ފުއްޕާމޭގެ ކެންސަރަށް މިހާރު ފަރުވާ ހޯދަމުންދާ އެކްޓަރު ސަންޖޭ ދަތު އޭނާގެ ދަރިން ކައިރިއަށް ޑުބާއީއަށް ފުރައިފި އެވެ. ކެންސަރުގެ ތިން ވަނަ ސްޓޭޖުގައި ބަލި ހުރި ނަމަވެސް އޭނާގެ ހިތްވަރާއި އަޒުމް ބަލިވާކަށް ސަންޖޭ ބޭނުމެއް ނުވެ އެވެ. އެހެންވެ ބަލި ހުރިކަން އެނގި ހުރެ ވެސް އޭނާ ދިރިއުޅެމުން ދަނީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ.
މިދިޔަ ހަފުތާގައި އޭނާ ވަނީ ނުނިމި ހުރި ފިލްމުތަކުގެ ތެރެއިން "ޝަމްޝޭރާ"ގައި އޭނާ ކުޅެން ޖެހޭ ބައި ވެސް ކުޅެ ނިންމާލާފަ އެވެ. އެއީ ކެންސަރުގެ އެންމެ ވަރުގަދަ ފަރުވާ ފެށުމުގެ ކުރިން އޭނާއަށް ނިންމެން ހުރި ހުރިހާ މަސައްކަތެއް ނިންމަން ބޭނުން ވެގެންނެވެ.
އަންހެނުން މަންނީތާ އާއެކު ސަންޖޭ ބުދަ ދުވަހު ވަނީ ޑުބާއީ އަށް ގޮއްސަ އެވެ. ލޮކްޑައުންގެ ކުރިން އަންހެނުންނާއި ދެ ދަރިން ޑުބާއީ އަށް ދިޔަ ގޮތަށް އެމީހުން ތިބީ އިންޑިޔާ އަށް ނާދެވި އެ ރަށުގައި ތާށިވެފަ އެވެ. ނަމަވެސް ސަންޖޭގެ ބަލީގެ ޚަބަރު ލިބުމުން ދެ ދަރިން ޑުބާއީގައި އާއިލާގެ މީހުންގެ ކައިރީގައި ބައިތިއްބާފައި މަންނީތާ އެނބުރި މުމްބައި އަށް އައީ އެވެ.
ސަންޖޭގެ މިފަހަރުގެ ދަތުރަކީ ހަފުތާއެއްހާ ދުވަހަށް ކުރާ ދަތުރެކެވެ. އެއީ ބަލީގެ ފަރުވާގެ ދެން އޮތް މަރުހަލާއަކީ ވަރަށް އުނދަގޫ އެއްޗަކަށް ވާން ކަން ޔަގީންވާތީ އެ މަރުހަލާ ފެށުމުގެ ކުރިން ދަރިންނާ ބައްދަލުކޮށްލަން ބޭނުންވާތީ ކުރި ދަތުރެކެވެ. މި ކުރު ޗުއްޓީ ނިންމާލާފައި އެނބުރި މުމްބައި އަށް އައިސް ސަންޖޭ ކެންސަރުގެ ފަރުވާގެ ދެން އޮތް ބައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ކުރިން ހަމަޖެހިފައި އޮތީ އޭނާގެ ފަރުވާ އެމެރިކާގައި ކުރިޔަށް ގެންދާ ގޮތަށެވެ. ނަމަވެސް އޭނާ ސޮއިކޮށްފައިވާ ހުރިހާ ފިލްމެއް ފުރިހަމަ ކޮށްފައި ނޫނީ އެމެރިކާއަށް ދާން ސަންޖޭ ބޭނުން ނުވީ އެވެ. ސަންޖޭ ބުނެފައިވަނީ ނޮވެމްބަރު ނުވަތަ ޑިސެމްބަރު ހިސާބުގައި އޭނާ އެމެރިކާއަށް ފަރުވާއަށް ދާން ގަސްތުކުރާ ކަމަށެވެ. އޭގެ ކުރިން މުމްބައިގައި ހުރި ހޮސްޕިޓަލަކުން ފަރުވާ ކުރަމުން ގެންދާނެ ކަމަށެވެ.