ފިނިޕޭޖް

ސަންޖޭދަތު ފަރުވާ ހޯދަމުން "ޝަމްޝޭރާ" ނިންމާލައިފި

ކެންސަރު ބަލި ހުރިކަން އެނގިގެން ފިލްމީ މަސައްކަތާ ކުޑަ ދުވަސްކޮޅަކަށް ދުރަން ދާން ގަސްތުކުރާ ކަން ސަންޖޭ ދަތު އިއުލާން ކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭނާ އޭރު ބުނެފައި ވަނީ ފަރުވާ ހޯދަން ދުވަސްކޮޅަކަށް ފިލްމު ކުޅުން ހުއްޓާލަން ނިންމީ ކަމަށެވެ.
ނަމަވެސް ކުރިން ބުނި ގޮތަށް ސަންޖޭ ދަތު އެމެރިކާއަށް ފަރުވާ ހޯދާކަށް ނުދެ އެވެ. އޭގެ ބަދަލުގައި މުމްބައިގައި ހުރެގެން އޭނާ ފަރުވާ ހޯދަމުން ސޮއިކޮށްފައި ހުރި ފިލްމުތައް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޝަމްޝޭރާ" ގެ ޝޫޓިން ސަންޖޭ މިހާރު ވަނީ ފުރިހަމަ ކޮށްފަ އެވެ.

މި ފިލްމުގެ ބަތަލު ރަންބީރު ކަޕޫރު ވަނީ ތަންކޮޅެއް ކުރިން ފިލްމުގައި އޭނާ ކުޅެން ޖެހޭ ބައިގެ މަސައްކަތް ނިންމާފަ އެވެ. ސަންޖޭ ދަތު ކުރަން ޖެހޭ މަސައްކަތުން ބާކީ އޮތީ ދެ ދުވަހެވެ. އެ ދެ ދުވަހުގެ މަސައްކަތް އޭނާ ވެސް މިހާރު ވަނީ ފުރިހަމަ ކޮށްފަ އެވެ.

މި ފިލްމާ ގުޅުންހުރި މީހަކު މައުލޫމާތު ދިން ގޮތުގައި މި ފިލްމުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔައިރު ވައިއާރްއެފުން ވަރަށް ވަރުގަދަޔަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ވެއެވެ. ޝޫޓިންގް ހިނގަމުން ދާއިރު އެ ތަނުގައި ތިބެން ޖެހޭ އެންމެން ހޯމް ކަރަންޓީނުގައި ބައިތިއްބާފައި ކޮވިޑް-19 އިގެ ޓެސްޓްކޮށް ނެގެޓިވް ވުމުން ނޫނީ ޝޫޓިންގަށް ނުނެރެ އެވެ. ސަބަބަކީ ސަންޖޭ އަކީ ވަރަށް ނާޒުކު ފައްތަރެއްގައި ހުރި ބަލި މީހަކަށް ވާތީ އޭނާއަށް ކޮވިޑްގެ ނުރައްކަލެއް ކުރިމަތިވިޔަ ނުދިނުމަށެވެ.

"ޝަމްޝޭރާ"ގައި ސަންޖޭ އާއި ރަންބީރުގެ އިތުރުން ވާނީ ކަޕޫރު ބަތަލާގެ ބައި ކުޅެފައި ވެއެވެ. ކުރިން ހަމަޖައްސާފައި އޮތީ މި ފިލްމު ޖުލައި މަހު ރިލީޒް ކުރުމަށެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ފިލްމު ރިލީޒްކުރެވޭ ގޮތް ނުވީ އެވެ. މިހާރު ބެލެވެނީ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ.

ސަންޖޭ ބުނެފައިވަނީ އޭނާ މިވަގުތު މުމްބައިގައި ހުރެގެން ކެންސަރަށް ފަރުވާކުރަން ގަސްތުކުރާ ކަމަށެވެ. އަދި އެމެރިކާއަށް ދާނީ ކޮވިޑް ކަންތައް ކުޑަކޮށް މައިތިރިވެ އަދި އޭނާ ކުޅެން ހުރި ފިލްމުތަކުގެ މަސައްކަތްތައް ވެސް ނިންމާފަ ކަމަށެވެ.