ސަންޖޭ ދަތު

ކެންސަރު ބަލިކޮށް އެނބުރި އަންނާނަން: ސަންޖޭ

ސަންޖޭ ދަތަށް ކެންސަރު ޖެހިފައިވާކަން އެނގުނު ފަހުން ފުރަތަމަ ފަހަރަށް އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައިފި އެވެ. ސަންޖޭ މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ވަނީ އޭނާގެ އެކުވެރިޔާ އަދި މަޝްހޫރު ހެއާ ސްޓައިލިސްޓެއް ކަމަށްވާ އާލިމް ހާކިމް، ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ވީޑިއޯއެއްގަ އެވެ. ސަންޖޭ މި ވީޑިއޯ ޝޫޓް ކޮށްފައި ވަނީ ހާކިމްގެ ސެލޫނަށް ބޯކޮށަން ގޮސް އިނދެ އެވެ.

މި ވީޑިއޯގައި 61 އަހަރުގެ އެކްޓަރު ވަނީ ކެންސަރަށް ފަރުވާ ކުރުމުގެ ތެރޭގައި އޭނާގެ ހަށިގަނޑުގައި ލާފައި ހުރި ބޮޑެތި ލަކުނުތައް ވެސް ދައްކާލާފަ އެވެ. އަދި ކެންސަރު ބަލިކޮށް ވަރަށް އަވަހަށް ކެންސަރުން މުޅިން ސަލާމަތް ވާނެ ކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ.

ބޯ ކޮށިޔަސް ސަންޖޭ މިހާރު ހުންނަނީ ވަރަށް ތުނބުޅި ދިގުކޮށްފަ އެވެ. އެއީ އޭނާ މިހާރު ކުޅެން ފަށަން އުޅޭ ކަންނާޑާ ބްލޮކްބަސްޓާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 1" ގެ ސީކުއަލްގައި އޭނާ ކުޅޭ ކެރެކްޓާ ހުންނަނީ ދިގު ތުނބުޅިއެއް ލާފައި ކަމަށް ވާތީ އެވެ. މި ފިލްމުގައި ސަންޖޭ ކުޅެނީ ނުބައި ބައެވެ.

އޭނާ ބުނި ގޮތުގައި ނޮވެމްބަރު 1 ގައި އެ ފިލްމުގެ ޝޫޓިން ފަށަން ދަނީ ތައްޔާރު ވަމުންނެވެ. އެހެންވެ ފިލްމަށް ޚާއްސަ ސިފައަކަށް އޭނާގެ ސިފަ ބަދަލުކުރަން ޖެހެ އެވެ. އަދި "ޝަމްޝޭރާ" ގެ ޑަބިން މަސައްކަތް ވެސް އޮތް ކަމަށް އޭނާ ބުންޏެވެ.

"އަހަރެންގެ ގައިން ވިރުނު މަސްތައް ވެސް މިހާރު އަލުން އަނބުރާ އަންނަން ފަށައިފި،" އޭނާ ބުންޏެވެ.

ދާދިފަހުން ސަންޖޭ ވަނީ އަންހެނުން މަންނީތާ އާއެކު ޑުބާއީއަށް ދަތުރެއް ކޮށްފަ އެވެ. އެއީ އެ ރަށުގައި ތިބި އޭނާގެ ކުޑަ ދެބެން ދެކިލުމަށެވެ.

ސަންޖޭގެ ކެންސަރު ހުރިކަން އެނގުނީ މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އޭނާއަށް ނޭވާ ލާން ދަތި ވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ހެދި ޓެސްޓް ތަކަކުންނެވެ. އޭރު ސަންޖޭ އާއި އާއިލާއިން އޭނާއަށް ވެގެން އުޅޭ ގޮތް މީޑިއާތަކަށް ކިޔައެއް ނުދެ އެވެ. ނަމަވެސް ޓްރޭޑް އެނަލިސްޓް ކޯމަލް ނަހާތާ ކުރި ޓުވީޓެއްގައި ސަންޖޭގެ ފުއްޕާމެއަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަމުންދާ ކަމަށް ބުނުމުން އާއިލާއިން ބަޔާނެއް ނެރި އޭނާއަށް ކެންސަރު ޖެހިފައިވާކަން ހާމަ ކުރީ އެވެ.