ސަންޖޭ ދަތު އާއި މާދުރީ ޑިކްޝިޓް އަކީ އެމީހުންގެ ރަން ޒަމާނުގައި ވަރަށް ރީތި ގިނަ ފިލްމުތަކެއް އެކުގައި ކުޅެފައިވާ މަގްބޫލު ޖޯޑެކެވެ. "ސާޖަން" އާއި "ކަލްނާޔަކް" ގައި އެކުގައި މަސައްކަތް ކުރި ދުވަސްވަރު މި ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެ އިންޑިއާގެ މީޑިއާތަކުގައި ވަރަށް އަޑުގަދަ ކުރި އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން މި ދެ ތަރިން މީޑިއާގައި އެއް ވެސް އެއްޗެކޭ ނުބުނެ ގިނަ ދުވަސް ތަކަކު ތިއްބެވެ.
އޭނާ އާއި މާދުރީގެ އޮތް ގުޅުމާ ބެހޭ ގޮތުން ސަންޖޭ ދަތު ފުރަތަމަ ފަހަރަށް ވާހަކަ ދެއްކީ 1993 ގައި އިންޑިއާގެ މަޖައްލާއަކަށް ދިން އިންޓަވިއު އެއްގަ އެވެ. އެ އިންޓަވިއުގައި ސަންޖޭ ބުނެފައި ވަނީ އޭނާ އާއި މާދުރީގެ މެދުގައި ލޯބީގެ ގުޅުމެއް ދުވަހަކު ވެސް ނުބާއްވާ ކަމަށެވެ.
މި އިންޓަވިއުގައި ސަންޖޭ ބުނި ގޮތުގައި އެމީހުންގެ ލޯބީގެ ވާހަކަ މީޑިއާ ފެތުރެން ފެށިއިރު މާދުރީ ހުރީ "ކޭލް" ގެ ޝޫޓިންގަށް ކެންޔާގަ އެވެ.
މި ވާހަކަތައް ނޫސް މަޖައްލާތަކުން ފެނިގެން ވީ ދެރައިން އޭނާ ކެންޔާއަށް ގޮސް މާދުރީއާ ބައްދަލުކޮށް އޭނާގެ ކިބައިން މައާފަށް އެދުނު ކަމަށް ސަންޖޭ ބުންޏެވެ. ސަބަބަކީ އޭނާގެ އެއްވެސް ކުށެއް އެކަމުގައި ނެތް ނަމަވެސް އޭނާގެ ނަމާ ގުޅުވައިގެން މާދުރީގެ ނަން ޚަރާބުވެފައި ވާތީ އެވެ.
ސަންޖޭ ދަތު މައާފަށް އެދުމުން މާދުރީ އެ މައާފު ގަބޫލު ކުރި އެވެ. އަދި އެއީ ސަންޖޭ ދަތުގެ ކުށެއް އޮވެގެން ދައްކާ ވާހަކައެއް ނޫންކަން މާދުރީ ވެސް ގަބޫލުކުރި އެވެ.
ސަންޖޭ ދަތު އާއި މާދުރީ ވަނީ ވަރަށް ގިނަ ދުވަސްތަކަކު އެކުގައި ފިލްމު ނުކުޅެ ތިބުމަށް ފަހު 2019 ގެ އެޕްރީލްގައި ރިލީޒްވި "ކަލަންކް" އެކުގައި ކުޅެފަ އެވެ.