި އާލިއާ ބަޓް ޒުވާން ލޯބީގެ ޖޯޑެއްގެ ރޯލު ކުޅެފައި ވެއެވެ. އަދި ގުލްޝަން ގްރޯވަރާއި މަކަރަންދް ދޭޝްޕާންޑޭ ވެސް ބައިވެރިވެ އެވެ.

"މީގެ 29 އަހަރު ކުރިން ފެށުނު ލޯބީގެ ދަތުރެއް މިހާރު ވަނީ އަނެއްކާވެސް އާ އުދަރެހަކާ ދިމާލަށް ދަތުރު ކުރަން ފަށާފައި. ލޯބީގެ މަގުގައި،" ފިލްމުގެ ފުރަތަމަ ޓީޒާ އާއެކު އާލިއާ ކުރި ޓުވީޓެއްގައި ލިޔެފައި ވެއެވެ.

މި ފިލްމު ރިލީޒް ކުރާނީ ޑީޒްނީ-ހޮޓްސްޓާ އިންނެވެ. މިމަހުގެ 28 ވަނަ ދުވަހު މި ފިލްމުގެ ޑިޖިޓަލް ޕްރެމިއާ ބޭއްވުމަށް މިހާރު ވަނީ ހަމަ ޖެހިފަ އެވެ.

މި ފިލްމަކީ ގިނަ ދުވަސްތަކެއް ވަންދެން ފިލްމު ކުޅުން ހުއްޓާލާފައި ހުރުމަށްފަހު ޕޫޖާ ވެސް ފުރަތަމަ ފަހަރަށް ސްކްރީނުން ފެންނާނެ ފިލްމެވެ. އެހެންކަމުން ޕޫޖާ އާއި އާލިއާ އަދި މަހޭޝް ބަޓްގެ ފޭނުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މި ފިލްމު ބަލާލުމުގެ ޝައުގުވެރިކަން ހުރިކަން ދަނީ ސޯޝަލް މީޑިއާގައި ފާޅު ކުރަމުންނެވެ.