ސަންޖޭ ދަތާއި މަންނީތާއަށް ލިބިފައިވާ އެއްމާބަނޑު ދެބެން ކަމަށްވާ ޝާހްރާން އާއި އިގްރާގެ 10 ވަނަ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ސަންޖޭ އެ ކުދިންނަށް ދިނީ ވަރަށް އުފާވެރި ޚަބަރެކެވެ.
ކެންސަރު ބަލިން އޭނާ މުޅިން ރަނގަޅުވެއްޖެކަމުގެ އުފާވެރި ޚަބަރެވެ. ބައްޔެއްގެ ސަބަބުން ފުރާނައަށް ނުރައްކާވެފައިވާ ބައްޕައެއްގެ ބަލި ފަސޭހަ ވެއްޖެ ކަމުގެ ޚަބަރަށްވުރެ އުފާވެރި ޚަބަރެއް އެމީހެއްގެ ދަރިންނަކަށް ނުލިބޭނެކަން ޔަގީނެވެ.
ސަންޖޭގެ ދެ ދަރިންނާއި އަންހެނުން މަންނީތާ މި ވަގުތު ތިބީ ޑުބާއީގައި ކަމަށް ވާތީ ކުދިންގެ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި ސަންޖޭ ބައިވެރި ވެފައިވަނީ ވީޑިއޯ ކޯލް މެދުވެރިކޮށެވެ.
އެންމެ ފަހުގެ ފަރުވާއަށް ފަހު ބަލި ހުރި ވަރު ދެނެގަތުމަށް ޓެސްޓްތައް ހަދައި އެ ނަތީޖާތައް ދެއްކަން ބުދަ ދުވަހު ސަންޖޭ ހޮސްޕިޓަލަށް ގޮސްފައި ވަނީ ކޮއްކޮ ޕްރިޔާދަތު އާއެކުގަ އެވެ. ހޮސްޕިޓަލުން ސަންޖޭއަށް ލިބުނީ ކެންސަރު މުޅިން ފަސޭހަ ވެފައިވާ ކަމުގެ އުފާވެރި ޚަބަރެވެ.
ޑޮކްޓަރާ ބައްދަލު ކޮށްފައި ހޮސްޕިޓަލުން އެނބުރި އައިސް ސޯޝަލް މީޑިއާގައި ޝެއާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކެންސަރު ބައްޔާ ހަނގުރާމަކޮށް އޭނާއަށް ކާމިޔާބު ލިބިއްޖެ ކަމަށެވެ. ފާއިތުވީ ހަފުތާ ތަކަކީ އޭނާއަށާއި އާއިލާއަށް ވަރަށް ބޮޑު ހިތާމައަކާއި ހިތްދަތިކަމެއް ލިބިގެންދިޔަ ދުވަސްތަކެއް ކަމަށާއި ނަމަވެސް ކަލާންގެ އިރާދަފުޅުން މި ބަލިން މިހާރު އޭނާ މުޅިން ފަސޭހަ ވެފައިވާ ކަމަށެވެ.
ދަރިންގެ 10 ވަނަ އުފަން ދުވަހު އޭނާއަށް މި ލިބުނު އުފާވެރި ޚަބަރަކީ ދަރިންގެ އުފަން ދުވަހު އޭނާއަށް ދެވޭނެ އެންމެ ރަނގަޅު ހަދިޔާ ކަމަށް ސަންޖޭ ބުންޏެވެ. ސަންޖޭ ވަނީ އޭނާއަށް ހެޔޮ ދުއާ ކުރި އެންމެންނަށާއި ފަރުވާ ދިން ޑޮކްޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.
ސަންޖޭ، 61، ގެ ފުއްޕާމެއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު ކުއްލިއަކަށް ނޭވާލާން ދަތިވެގެން އިމަޖެންސީކޮށް ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްފައި ބާއްވައިގެން ހެދި ޓެސްޓު ތަކަކުންނެވެ.
ސަންޖޭ އަށް ކެންސަރު ޖެހިފައިވާކަން ހާމަކުރަމުން އެ ދުވަސް އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ ކެންސަރު ހުރީ ތިން ވަނަ ސްޓޭޖުގައި ކަމަށެވެ. ނަމަވެސް ސަންޖޭގެ ކެންސަރަކީ ރަނގަޅު ކުރެވިދާނެ ހިސާބެއްގައި ހުރި ކެންސަރެއް ކަން ފަހުން ވަނީ ޔަގީން ކުރެވިފަ އެވެ. އަދި ކުރިން އެމެރިކާއިން ފަރުވާ ހޯދަން ދާން ހަމަޖެހިފައި އޮތް ސަންޖޭ މި ވަނީ މުމްބައިގެ ހޮސްޕިޓަލަކުން ފަރުވާ ހޯދައި ބަލިން މުޅިން ސަލާމަތް ވެފަ އެވެ.